އާމްދަނީއަށް 15 ޕަސެންޓްގެ ކުރިއެރުން، 8.8 ބިލިއަން ރުފިޔާ

މީރާ އިން ބަޔަކު ހިދުމަތް ހޯދަނީ: -- ސަން ފޮޓޯ/ އަލީ ނަސީރު

ދައުލަތުގެ ޓެކްސް އިދާރާ، މީރާ މެދުވެރިކޮށް މިދިޔަ މަހު ދައުލަތަށް ލިބުނު 1.49 ބިލިއަން ރުފިޔާއަކީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 15.4 ޕަސެންޓް އިތުރު އަދަދެއް ކަމަށް އެ އިދާރާއިން ބުނެފި އެވެ.

މީރާއަށް ޖޫން މަހު ލިބުނު އާމްދަނީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހު ލިބުނު 1.49 ބިލިއަން ރުފިޔާ އަކީ، 2018 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 1.29 ބިލިއަން ރުފިޔާއަށް ވުރެ 198.10 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

މީރާއިން ބުނީ، އާމްދަނީއަށް މި ކުރިއެރުން ލިބުނީ ޖީއެސްޓީ، ވިޔަފާރި ފައިދާގެ ޓެކްސް (ބީޕީޓީ)، ލޭންޑް ރެންޓް އަދި ބޭންކް ފައިދާގެ ޓެކުހުން ލިބުނު އާމްދަނީ އިތުރުވުމުން އެވެ.

މީރާއަށް މިިދިޔަ މަހު ލިބުނު އާމްދަނީ އަކީ ވެސް ލިބޭނެ ކަމަށް ލަފާކުރި އަދަދާ ބަލާއިރު، ނުވަ ޕަސެންޓް އިތުރު އަދަދެކެވެ. މީރާއިން ލަފާކުރާ ގޮތުގައި އެ ކުރިއެރުން ލިބުމުގެ މައިގަނޑު ސަބަބަކީ، ބީޕީޓީ އާއި ބޭންކް ފައިދާގެ ޓެކުހުގެ އާމްދަނީ އިތުރުވުމެވެ.

މިދިޔަ މަހުގެ ޖުމްލަ އާމްދަނީގެ 31 ޕަސެންޓް ހިއްސާކުރި ޖީއެސްޓީގެ ގޮތުގައި މިދިޔަ މަހު ވަނީ، 462.1 މިލިއަން ރުފިޔާ ލިބިފަ އެވެ. އަދި ދެވަނައަށް އެންމެ ގިނަ އާމްދަނީ ލިބުނު ބީޕީޓީއިން 320.1 މިލިއަން ރުފިޔާ ލިބުނު އިރު، ތިންވަނައަށް އެންމެ ގިނަ އާމްދަނީ ލިބުނު ބިމުގެ ކުލީގެ ގޮތުގައި 311.8 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

މިދިޔަ މަހު ލިބުނު އާމްދަނީ އިން ލިބިފައިވަނީ، 55.09 މިލިއަން ޑޮލަރެވެ.

މިއަހަރުގެ ހަމަސް ދުވަސް ފާއިތުވި އިރު، އާމްދަނީއަށް ވަނީ 8.8 ބިލިއަން ރުފިޔާ ލިބިފަ އެވެ. އެއީ މިދިޔަ އަހަރު ލިބުނު 8.5 ބިލިއަން ރުފިޔާއަށް ވުރެ، 3.6 ޕަސެންޓް އިތުރު އަދަދެކެވެ.

comment ކޮމެންޓް