1500 އަށް ވުރެ ގިނަ ކުންފުނި އުވާލަން އިއުލާންކޮށްފި

ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް: އަހަރީ ފީ ނުދައްކައިގެން އިތުރު 1597 ކުންފުނި ވަނީ އުވާލާފައި --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

އަހަރީ ފީ ނުދައްކައިގެން 1500 އަށް ވުރެ ގިނަ ކުންފުންޏެއް އުވާލުމަށް އިކޮނޮމިކް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

މި މަހުގެ 11 ވަނަ ދުވަހު އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފައިވާ ލިސްޓުގައި 1597 ކުންފުންޏެއް އުވާލަން ވަނީ ހިމަނައިފައެވެ.

މިނިސްޓްރީ އިން ބުނީ އެއީ 2002 ން ފެށިގެން 2006 ވަނަ އަހަރުގެ ނިޔަލަށް އަހަރީ ފީ ދައްކައިފައި ނުވާ ކުންފުނިތަށް ކަމަށެވެ.

އެ ކުންފުނިތަށް އުވާލަން ނިންމީ، ކުންފުނި އުވައިލުމަށް ރެޖިސްޓްރާ އޮފް ކޮމްޕެނީޒް ކަނޑައަޅައި، އުވައިލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުންނެވެ.

އެ ގަވާއިދު ބުނާގޮތުން އަހަރީ ފީ ނުދައްކައިފިނަމަ ކުންފުނި އުވައިލުމަކީ ރަޖިސްޓްރާ އޮފް ކޮމްޕެނީސް އަށް ލާޒިމް ކުރާ ކަމެކެވެ.

އަދި ލިސްޓުގައި ހިމެނޭ ކުންފުނިތައް ހިންގަން ބޭނުންނަމަ، އެ ކުންފުންޏަކުން ފުރިހަމަކުރަންޖެހޭ އެންމެހާ އިންތިޒާމްތައް ފުރިހަމަކުރުމަށްފަހު، އެކަން އަންގައިދޭ ލިޔެކިޔުންތަކާއިއެކު، ކުންފުނި ހިންގަން ބޭނުންވާކަން އަންގައިދިނުމަށް، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ގާރާރެއް ފާސްކޮށް އަންނަ މަހުގެ ހަތަރެއްގެ ކުރިން އިކޮނޮމިކް މިނިސްޓްރީއަށް އަންގަން ޖެހޭނެއެވެ.

މިނިސްޓްރީން ވަނީ މިދިޔަ މަހު ވެސް އަހަރީ ފީ ނުދައްކައިގެން 523 ކުންފުންޏެއް އުވާލަން ނިންމައިފައެވެ. އެއީ ކުންފުނިތަކަކީ 1979 އިން 2001 ގެ ނިޔަލަށް އަހަރީ ފީ ނުދައްކައި ހުރި ކުންފުނިތަކެވެ.

comment ކޮމެންޓް