ޝައިމް ފިލުވުމުގައި ހިޔާގެ މުވައްޒަފުންގެ ބައިވެރިވުމެއް އޮތްތޯ ބަލަނީ

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ --- ސަން ފައިލް ފޮޓޯ

ދަފްތަރު ނަންބަރު 2997، ޝައިމް އަބްދުﷲ، ފިލުވުމުގައި، އޭރު އޭނާ ބަލަހައްޓަމުން ދިޔަ ވިލިނގިލީ ކުޑަކުދިންގެ ހިޔާގެ އެއްވެސް މުވައްޒަފެއްގެ ބައިވެރިވުން އޮތްތޯ ޖެންޑާ މިނިސްޓްރީ އިން ބަލަން ފަށައިފި އެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވީ ޝައިމް ފެނުނީ ދެ ކޮޓަރީގެ އެޕާޓްމަންޓަކުން ކަމަށާއި، ކުއްޖާ ފިލައިގެން ދިޔަ ކަމަށް ފުލުހުން ބެލި ބެލުމުންނާއި އަދި އަޅުގަނޑުމެން އެއްކުރި މައުލޫމާތުން ވެސް އެނގޭ ކަމަށެވެ.

ހަމައެއާއެކު ޝައިމް ފިލުވުމުގައި "ބޮޑެތި މީހުން" ގެ އަތެއް ވާކަމަށް ވެސް ފުލުހުން ދިން މައުލޫމާތުން އެނގޭ ކަމަށާއި އެހެންކަމުން ޝައިމް ފިލުވުމުގައި ކުޑަކުދިންގެ ހިޔާގެ އެއްވެސް ބައިވެރިވުމެއް އޮތްތޯ ބަލަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ އެކަން ހިނގާ ދިޔަ ގޮތް އިތުރަށް ބަލަމުން،. އަޅުގަނޑުމެން ގަބޫލުކުރަން ބޭނުންވޭ ކުޑަކުދިންގެ ހިޔާގެ އެއްވެސް މުވައްޒަފަކު އެކަމުގައި ބައިވެރިވެ އެއްވެސް ސިފައެއްގައި ޝާމިލުވެފައި ވޭތޯ،" ޝިދާތާ ވިދާޅުވި އެވެ.

ޝިދާތާ ވިދާޅުވީ ހިޔާގައި ތިބި ކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އަރާރުންވާ ފަދަ އެއްވެސް އަމަލެއް ހިންގާފައިވާ ކަން މުވައްޒަފެއްގެ ކިބައިން ފެނިއްޖެނަމަ އެކަން ޔަގީންކުރުމަށް ފަހު އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.

މިއަދުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ޝިދާތާ ވިދާޅުވީ ޝައިމް ގެއްލުނުކަން އެނގުނު ހިސާބުން ފެށިގެން ހުރިހާ ފަންގިފިލާއެއް ބަލާފައި ވާނެ ކަމަށާއި، އަދި ޝައިމް ފެންނަން ދެން ފުލުހުންނާ ގުޅިގެން އެ މިނިސްޓްރީ އިން މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.

ޝައިމް ގެއްލުނު އިރު ޑިއުޓީގައި ހުރި އެއް މުވައްޒަފަކު ވަގުތީ ގޮތުން މަސައްކަތުން ދުރުކޮށް ސަސްޕެންޑު ކޮށްފައި ވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ

ޝިދާތާ ވިދާޅުވީ ޝައިމް ގެއްލުނު މައްސަލައިގައި ޖެންޑާ މިނިސްޓްރީގެ އިތުރުން މުޅި ދައުލަތުން ވެސް ޒިންމާ ނަގަން ޖެހޭނެ ކަމަށެވެ.

comment ކޮމެންޓް