އިންޑިއާ-ރާއްޖެ އެގްރިމަންޓް ފާސް ކުރަން ހެޔޮނުވާނެ: ގާސިމް

ޖިނާއީ ތަހުގީގުތަކަށް އެއްބާރުލުން ދިނުމަށް އިންޑިއާޔާ އެކު ރާއްޖެއިން ހަދާ މުއާހަދާ ރައްޔިތުންގެ މަޖިލީހުން ފާސް ކުރަން ހެޔޮނުވާނެ ކަމަށް، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އިންޑިއާ-ރާއްޖެގެ "މިއުޗުއަލް ލީގަލް އެސިސްޓަންސް އިން ކްރިމިނަލް މެޓާސް ޓްރީޓީ"ގައި ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމީ މިދިޔަ ފެބުރުއަރީ މަސްތެރޭގަ އެވެ. ގާނޫނު އަސާސީގައި ބުނާގޮތުން ރާއްޖެއިން ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގެ މައްޗަށް އަމަލުކުރަންވާނީ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުން ފާސްކުރުމަށްފަހު، މަޖިލީހުން ނިންމާގޮތެއްގެ މަތިންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއަސަސާތަކުގެ ކޮމިޓީއިން ވަނީ އެ އެއްބަސްވުން ދިރާސާ ކޮށް ފާސްކުރުމަށްފަހު، މިއަދު ކޮމިޓީ ރިޕޯޓު މަޖިލީސް ތަޅުމަށް ހުށަހަޅާފަ އެވެ.

އެއްބަސްވުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ރައްޖެފަދަ ގައުމަކުން އިންޑިއާއާއެކު އެފަދަ އެއްބަސްވުމެއް ހަދާކަށް އޭނާގެ އެއްވެސް ގޮތަކުން ތާއީދު ނުކުރައްވާ ކަމަށެވެ. ގާސިމް ވިދާޅުވީ، އެ އެއްބަސްވުމެއްގެ ސަބަބުން އިންޑިއާއިން ނާޖާއިޒް ފާއިދާ ނަގާނެ ކަމަށެވެ.

"މިއީ ހެޔޮވާވަރު ކަމެއް ނޫން. މިކަން ނުކުރައްވާށޭ. މިކަމަށް އެއްވެސް މެމްބަރަކު ތާއީދުކޮށްގެން ވާހަކަދައްކައިގެން ނުވޭނެއޭ،" ގާސިމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް --- ފޮޓޯ/ މަޖިލިސް

ކުރީގެ ރައީސް އިބްރާހިމް ނާސިރާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ސަރުކާރުގައި ގެންގުޅުއްވި ހާރިޖީ ސިޔާސަތައް ގެންގުޅުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ، 13 މެމްބަރުންގެ ކޮމިޓިއަކުން ފަސް މެމްބަރުން ވޯޓު ލައިގެން މަޖިލީހުގެ ތަޅުމަށް އެބަސްވުމާ ގުޅޭ ރިޕޯޓު ފޮނުވުމަކީ ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އެއްބަސްވުމަށް ރުހުން ދިނުމަށް މަޖިލީހަށް ހުށަހެޅުމަށް މިދިޔަ ހަފްތާގައި ކޮމިޓިން ފާސްކުރީ ކޮމިޓީއަށް ހާޒިރުވި ނުވަ މެމްބަރުންގެ ތެރެއިން ފަސް މެމްބަރުންގެ ވޯޓާ އެކުގަ އެވެ. އެ އެއްބަސްވުމުގެ މައްސަލައިގައި ކޮމީޓިގެ މުގައްރިރު މަރަދޫ ދާއިރާގެ މެންބަރު ޝަރީފް އާއި ގާސިމާ ދެމެދު ކޮމިޓީގައި ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކުރި އެވެ.

އެއްބަސްވުމާ ގުޅޭ ގޮތުން މިއަދު ތަޅުމުގައި ވާހަކަ ދައްކަވަމުން އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް، މާވަށު ދާއިރާ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ، އެގްރިމަންޓްގެ ސަބަބުން ފޮރިން އިންވެސްޓަރުންގެ ވިޔަފާރިތަކުގެ ސިއްރު މައުލޫމަތު ހާމަ ކުރެވޭ ކަމަށެވެ. އެގޮތައް ސިއްރު މައުލޫމަތު ހާމަ ކުރުމަކީ އިގްތިސާދަށް އަސަރުކޮށް، ފޮރިން އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ ކަމެއް ކަމަށް ސައީދު ވިދާޅުވި އެވެ.

"އެގްރިމަންޓްގެ ސްކޯޕް ރިވިއު ކުރުމަށް ގޮވާލަން. ގައުމެއްގެ މިނިވަންކަމާ އިސްތިގުލާލާއި ސިޔާދަތުގެ އެންމެ މައި ތަބަކީ އެގައުމުގެ ވިޔަފާރިއާއި ސިނާއަތްތައް. ހާއްސަކޮށް އެގައުމެއްގައި ކުރެވޭ އިންވެސްޓްމަންޓްތައް ރައްކާތެރި މާހައުލެއްގައި ބޭއްވުން،"އެއްބަސްވުން ދިރާސާ ކުރި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ސައީދު ވިދާޅުވި އެވެ.

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު

ކުރީގެ އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ، މުއާހަދާ ދިރާސާ ކުރި ކޮމިޓީއަށް ވަޑައިގެންނެވި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ބޭފުޅުން ކުރެން އެބަސްވުމާ ގުޅޭގޮތުން ދިރާސާއެއް ކުރެއްވިންތޯ ސުވާލު ކުރުމުން ދިރާސާ ނުކުރައްވާ ކަމަށް ވިދާޅުވިކަމަށެވެ.

ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރައްވަމުން ސަރުކާރު ހިންގާ އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާ މެމްބަރު، އިވާ އަބްދުﷲ ވިދާޅުވީ، އިންޑިއާ-ރާއްޖޭގެ މި މުއާހަދާގެ ސަބަބުން ގައުމުގެ އިސްތިގުލާލަށް އަސަރު ނުކުރާނެ ކަމަށެވެ. އީވާ ވިދާޅުވީ މިފަދަ މުއާހަދާތަކުގައި އިންޑިއާއިން 30 އަށް ވުރެ ގިނަ ގައުމުތަކުން މިހާރުވެސް އެއްބަސްވެފައިވާ ކަމަށެވެ. އަދި އެގައުމުތަކުގެ ބެންކިން އާއި އިގްތިސާދު އަދި އިސްތިގުލާލަށް އަސަރު ނުކުރާ ކަމަށް އީވާ ވިދާޅުވި އެވެ.

"ކަންބޮޑުވުން މި ފާޅު ކުރަނީ ހަގީގަތުގައި ވައްކަން ފަހާ ދުވާތީ. މަނީ ލޯންޑަރިން ހޯދާ ފަރާތްތައް ހޯދަން އުޅުނީމަ، ޑްރަގް ޓްރެފިކިން ފަރާތްތައް ހޯދަން އުޅުނީމަ، ޓެރެރިޒަމްއަށް ހިތްވަރުދޭ ފަރާތްތައް ހޯދަން އުޅުމުން. އެކަމާ އެ ކަންބޮޑުވުން ފާޅު ކުރަނީ،" އިންޑިއާ-ރާއްޖެ މުއާހަދާއާ މެދު ކަންބޮޑުވުން ފާޅު ކުރުމާ ގުޅޭ ގޮތުން އީވާ ވިދާޅުވި އެވެ.

އިންޑިއާ-ރާއްޖެ އެބަސްވުމުގައިވާ ގޮތުން އޭގައި ކަަންތައްތަކަށް އަމަލުކުރަން ޖެހެނީ ދެ ގައުމުގެވެސް ގާނޫނު އަސާސީއާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

https://sun.mv/121166

އިންޑިއާ ރާއްޖެ މުއާހަދާ ކުރުކޮށް

  • ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެ ގައުމުން އެހީތެރިކަމާއި އެއްބާރުލުން ދިނުން.
  • ކޯޓަށް ހާޒިރުކުރުމުގައާއި ކޯޓު އަމުރު ތަންފީޒުކުރުމުގައި އެހެނިހެން ޝަރުއީ ކަންކަމުގައި ދެ ގައުމުން އެހީތެރިކަމާއި އެއްބާރުލުން ދިނުން.
  • ކުށް މަދުކުރުމަށާއި ހުއްޓުވުމަށާއި ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމަށް ދެ ގައުމުގެ ތަންފީޒީ އިދާރާތަކުގެ މެދުގައި އެއްބާރުލުން ދިނުން.
  • ޓެރަރިޒަމާއި ޓެރަރިޒަމް ހަރަކާތްތައް ނައްތާލުމަށް ފައިސާ ހޯދައިދިނުމާއި، އެހީތެރިވެދިނުމާއި އަދިވެސް އެހެނިހެން ޖިނާއީ ކުށްތަށް ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކުގައި އެހީތެރިވުން.
  • ތަހުގީގު ކުރުމާއި ޝަރީއަތްކުރަން ހަރުދަނާ ކުރުމުގެ ބޭނުމުގައި އެއްގައުމުން އަނެއް ގައުމަށް އެހީތެރިވެދިނުން.
  • އެ ގައުމެއްގެ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނާއި އަދި މުއާހަދާގެ މާއްދާތަކާ އެއްގޮތްވާ ގޮތުގެ މަތިން، ދެވެން އެތް އެންމެ ފުޅާ ދާއިރާއެއްގައި ޖިނާއީ މަސައްކަތްތަކުގައި އެހީތެރިވުން.
  • މައްސަލަ ތަހުގީގުކުރުމުގައާއި ޝަރީއަތް ހިންގުމުގައާއި އަދި މައްސަލަ ނިމުމުން ހިނގާ ކަންތައްތަކުގައި އެހީތެރިކަން ދިނުން.
  • މައްސަލަތަކުގައި ހިނގާ ހަރަދުތައް ކުރަން ޖެހޭނީ، އެ ހުށަހެޅުމެއް ހުށަހަޅާ ގައުމަކުން.
    މައްސަލައާ ގުޅޭގޮތުން ހޯދަން ޖެހޭ ހެކި ހޯދުމުގައާއި ތަހުގީގު ކުރުމަށް ބޭނުންވާ މީޙުންނާ ސުވާލުކުރުމުގެ ފުރުސަތު ފުޅާވުން.

މި މުއާހަދާގައި ރާއްޖެއިން ސޮއިކޮށްފި ނަމަ، މިއީ ރާއްޖޭގެ ފަރާތުން އެހެން ގައުމަކާއެކު މިފަދަ މުއާހަދާއެއްގައި ސޮއި ކުރާ ފުރަތަމަ ފަހަރެވެ. މިއަދު މަޖިލީހުގެ ޖަލްސާގައި މި އެއްބަސްވުމަށް ރުހުން ދިނުމަށް ވޯޓަށް އަހާނެއެވެ.

comment ކޮމެންޓް