މި އަހަރު އެންމެ ގިނަ ދައުވާ ރައްދުވީ ޕޮލިހާއި، ޑިފެންސްގެ މައްޗަށް!

ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އެންމެ ގިނަ ދައުވާ ރައްދުވި ސަރުކާރުގެ އިދާރާތަކަކީ ފުލުހުންނާއި އާއި ޑިފެންސް މިނިސްޓްރީ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

މިއަދު އޭޖީ އޮފީހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ފުލުހުންނަށް 22 ދައުވާއެއް ރައްދުވެ، އޭޖީ އޮފީހުން ވަކާލާތު ކުރަން ޖެހުނެވެ. އެއީ ވަޒީފާއާ ގުޅޭ 22 މައްސަލައެއްގަ އެވެ.

ޑިފެންސް މިނިސްޓްރީ އަށް 11 ދައުވާއެއް ރައްދުވި އިރު، ހައުސިން މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީއަށް ނުވަ ދައުވާއެއް ރައްދުވި އެވެ.

އެޓާނީ ޖެނެރަލް އޮފީހުގެ އެހެނިހެން ތަފާސް ހިސާބުތަކަށް ބަލައިލާއިރު، ފުރަތަމަ ހަ މަސް ދުވަހު އެ އޮފީހުން ވަނީ 1123 އަޑުއެހުމަކަށް ހާޒިރުވެ 167 މައްސަލައިގައި ވަކާލާތުކޮށްފަ އެވެ. އޭގެ ތެރޭގައި ދައުލަތަށް ރައްދުވާ 111 މައްސަލަ ހިމެނެ އެވެ.

އެއީ ސިވިލް ކޯޓުގައި ހިނގި 67 މައްސަލަ އާއި، ހައި ކޯޓުގައި ހިނގި 15 މައްސަލަ، ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އަށް ހުށަހެޅުނު 14 މައްސަލައަކާއި، މެޖިސްޓްރޭޓް ކޯޓުތަކުގައި ހިނގި 10 މައްސަލައިގެ އިތުރުން ސުޕްރީމު ކޯޓުގައި ހިނގި ފަސް މައްސަލައިގަ އެވެ.

ހަމަ އެ މުއްދަތުގައި އެ އޮފީހުން 56 މައްސަލައެއްގައި ވަނީ ދައުވާ ކޮށްފައެވެ. އެއީ ހައި ކޯޓުގެ 24 މައްސަލަ، ސިވިލް ކޯޓުގެ 21 މައްސަލަ، ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އަށް ހުށަހެޅުނު ހަ މައްސަލަ، އަދި ސުޕްރީމު ކޯޓަށް ހުށަހެޅުނު ފަސް މައްސަލައެވެ.

އެ މުއްދަތުގައ ކޯޓުތަކަށް ހުށަނޭޅިވަނީ 21 މައްސަލައެކެވެ.

comment ކޮމެންޓް