ކޮޕާ އެމެރިކާ 2019: ޕެރޫ ބަލިކޮށް ބްރެޒިލް ތަށި އުފުލާލައިފި

ބްރެޒިލުން ކޮޕާ އެމެރިކާގެ ޗެމްޕިއަންކަން ހޯދުމަށްފަހު ސެލަބްރޭޓް ކުރަނީ --- ފޮޓޯ// ކޮޕާ އެމެރިކާ

ފައިނަލުގައި ރޭ ފަސޭހަކަމާ އެކު ޕެރޫ ބަލިކޮށް ބްރެޒިލުން ކޮޕާ އެމެރިކާގެ ތަށި އުފުލާލައިފި އެވެ.

ބްރެޒިލްގެ ރިއޯ ޑެ ޖެނެއިރޯގައި ރޭ ކުޅުނު އެ މެޗުން އެ ގައުމު ކުރި ހޯދީ 1-3 ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު ބްރެޒިލުން ކޮޕާ އެމެރިކާގެ ތަށި އުފުލާލި އިރު މިއީ އެގައުމުން މި މުބާރާތް ކާމިޔާބު ކުރި ނުވަ ވަނަ ފަހަރެވެ. އެ ޓީމުން ވަނީ މިހާތަނަށް އެގައުމުގައި މި މުބާރާތް ބޭއްވި ފަސް ފަހަރު ވެސް އެ މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސުސް ރޭ ކުޅުނު ފައިނަލުގައި ޕެރޫ ކޮޅަށް ގޯލު ޖެހުމަށްފަހު އުފާފާޅު ކުރާ މަންޒަރު --- ފޮޓޯ/ ޑޮމް ފެރަލް

ބްރެޒިލުން ވަނީ މިއަހަރުގެ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ވެސް ޕެރޫއާ ބައްދަލު ކޮށްފަ އެވެ. އެ މެޗު 0-5 ގެ ބޮޑު ނަތީޖާއަކުން ބްރެޒިލް ކާމިޔާބު ކުރި ނަމަވެސް، ރޭގެ މެޗުގައި ޕެރޫއިން ވަނީ ފަރަގު ކުޑަކޮށް ބްރެޒިލަށް އުނދަގޫތަކެއް ކުރިމަތި ކުރުވައިފަ އެވެ.

ރޭގެ މެޗު ފެށިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެމުން ދިޔައީ ބްރެޒިލުންނެވެ. އަދި އެ ޓީމުން އުފެއްދި ފުރަތަމަ ނުރައްކާތެރި ހަމަލާއިން ވަނީ ގޯލެއް ޖަހައި ލީޑު ނަގައިފަ އެވެ. ދެ ކުޅުންތެރިން ގާތުން ނެއްޓުވުމަށްފަހު ގެބްރިއަލް ޖީސުސް ނަގައިދިން ހުރަސް އެކަނި މާ އެކަނި ހުރެ ގޯލުގެ ތެރެއަށް ފޮނުވާލީ އެ ޓީމުގެ ޒުވާން ފޯވާޑް އެވަޓޮން އެވެ. އޭނާ ވަނީ މި މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.

އެވަޓަންގެ ގޯލާ އެކު ޕެރޫއިން ކުޅުން ރަނގަޅުކޮށް ބްރެޒިލްގެ ގޯލަށް ނުރައްކާ ކުރަން ފެށި އެވެ. އަދި އެ ޓީމުން ވަނީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން މިނަޓަކަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ބްރެޒިލްގެ ޑިފެންޑަރު ތިއާގޯ ސިލްވާގެ އަތުގައި ބޯޅަ ޖެހުން ކަމަށް ނިންމާ ރެފްރީ ޕެރޫއަށް ދެއްވި ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލީ އެ ޓީމުގެ ކެޕްޓަން ޕައޮލޯ ގެރޭރޯ އެވެ.

ޕެރޫގެ ގޯލާ އެކު އެ ޓީމުން ފުރަތަމަ ހާފު ނިންމާލައިގެން ތިއްބައި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބްރެޒިލުން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު އަލުން އަނބުރާ ހޯދައިފަ އެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީ ޖީސުސް އެވެ. ޖީސުސް އެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ނަމަވެސް ދެވަނަ ހާފުގެ ކުރީ ކޮޅު އޭނާއަށް ވަނީ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ.

ދެ ރީންދޫ ކާޑު ހަމަވެގެން ޖީސުސްއަށް ދެއްކި ރަތް ކާޑުގެ ފައިދާ ނަގައި ޕެރޫއިން ވަނީ ޓީމު ކުރިއަށް ޖައްސައި ގޯލެއް ޖަހަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ބްރެޒިލްގެ ޑިފެންޑަރުންގެ މޮޅު ކުޅުމާ އެކު ޕެރޫއަށް ހަމަލާއެއް އުފެއްދޭ ގޮތް ނުވެގެން އުޅެނިކޮށް ބްރެޒިލުން ވަނީ އަނެއްކާ ވެސް އިތުރު ގޯލެއް ޖަހައި ޕެރޫގެ އުންމީދުތައް ފުނޑު ފުނޑު ކޮށްލައިފަ އެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ރިޗާލްސަން އެވެ.

comment ކޮމެންޓް