ގްރީސްގެ އައު ބޮޑުވަޒީރު ކިރިޔާކޮސް މަގާމުގެ ހުވާ ކުރައްވައިފި

ކިރިޔާކޮސް މިޓްސުޓާކިސް ބޮޑުވަޒީރު ކަމުގެ ހުވާ ކުރައްވަނީ

އެތެންސް (ޖުލައި 9) : ގްރީސްގައި ބޭއްވި އާންމު އިންތިޚާބު ކާމިޔާކުރެއްވި އެގައުމުގެ ނިއު ޑިމޮކްރަސީ ޕާޓީގެ ޒައީމް ކިރިޔާކޮސް މިޓްސުޓާކިސް ބޮޑުވަޒީރު ކަމުގެ ގާނޫނީ ހުވާކުރައްވައިފި އެވެ.

ބޮޑުވަޒީރު ކަމުގެ ހުވާކުރެއްވުމަށް ފަހު ދެއްވި ބަޔާނެއްގައި މިޓްސުޓާކިސް ވިދާޅުވީ އޭނާގެ ބޮޑުވަޒީރުކަމުގައި ގްރީސްގެ ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހަދާނެކަމަށާއި ފާއިތުވި ހަތަރު އަހަރު ގެންގުޅުނު ޚަރަދު ކުޑަކުރުމުގެ ޕްރޮގްރާމު ވެސް ނިމުމަކަށް ގެނަސް ރައްޔިތުންގެ ޖީބުތަކަށް ލުއި ގެނަސް ދެއްވާނެ ކަމުގަ އެވެ.

މިދިޔަ އާދީއްތަ ދުވަހު ގްރީސްގައި ބޭއްވި އާއްމު އިންތިޚާބުގައި ކިރިޔާކޯސް މިޓްސުޓާކިސްގެ ނިއު ޑިމޮކްރަސީ ޕާޓީން ވަނީ ޕާލަމެންޓްގައި ހިމެނޭ 300 ގޮނޑީގެ ތެރެއިން 158 ގޮނޑި ކާމިޔާބުކޮށްފަ އެވެ. ބޮޑުވަޒީރުކަމުގައި ކުރިން ހުންނެވި އެލެކްސިސް ސިޕްރާސްގެ ސިރިޒާ ޕާޓީ ހިމެނޭ ކޯލިޝަނަށް ލިބުނީ 137 ގޮނޑި އެވެ. އިންތިޚާބުގެ ކޭންޕޭންގައި އައު ބޮޑުވަޒީރު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތަކުގެ ތެރޭގައި އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމަށް ފަހު ފުރްސަތުތަކެއް ތަނަސްވަކޮށްދިނުމާއި އާންމުންގެ އަތުން މިހާރު ނަގާ ޓެކްސް ތަކުގެ މިންވަރު ދަށްކުރުމަށާއި ސަރުކާރުން ރައްޔިތުންނަށް ދޭ އާއްމު ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ކަންތައް ވިޔަފާރީގެ އުސޫލުން ޕްރައިވެޓް ސެކްޓަރަށް ދޫކޮށްލުން ހިމެނެ އެވެ.

މީގެއިތުރުން ގްރީސްއަށް ލޯންތައް ދޫކޮށްފައިވާ ފަރާތްތަކާއެކު އަލުން ވާހަކަދައްކައިގެން ދަރަންޏަށް ދައްކަންޖެހޭ ވަރުކުޑަކޮށް އިންވެސްޓްކުރުމަށް ޓަކައި ފައިސާ ރައްކާކުރެވޭނެ ގޮތްތައް މިހާރަށް ވުރެ ބޮޑަށް ފަހިކުރުމަށް ވެސް މިޓްސުޓާކިސް ވަނީ ވައުދުވެވަޑައިގެންފަ އެވެ.

ފާއިތުވި ހަތަރު އަހަރު ގްރީސްގައި ވެރިކަންކުރެއްވި ކުރީގެ ބޮޑުވަޒީރު އެލެކްސިސް ސިޕްރާސްގެ ވެރިކަމުގައި ވަނީ 2008 ވަނަ އަހަރު ގްރީސް ވެއްޓިގެން ދިޔަ ދަރަނީގެ މައްސަލަތަކުންނާއި އެނޫން ވެސް އިގްތިސާދީ މައްސަލަތަކުން އެގައުމު ސަލާމަތްކޮށްދިނުމުގައި ކާމިޔާބު ހޯއްދަވާފަ އެވެ. ނަމަވެސް ގްރީސްގެ އިގްތިސާދު އިތުރަށް ހަރުދަނާކުރުމަށް ޓަކައި އޭނާ ތަންފީޒު ކުރައްވަން ފެއްޓެވި ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ސަބަބުން ރައްޔިތުންނަށް މާލީ ދަތިތަކެއް ކުރިމަތިވެގެން ދިޔުމަކީ އޭނާގެ ސިރިޒާ ޕާޓީ ގެ ކޯލިޝަނަށް އިންތިޚާބު ނާކާމިޔާބުވި މައިގަނޑު ސަބަބު ކަމަށް ރިޕޯޓްތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް