ލަމްޕާޑްގެ ކޯޗު ކަމުގައި ކުޅުނު ފުރަތަމަ މެޗުން ޗެލްސީ އެއްވަރު

ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑު --- ފޮޓޯ// ޑެޔަން ކަލިނިޗް

ޗެލްސީގެ ކޯޗު މޯރީޒިއޯ ސަރީ އެ ޓީމު ދޫކޮށް އިޓަލީގެ ޔުވެންޓަސްއަށް ދިއުމާ ގުޅިގެން އެ ޓީމުން ދާދި ފަހުން ކޯޗު ކަމަށް ގެނައި، އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ފްރޭންކް ލަޕްޕާޑްގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުން އެ ޓީމު އެއްވަރު ވެއްޖެ އެވެ.

ކުޅުންތެރިންގެ "ބޮޑު ޗުއްޓީ" އަށް ފަހު އަލުން އަނބުރާ ގިނަ ކުލަބުތަކަކުން ޕްރި ސީޒަން ފަރިތަކުރުންތައް މިހާރު ފަށާފައިވާ އިރު ޓްރާންސްފާ މާކެޓުވެސް ވަނީ ނުހަނު ހަލަބޮލި ވެފަ އެވެ. ޓީމުތައް ވަރުގަދަ ކުރުމަށް ބޮޑެތި އަގުތަކުގައި ކުޅުންތެރިން ގެންނަމުން ދާއިރު ޗެލްސީ ވަނީ އެކަން ކަމުން އެކަހެރިވެފަ އެވެ.

ސަބަބަކީ 18 އަހަރު ނުފުރޭ ކުޅުންތެރިން ގަވާއިދާ ޙިލާފަށް ގަނެވިއްކި މައްސަލައިގައި އެކުލަބަށް ވަނީ ކުރިއަށް އޮތް ދެ ސީޒަނުގައި ވެސް ކުޅުންތެރިޔަކު ނުގަނެވޭނެ ގޮތަށް ފީފާއިން އަދަބު ދީފައި ކަމަށް ވާތީ އެވެ. ނަމަވެސް ޗެލްސީއިން ވަނީ ލޯނުތަކަށް ދޫކޮށްފައިވާ ގިނަ ކުޅުންތެރިންތަކެއް އެ ޓީމަށް އަނބުރާ ގެނެސް ރަނގަޅު ސްކޮޑެއް އެކުލަވާލައިފަ އެވެ.

ވޭތުވެ ދިޔަ ސީޒަނުގެ ޔޫރޮޕާ ލީގުގެ ތަށްޓާ އެކު ޗެލްސީގެ ކޯޗުކަން ސަރީ ދޫކޮށްލުމާ ގުޅިގެން އެކުލަބުން އެންމެ ބޮޑު މަސައްކަތެއް ފެށީ އެ ޓީމަށް ކުރިން ކުޅުނު ލަމްޕާޑް އެ ޓީމުގެ ކޯޗުކަމަށް ގެނައުމުގެ މަސައްކަތެވެ. އިނގިރޭސި ވިލާތުގެ ދެވަނަ ޑިވިޝަނުގައި ކުޅޭ ޑާބީ ކައުންޓީއަށް ކާމިޔާބު ސީޒަނެއް ހޯދައިދިނުމަށްފަހު ލަމްޕާޑް އެނބުރި ޗެލްސީއަށް ބަދަލުވެ ކުޅުންތެރިންނާ އެކު މިހާރު ވަނީ ފަރިތަކުރުންތައް ފަށައިފަ އެވެ.

އެގޮތުން އެ ޓީމުން ވަނީ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ރޭ މެޗެއް ކުޅެފަ އެވެ. ދަރަޖައިގެ ގޮތުން މާބޮޑަށް ވެސް ދަށުގައި އޮތް ބޮހެމިއަން އެފްސީއާ ދެކޮޅަށް ރޭ ކުޅުނު މެެޗުން ޗެލްސީ ވަނީ އެއްވަރު ވެފަ އެވެ.

އެ މެޗުގައި ޗެލްސީގެ މިޗީ ބަޓްޝުއާއީ ފުރަތަމައިން ގޯލު ޖަހައި ލީޑު ނަގާފައި ވަނިކޮށް ބޮހެމިއަންއިން މެޗުގެ ނަތީޖާ އެއްވަރު ކުރީ މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ލަމްޕާޑް ބުނީ މުހިއްމީ ނަތީޖާ ނޫން ކަމަށެވެ. ނަމަވެސް ކުޅުންތެރިން ދެެއްކި ކުޅުމާ ދޭތެރޭ ހިތްހަމަ ޖެހޭ ކަމަށެވެ.

"ވަރަށް ދުވަހަށް ފަހު ގިނަ ކުޅުންތެރިންތަކެއް އަލުން މެޗަކަށް ނުކުތީ. އިދިކޮޅު ޓީމަކީ ވެސް ދެރަ ޓީމެއް ނޫން،" ލަމްޕާޑް ބުންޏެވެ.

comment ކޮމެންޓް