ބުރިޖާއި ހައިވޭގައި ކެމެރާ ހަރުކުރުމަށް ފައިބާ ކޭބަލްތައް އަންނަ ހަފްތާގައި އަޅަން ފަށަނީ

ސިނަމާލެ ބުރިޖު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިނަމާލެ ބުރިޖާއި އަދި އެތަނާ ގުޅޭ ހައިވޭގައި ކެމެރާ ހަރުކުރުމަށް ފައިބާ ކޭބަލްތައް އަންނަ ހަފްތާގައި އަޅަން ފަށާ ގޮތަށް ނިންމައިފިއެވެ.

ޕްލޭނިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ ބުރިޖުގައި ކެމެރާތައް ހަރުކުރުމަށް އަށް ފަރާތަކުން ބީލަން ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ބަޔަކާ މިދިޔަ ހަފްތާގައި އެ މަސައްކަތް ހަވާލުކޮށް ކޮންޓްރެކްޓް ހަދާފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޭބަލްތައް ވަޅުލައި ކެމެރާތައް ތިން މަސްތެރޭ ހަރުކުރެވޭނެ ކަަމަށެވެ. އެގޮތުން ބުރިޖާއި ހައިވޭގައި 97 ކެމެރާ ހަރުކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި އޭގެ ސަބަބުން އެކްސިޑެންޓެއް ހިނގިޔަސް ކަން ހިނގިގޮތް ހޯދަން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ސިނަމާލެ ބުރިޖާއި އަދި ގުޅިފައިވާ ހައިވޭގައި ސީސީޓީވީއާއި ސްޕީޑް ކެމެރާ ހަރުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައިވެސް ހިމެނޭ ކަމެކެވެ.

ބުރިޖު އަދި ހައިވޭގައި ސްޕީޑް ކެެމެރާ ހަރުކުރުމުން އެތަނުގެ މަތިން ދުއްވާ އުޅަނދުތަކުގެ ސްޕީޑްވެސް އެނގިގެންދާނެއެވެ.

ބުރިޖުގައި މިހާރުވެސް ދޭތެރެ ދޭތެރެއިން ނުރައްކާތެރި އެކްސިޑެންޓް ހިނގައި އަދި ހައިވޭގެ ޑިވައިޑަރުތައް ދޭތެރެ ދޭތެެރެއިން ފުނޑިގެން ދެއެވެ.

comment ކޮމެންޓް