އިންޑިއާ މުއާހަދާގެ ސަބަބުން އެއްވެސް ރައްޔިތެއްގެ ހައްގެއް ނުގެއްލޭނެ: އޭޖީ އޮފީސް

ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖިނާއި މައްސަލަތަކުގައި އެހީތެރިކަން ހޯދަން އިންޑިއާއާ އެކު ރާއްޖެއިން ސޮއި ކުރާ މުއާހަދާގެ ސަބަބުން އެއްވެސް ދިވެހި ރައްޔިތަކަށް ގާނޫނު އަސާސީއާއި ގާނޫނީ ނިޒާމުގެ ތެރެއިން ލިބިދީފައިވާ ހައްގެއް ނުގެއްލޭނެ ކަމުގެ ޔަގީންކަން އެޓާނީ ޖެނެރަލްގެ އޮފީހުން ދީފި އެވެ.

"ޓްރީޓީ ބިޓްވީން ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ރިޕަބްލިކް އޮފް އިންޑިއާ އޮން މިއުޗުއަލް ލީގަލް އެސިސްޓަންސް އިން ކްރިމިނަލް މެޓާސް" އަކީ ޖިނާއީ މައްސަލަތަކުގައި އިންޑިއާއާއި ރާއްޖެ އެއް ގައުމު އަނެއް ގައުމުގެ ކިބައިން އެހީތެރިކަން ހޯދުމަށް ސޮއި ކުރާ އެއްބަސްވުމެކެވެ. އެ އެއްބަސްވުމުގައި ސޮއި ކުރަން ވަޒީރުންގެ މަޖިލީހުން ވަނީ ރުހުން ދީފައެވެ. ދެން އެ އެއްބަސްވުމާ މެދު ގޮތެއް ނިންމާނީ މަޖިލީހުންނެވެ.

އެ މުއާހަދާއާ ގުޅިގެން އިދިކޮޅު މެމްބަރުން މިއަދު މަޖިލީހުގައި ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އޭޖީ އޮފީހުން މިއަދު ބުނީ، ރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއި ކުރެވޭ މުއާހަދާއަށް އަމަލު ކުރެވޭނީ ދިވެހި ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނާއި ރާއްޖޭގެ ގާނޫނާއި ގަވައިދުތަކުގެ ތަރަހައާއި ހުދޫދުގެ ތެރެއިން ކަމަށެވެ.

އޭގެ އިތުރުން، ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނުގެ ދަށުން ތަހުގީގަށް އެހީތެރިކަން ހޯދުމާއި، ލިޔެކިޔުންތައް ބަދަލު ކުރުމާއި މުދަލުން މުއާމަލާތު ކުރުމާއި، ބޭންކު ރެކޯޑުތައް ހޯދުމަކީ އެ ގާނޫނުގެ ދަށުން ބޭރުގެ އެހެން ގައުމުތަކުން ރާއްޖޭގެ ކިބައިން އެހީތެރިކަމަށް އެދެވިދާނެ ދާއިރާތައް ކަން އޭޖީ އޮފީހުން ފާހަގަ ކުރިއެވެ. އަދި އެހީއަށް އެދި ބޭރު ގައުމަކުން ހުށަހަޅާ ހުށަހެޅުމެއް ބަލައިގަތުމުގެ އިހްތިޔާރު ޕްރޮސެކިއުޓާ ޖެނެރަލްއަށް ލިބިގެންވާ ކަންވެސް ފާހަގަ ކުރިއެވެ.

އޭޖީ އޮފީހުގެ ބަޔާނުގައި ބުނެފައި ވަނީ އިންޑިއާއާ އެކު ސޮއި ކުރާ މުއާހަދާގެ ދަށުން ހެކިބަސް ދިނުމަށްޓަކައި ދިވެހި ރައްޔިތަކު އެހެން ގައުމަކަށް ގެންދެވޭނީ ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތްތަކުގެ ތެރެއިން އެ ރައްޔިތެއްގެ ރައްކާތެރިކަމާ ގުޅޭގޮތުން ހާއްސަ ގެރެންޓީއެއް ޕްރޮސެކިއުޓާ ޖެނެރަލް ދިނުމަށްފަހު ކަމަށެވެ.

"މި މުއާހަދާގެ ސަބަބުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާއި ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމުގެ ތެރެއިން ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ ރައްކާތެރިކަމާއި ހައްގުތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވަމެވެ." އޭޖީ އޮފީހުން ބުންޏެވެ.

މުއާހަދާއާ މެދު ބަހުސް ކުރަމުން މަޖިލީހުގައި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވީ، އެ މުއާހަދާ އަކީ ރާއްޖެއަށް ނިކަމެތިކަން ގެނެސް، އިސްތިގުލާލަށް އުނިކަން ލިބޭނެ މުއާހަދާއެއް ކަމަށެވެ. އަދި އެ މުއާހަދާގައި ސޮއި ކުރަން ހެޔޮނުވާނެ ކަމަށެވެ.

comment ކޮމެންޓް