ވިކްޓިމް އައިޑެންޓިފިކޭޝަން ސްޕެލިސްޓުން ތަމްރީން ކުރުމުގެ ޕުރޮގްރާމް ބާއްވައިފި

ވިކްޓިމް އައިޑެންޓިފިކޭޝަން ސްޕެލިސްޓުން ތަމްރީން ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓް ދެނީ -- ފޮޓޯ/ ޕޮލިސް

ވިކްޓިމް އައިޑެންޓިފިކޭޝަން ސްޕެޝަލިސްޓުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނިންމައި ބައިވެރިނަން ސެޓްފިކެޓް ދީފި އެވެ.

އިންޓަޕޯލްގެ ވިކްޓިމް އައިޑެންޓިފިކޭޝަން އަކީ މީހަކަށް ނުވަތަ ކުއްޖަކަށް އަނިޔާ ލިބެމުންދާ މަންޒަރުދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ފަދަ ހެކި ދިރާސާކޮށް އެ ހެކިތައް ބޭނުންކޮށްގެން އެ ކުށް ހިންގާފައިވާ ތަނާއި އަނިޔާ ލިބެމުންދާ މީހާއާއި ތުހުމަތުކުރެވޭ މީހާ ދެނެގަނެ އެކަމަށް ފިޔަވަޅު އެޅުމަށް ބައްޓަން ކުރެވިފައިވާ ނިޒާމެކެވެ.

ފުލުހުންނަށް ހިންގި ތަމްރީން ޕްރޮގްރާމަކީ އިންޓަޕޯލްގެ ވިކްޓިމް އައިޑެންޓިފިކޭޝަން އަދި އިންޓަނޭޝަނަލް ޗައިލްޑް ސެކްޝުއަލް އެކްސްޕްލޮއިޓޭޝަން ޑޭޓާބޭސް ބޭނުންކުރަން ދިވެހި ފުލުހުން ތަމްރީން ކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މި ނިޒާމު ބޭނުންކުރުމުން، އަނިޔާއެއް ލިބެމުންދާ މަންޒަރު ފެންނަ ފޮޓޯއެއް ނުވަތަ ވީޑިއޯ އެއް ލިބިއްޖެނަމަ، ވިކްޓީމް އައިޑެންޑިފިކޭޝަން ސްޕެޝަލިސްޓުން، ފޮޓޯ ނުވަތަ ވީޑިއޯގެ ފުރިހަމަ ދިރާސާއެއްކޮށް ތަހުގީގީ އުކުޅުތަކާއި ހާއްސަ ވަސީލަތްތަކުގެ އެހީގައި އަނިޔާލިބެމުންދާ ކުއްޖާ ނުރައްކަލުން ސަލާމަތްކުރަން މަސައްކަތް ކުރުމުގެ މަގު ފަހިވެގެންދެ އެވެ.

މި ކަމަށް ބޭނުންކުރާ އެއް ވަސީލަތަކީ އިންޓަނޭޝަނަލް ޗައިލްޑް ސެކްޝުއަލް އެކްސްޕްލޮއިޓޭޝަން ޑޭޓާބޭސް އެވެ. މި ޑޭޓާ ބޭސްގައި ހިމެނޭ އިމޭޖް ކޮމްޕެރިސަން ސޮފްޓްވެއާގެ އެހީގައި ތަފާތު ފޮޓޯތައް އަޅާ ކިޔައި ފޮޓޯތަކާ ގުޅޭ މައުލޫމާތު މި ޑޭޓާބޭސް ބޭނުންކުރާ ފަރާތްތަކާ ހިއްސާކުރާނެ އެވެ. މިއީ ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ގައުމުތަކަކުން މިހާރުވެސް ބޭނުންކުރަމުން ގެންދާ ވަސީލަތެކެވެ.

ޖުލައި 8، 2019 ވަނަ ދުވަހުން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ތަމްރީން ޕްރޮގްރާމް ނިންމުމަށް އިއްޔެ އިންކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ޔުނިސެފްގެ ރާއްޖޭގެ ރެޕްރެޒެންޓޭޓިވް ޑރ. މުނީރު ސަފީލްދީން އެވެ.

