އިންޑިއާ ބަލިވި ނަމަވެސް "ކަޅު ތޮފީގެ ވެރީންނަށް" ކޯލީގެ ތައުރީފު

ނިއުޒީލެންޑާއި އިންޑިއާ ބައްދަލު ކުރި މެޗަށްފަހު އިންޑިއާގެ ކެޕްޓަން ވިރާތު ކޯލީއާއި ނިއުޒީލަންޑުގެ ވިލިއަމްސަން ސަލާން ބަދަލު ކޮށްލަނީ --- ފޮޓޯ/ ރުސެލް ގްރީވްސް

މިހާރު ކުރިއަށް ދާ ކުރިކެޓު ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި ނިއުޒީލެންޑުގެ އަތްދަށުވެ އިންޑިއާ ކެޓި ނަމަވެސް އެ ޓީމުގެ ކެޕްޓަން ވިރާތު ކޯލީ އިދިކޮޅު ޓީމުން ދެއްކި މޮޅު ކުޅުމަށް ތައުރީފުގެ ބަސްތައް ބަންޑުން ކޮށްލައިފި އެވެ.

އެއްވަނައިގެ ގޮތުގައި ގުރޫޕް ސްޓޭޖު ފަަހަނަ އަޅައި އިންޑިއާއިން މުބާރާތުގެ ސެމީ ފައިނަލަށް ބޮޑެތި އުންމީދުތަކާ އެކު ދަތުރު ކުރި ނަމަވެސް ނިއުޒީލެންޑުން އިންޑިއާގެ އެ އުންމީދުތައް ރޭ ވަނީ ފުނޑު ފުނޑު ކޮށްލާފަ އެވެ. ވިއްސާރައިގެ ސަބަބުން ދެ ދުވަހަށް ދެމިގެން ދިޔަ އެ މެޗުން ނިއުޒީލެންޑުން ކުރި ހޯދީ 18 ލަނޑުގެ ތަފާތަކުންނެވެ.

ކުރިކެޓު ވޯލްޑް ކަޕުގެ ސެމީ ފައިނަލުން އިންޑިއާ ކެޓުމާ ގުޅިގެން އެ ޓީމުގެ ކެޕްޓަން ވިރާތު ކޯލީއަށް ކުރި އަސަރު --- ފޮޓޯ/ ރުސެލް ގްރީވްސް

މިފަހަރުގެ ވޯލްޑް ކަޕުގައި ވެސް މިހާތަނަށް ކުޅުނު އެންމެ ފޯރިގަދަ މެޗުގައި ފާހަގަވި އެ މެޗުން އިންޑިއާ ބަލިވި އިރު އެ ޓީމުގެ ކުޅުންތެރިންނަށް ވަނީ ބޮޑު ހިތާމައެއް ކުރިމަތި ވެފަ އެވެ. "ކުރިކެޓުގެ ގަދަބާރު" ގެ ގޮތުގައި މުޅި ދުނިޔޭގެ ވެސް ރަސްކަން ކުރަމުން އަންނަ އިންޑިއާއިން ހިތްދަތި ގޮތަކަށް އެ މެޗުން ބަލިވި ނަމަވެސް އެ ޓީމުގެ ކެޕްޓަން ވިރާތު ކޯލީ ބުނީ އިންޑިއާއިން މެޗުގައި ދެއްކީ މޮޅު ކުޅުމެއް ކަމަށެވެ.

އޭނާ ބުނީ އެ މެޗުގައި ތަފާތަކަށް ވެގެން ދިޔައީ "ކަޅު ތޮފީގެ ވެރިން" ގެ ބޯޅަ އުކުމުގެ ހުނަރުވެރިކަން ކަމަށް ކޯލީ ބުންޏެވެ.

"އެމީހުން މެޗުގެ ފުރަތަމަ ގަޑި އިރަކާ ބައި ވަންދެން އުކި ބޯޅަ ތަކުގެ ސަބަބުން އަހަރަމެނަށް ނަތީޖާ އަނބުރާލަން ދަތިވީ. އިންޑިއާއިން ވަކި ދެރަ ކުޅުމެއް ނޫން ދެއްކީ،" ކޯލީ ބުންޏެވެ.

މެންޗެސްޓާގެ އޯލްޑްޓްރަފާޑްގައި ކުޅުނު މެޗުގައި، ނިއުޒިލޭންޑުން ވަނީ 50 އޯވަރުގެ ތެރޭގައި 239 ލަނޑު ހަދާފަ އެވެ. އިންޑިއާ އަށް 49.3 އޯވަރުގެ ތެރޭގައި ހެދުނީ 221 ލަނޑެވެ.

ދިހަ ގައުމަކުން ވާދަ ކުރި މިފަހަރުގެ ވޯލްޑް ކަޕުގައި ކުރިކެޓުގައި ބޮޑެތި ބައެއް ގައުމުތަކުން ހިތްދަތި ގޮތަކަށް ކެޓި އިރު ބައެއް ޓީމުތަކުން ވަނީ ބެލުންތެރިން ސިއްސުވާލާ ފަދަ މޮޅު ކުޅުމެއް މި މުބާރާތުގައި ދައްކާފަ އެވެ.

comment ކޮމެންޓް