އއ. ބަތަލާގައި ހިންގި ބަތަލާ އައިލެންޑް ރިސޯޓު، ރީބްރޭންޑަކާއި އަދި ބޮޑެތި ބަދަލުތަކަކާއެކު އަލުން ހުޅުވައިފިއެވެ.
ބަތަލާ އައިލެންޑް ރިސޯޓުގެ ނަމުގައި އެ ރަށުގައި ރިސޯޓު ކުރިން ހިންގީ ތްރީއޭ ކުންފުނިންނެވެ. އެހެން ނަމަވެސް އެ ކުންފުނިން ފަހުން ވަނީ އެ ރިސޯޓު ސްވިޓްޒަލެންޑުގެ ޕްލޭންހޮޓެލް ހޮސްޕިޓެލިޓީ ގްރޫޕަށް ކުއްޔަށް ދީފައެވެ.
ބަތަލާ އަލުން ހުޅުވީ ޕްލޭންހޮޓެލްގެ ބްރޭންޑެއް ކަމުގައިވާ "ސޭންޑީސް ހޮޓެލްސް"ގެ ދަށުން، "ސޭންޑީސް ބަތަލާ"ގެ ނަމުގައެވެ.
މީގެ ކުރިން މޫދުކޮޓަރި ނުވަތަ ވޯޓާ ބަންގަލޯ ނުހުންނަ ބަތަލާ ރިސޯޓު މިދިޔަ މަހުގެ ތެރޭގައި އަލުން ހުޅުވި އިރު، އެ ރިސޯޓުގައި ވަނީ 24 ޒަމާނީ ވޯޓާ ވިލާ ހަދާފައެވެ. އެ ރިސޯޓުގައި މިހާރު ޖުމްލަ 70 ކޮޓަރި ހުންނަ އިރު، އޭގެ ތެރޭގައި ދެން ހިމެނެނީ 46 ބީޗު ބަންގަލޯއެވެ.
ހަތަރު ތަރީގެ ފެންވަރުގައި ހުޅުވި ސޭންޑީސް ބަތަލާގައި އިންފިނިޓީ ޕޫލަކާއި، ޖިމްއަކާއި ސްޕާއެއްގެ އިތުރުން މުނިފޫހިފިލުވުމާއި ކުޅިވަރާއި މޫދުކުޅިވަރުގެ ހިދުމަތް ދޭ ރިކްރިއޭޝަން ސެންޓަރެއް ހުރެއެވެ.
ޕްލޭންހޮޓެލް ހޮސްޕިޓެލިޓީ ގްރޫޕުގެ ރައީސް ސާރާ ރޮސޯ ވިދާޅުވީ ސޭންޑީސް ބްރޭންޑުގެ އެންމެ ފުރިހަމަ ކޮލިޓީ، ސޭންޑީސް ބަތަލާގައި ހުންނާނެ ކަމަށެވެ.
މިއީ ޕްލޭންހޮޓެލް ގްރޫޕުގެ ސޭންޑީސް ބްރޭންޑުގެ ދަށުން ރާއްޖޭގައި ހުޅުވި ފުރަތަމަ ރިސޯޓެވެ. އެހެން ނަމަވެސް އެ ގްރޫޕުގެ ޑައިމަންޑްސް ބްރޭންޑުގެ ދެ ހޮޓަލެއް ރާއްޖޭގައި ހިންގައެވެ. އެއީ އދ. އަތޮޅުގައި ހިންގާ ޑައިމަންޑްސް ތުނޑުފުށި އަދި ޑައިމަންޑްސް އަތުރުގާއެވެ.