އެ ރަސްމިއްޔާތުގައި އޭނާ ވަނީ، ކުޑަކުދިން ނުރައްކަލުން ސަލާމަތްކޮށް ކުޑަކުދިންނާ ގުޅުހުންހުރި މައްސަލަތަތައް ތަހުގީގު ކުރުމުގައި ފުލުހުންގެ ގާބިލްކަން މިހާރަށްވުރެ އިތުރުކުރުމަށް ދިވެހިން ކުރާ މަސައްކަތް ފާހަގަ ކުރައްވައިފަ އެވެ. އޭގެ އިތުރުން، ޓްރާންސް ނޭޝަނަލް ކުށްތައް އިތުރުވަމުންދާއިރު، ޖިންސީގޯނާ ކުރުމުގެ މައްސަލަތައްވެސް އެފަދަ މައްސަލަތަކުގެ ތެރެއަށް ވަންނަމުންދާކަންވެސް ފާހަގަކުރައްވައި، މައުސޫމް އެތައް ކުދިންނެއް މިފަދަ ކުށްތަކުގެ ޝިކާރައަކަށް ވަމުންދާކަން ޑރ. މުނީރު ސަފީލްދީން ފާހަގަކުރެއްވި އެވެ.

"އެހެންކަމުން، ނިމިގެންދިޔަ ތަމްރީން ޕްރޮގްރާމަކީ ޓްރާންސްނެޝަނަލް ޖިންސީގޯނާއިން ދިވެހިރާއްޖޭގެ ކުޑަކުދިން ރައްކާތެރިކުރުމަށް ވަރަށް މުހިއްމު ޓްރޭނިން ޕްރޮގްރާމެއް. އަޅުގަނޑު އުންމީދުކުރަނީ، މި ޕްރޮގްރާމްގެ ބައިވެރިންނަށް ލިބުނު މަޢުލޫމާތާއި ހުނަރުގެ ބޭނުން ހިފައި ކުޑަކުދިންނަށް މިހާރަށްވުރެ ރައްކާތެރި މާހައުލެއް ބިނާކުރެވިގެންދާނެކަމަށް" ޑރ. މުނީރު ވިދާޅުވި އެވެ.

ރަސްމިއްޔާތު ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ހަނީފު ވަނީ، ފުލުހުންގެ އިންސާނީ ވަސީލަތް ތަރައްގީކޮށް ފުލުހުންގެ ހުނަރު ކުރިއެރުވުމުގައި ޔުނިސެފްގެ ފަރާތުން ވެދޭ އެހީތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ.

އޭނާ އަދި ވަނީ، އެ ޑޭޓާބޭސްގެ މުހިއްމުކަން ފާހަގަކުރައްވައި ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމާ ދެކޮޅަށް ދިވެހި ފުލުހުން ކުރަމުންދާ މަސައްކަތުގައި މި ޑޭޓާބޭސް މުހިއްމު ރޯލެއް އަދާކުރާނެކަން ފާހަގަ ކުރައްވައިފަ އެވެ.

މި ތަމްރީން ޕްރޮގްރާމްގައި މައުލޫމާތު ދެއްވީ އިންޓަޕޯލްގެ ޓްރޭނަރުން ކަމުގައިވާ މިސް ސިސިލިޔާ ވޮލިން އާއި މިސް ގޮޑާނާ ވުޖިސިކް އެވެ.

މި ރަސްމިއްޔާތުގައި ޝަރަފުވެރިމެހެމާން ޑރ. މޫނީރު ސަފީލްދީންގެ އިތުރުން، އިންޓަޕޯލްގެ ޓްރޭނަރުންނާއި ޔުނިސެފް މޯލްޑިވްސް ޕްރޮގްރާމް ސްޕެޝަލިސްޓް މުހައްމަދު ނައީމާއި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާވޫދާއި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ބައިވެރިވެލެއްވި އެވެ.

މި ޕްރޮގްރާމްގައި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ އަށް އިންވެސްޓިގޭޝަން އޮފިސަރުންނާއި ޑަރިރެކްޓަރޭޓް އޮފް އިންޓެލިޖެންސްގެ ދެ އިންޓެލިޖެންސް އެނަލިސްޓުން ބައިވެރިވެ ކާމިޔާބުކަމާއެކު ތަމްރީން ފުރިހަމަކޮށްފައިވެ އެވެ.

comment ކޮމެންޓް