ވޯލްޑް ކަޕުގެ ތަށްޓާ އެކު ޓްރްމަޕުގެ ތަހުނިޔާ އެމެރިކާގެ އަންހެން ޓީމަށް

އެމެރިކާގެ ކެޕްޓަން މެގަން ރެޕިނޯ ރޭގެ ފައިނަލުގައި ނެދަލެންޑު ކޮޅަށް ގޯލު ޖެހުމަށްފަހު އުފާ ފާޅު ކުރަނީ --- ފޮޓޯ// ސްޓީފެން ކުރީކް

ވިދިވިދިގެ ދެވަނަ ފަހަރު އަންހެނުން ވޯލްޑް ކަޕުގެ ތަށި ޔުނައިޓެޑް ސްޓޭޓްސް ވުމެން ނެޝަނަލް ޓީމް (ޔޫއެސްޑަބްލިއުއެންޓީ) އިން އުފުލާލުމާ އެކު އެމެރިކާގެ ރައީސް، ޑޮނަލްޑް ޓަރަމްޕުގެ ތަހުނިޔާ ޓީމަށް ފޮނުވައިފި އެވެ.

ރޭ ކުޅުނު ފައިނަލުގައި ނެދަލެންޑު ބަލިކޮށް އެމެރިކާއިން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ 0-2 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މީގެ ކުރިން 2015 ވަނަ އަހަރު އޮތް މުބާރާތް ކާމިޔާބު ކުރުމަށްފަހު މިއަހަރުގެ މުބާރާތައް އެ ޓީމުން ނުކުތީ ތަށި ދިފާއު ކުރުމަށް ޗެލެންޖް ކޮށްގެނެވެ.

އެމެރިކާއިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދުމާ ގުޅިގެން އެ ގައުމުގެ ރައީސް ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ބުނެފައި ވަނީ އެމެރިކާގެ އަންހެން ޓީމުން ދެއްކި މޮޅު ކުޅުމާ މެދު އެގައުމުގެ ހުރިހާ ރައްޔިތުން ފަޙުރުވެރިވާ ކަމަށެވެ. އަދި އެގައުމުން މި ހޯދި ފުރިހަމަ ކާމިޔާބީއަށް ފަށްފަށުން ތަހުނިޔާ ދަންނަވާ ކަމަށެވެ.

މީގެ އިތުރުން ޓްރަމްޕް ވަނީ ޓީމުގެ ކެޕްޓަން މެގަން ރެޕިނޯއަށް ފޯނުން ގުޅުއްވާ މަރުހަބާ ކިޔާފަ އެވެ. މެގަންއާއި ޓްރަމްޕާ ދެމެދު މީގެ ކުރިން ވަނީ ބަހުގެ ހަމަލާތަކެއް ވެސް ޓްވިޓާގައި ހިނގާފަ އެވެ. އެމެރިކާގައި ފުޓުބޯޅައަށް އިސްކަން ދޭ މިންވަރު ކުޑަ ކަމަށް ބުނެ މެގަން އެމެރިކާގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔާފައިވާ އިރު އޭނާ ވަނީ މީގެ ކުރިން މިއަހަރުގެ ވޯލްޑް ކަޕު ކާމިޔާބު ކުރެވިއްޖެ ނަމަ އެމެރިކާގެ ރިޔާސީ ގެކޮޅު ކަމަށްވާ ވައިޓް ހައުސްގެ ދައުވަތަކަށް ވެސް ދެކޮޅު ހަދާނެ ކަމަށް ބުނެފަ އެވެ.

މެގަން ވަނީ އެމެރިކާއިން މިއަހަރުގެ މުބާރާތް ކާމިޔާބު ކުރި އިރު ޓީމުގެ މާލިމީއެއްގެ ގޮތުގައި ހުރެ މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ. އޭނާ ވަނީ ރޭ ކުޅުނު ފައިނަލުގައި ވެސް ގޯލެއް ޖަހައިފަ އެވެ. ނަމަވެސް އޭނާ މި މުބާރާތުގެ މެޗުތައް ފެށުމުގެ ކުރިން ކިޔާ އެމެރިކާގެ ގައުމީ ސަލާމުގައި ބައިވެރި ނުވާތީ ގިނަ ބަޔަކު ވަނީ އެކަމާ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ.

އެ މައްސަލައިގައި ޓްރަމްޕު ވެސް ވަނީ ނުރުހުން ފާޅު ކުރުމުގެ ގޮތުން ޓްވީޓެއް ވެސް ކުރައްވާފަ އެވެ. ޓްރަމްޕް ވިދާޅުވީ އެ ގައުމުގެ ދިދަޔަށާއި ރިޔާސީ ގެކޮޅަށް ހުރުމަތްތެރިކޮށް ނުހިތުމަކީ ގައުމަށް ދެވޭ އިހުތިރާމު ކުޑަ ވެގެން ދާނެ ކަމެއް ކަމަށެވެ. އަދި ޓްރަމްޕް ބުނީ އަންހެން ޓީމަށް ވައިޓް ހައުސްގެ ހާއްސަ ދައުވަތު ދެއްވާނެ ކަމަށެވެ.

comment ކޮމެންޓް