ސްކޫލުތަކުގެ ބޮޑު ޗުއްޓީ އަހަރުގެ މެދުތެރެއަށް ބަދަލުކުރަން އެޑިއުކޭޝަނަށް ހުށަހަޅައިފި

އަލީ ވަހީދު--ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ސްކޫލުތަކުގެ ބޮޑު ޗުއްޓީ އަހަރުގެ މެދުތެރެއަށް ބަދަލުކުރަން އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު "ސަން" އަށް މިއަދު ވިދާޅުވީ ބޮޑު ޗުއްޓީ އަހަރުގެ މެދުތެރެއަށް ބަދަލުކުރަން މިއަހަރުގެ ކުރީކޮޅު އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހަޅާފައިވާނެ ކަމަށެވެ.

"މިނިސްޓްރީން އަޅުގަނޑު ކައިރީ ދެންނެވި އެކަމުގެ ދިރާސާތައް މިހާރު ކުރަމުންދާކަމަށް. އަޅުގަނޑު މިހާރު އެޑިއުކޭޝަން މިނިސްޓްރީގެ ޖަވާބެއްގެ އިންތިޒާރެއްގައި މިތިބީ،" އަލީ ވަހީދު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ ބޮޑު ޗުއްޓީ އަހަރުގެ މެދުތެރެއަށް ބަދަލުކުރުމަށް އެދި ޓޫރިޒަމް މިނިސްޓްރީން އެޑިއުކޭޝަންއަށް އެންމެ ފުރަތަމަ ސިޓީ ފޮނުވީ މިދިޔަ ޖެނުއަރީ މަހު ކަމަށެވެ. އެއަށްފަހު އޭޕްރީލް މަހުވެސް ވަނީ އެކަމާ ގުޅޭގޮތުން ސިޓީއެއް ފޮނުވައިފަ އެވެ.

ބޮޑު ޗުއްޓީ އަހަރުގެ ފަހުކޮޅާ ދިމާވުމަކީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ވަަރަށް ބޮޑު ކަންބޮޑުވުމެކެވެ. އެ ދުވަސްވަރަކީ ރިސޯޓްތައް ފުރިބާރުވާ ދުވަސްވަރުކަމުން ރިސޯޓް ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް އާއިލާއާްއެކު ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ނުލިބެއެވެ. އަހަރުގެ ފަހުކޮޅަކީ ސްކޫލުތައްވެސް ބަންދުވާ ދުވަސްވަރެެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކާއި ދިވެހިންނަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެކަމާ ގުޅޭ މާސްޓާ ޕްލޭން މިމަހު 30 ގައި އިފްތިތާހުކުރުމަށް ހަމަޖެހިފައިވާ ކަަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް