ހައިރާންކަމެއް! ޓެކްސީއަށް ގެއްލުނު ވޮލެޓް ފެނުނީ 10 ދުވަސް ފަހުން މޫދުގެ އަޑިން

އިބްރާހިމްގެ ވޮލެޓް ޕޭމަންޓް ގަލެއްގައި އައްސާފައި މޫދަށް އެއްލާލައިފައި--ފޮޓޯ: އިބްރާހިމް/ ފޭސްބުކް

ހިންނަވަރަށް ނިސްބަތްވާ އިބްރާހިމް ހުސެއިން އިންޑިއާގައި އުޅުމަށްފަހު މާލެއައީ މިދިޔަ މަހު 28 ގައެވެ.

އެއާޕޯޓްއިން ނުކުމެ، ޓެކްސީއަށް އަރައިގެން ތެޅިފޮޅެމުން ގެއަށް އައި މަގުމަތީގައި އޭނާގެ ވޮލެޓް ޓެކްސީގެ ތެރެއަށް ދޫކޮށްލެވުނީ އެވެ. ޓެކްސީ ތެރޭގައި ވޮލެޓު ބޭއްވުނުކަން ހަނދާނަށް އައީ ގެއަށް ވަދެ ހަމަޖެހިލި ފަހުން އެވެ.

" އަޅުގަނޑު އިނީ ޓެކްސީގެ ކުރީ ސީޓުގައި އިނދެފައި. ލާރި ދޭންވެެގެން ވޮލެޓު ނަގާފަ ބޭއްވުނީ އެތާ ގޮޑީގެ ސީޓްމަތީގައި،" އިބްރާހިމް ބުންޏެވެ.

ގެއަށް ލަގެޖުތައް ވައްދައި ހަމަޖެހިލައިގެން ވޮލެޓް ކޮބައިތޯ ބަލައިލި އިރު، އޭރު މި އޮތީ މާ ލަސްވެފަ އެވެ. އޭނާ ގެެއަށް ގެނެސްދިން ޓެކްސީ އެ ސަރަހައްދު ދޫކޮށް އޮބާލައިފި އެވެ. އޭނާ އެރީ ކޮންތަނެއްގެ ޓެކްސީއެއްކަމެއްވެސް އަދި ޓެކްސީ ނަމްބަރުވެސް އިބްރާހިމް ހަނދާނެއް ނެތެވެ.

ވޮލެޓް ގެއްލުމުން އިބްރާހިމް ވަގުތުން ފުލުހުންނަށް ގޮސް ރިޕޯޓްވެސް ކުރި އެވެ. އޭނާގެ ކަންބޮޑުވުންތައް ފޭސްބުކްގެ ފާރުގައި ލިޔެ އެހީއަށް އެދުނެވެ. އޭނާ އުއްމީދުކޮށްގެން ހުރީ އެ ވޮލެޓް އަނބުރާ ލިބޭނެ ކަމަށެެވެ.

" މަށަށް އޯކޭ އެ ވޮލެޓުން އެއްޗެއް ނަގާފަވެސް މަށަށް އެ ވޮލެޓް މަަށަށް ހަވާލުކުރަނިކޮށް. ޓެކްސީ ޑްރައިވަރުންނަކީ އާންމު ހިދުމަތެއް ދޭ ބައެއް. އެ ވޮލެޓް ބޭއްވީ ޓެކްސީގެ ކުރީގެ ގޮނޑީގަ. އެހެންވީމަ މިބަލަނީ ފެންނާނެކަމަށް. އުއްމީދަކީ ޑްރައިވަރަށް ފެނިގެން ވީ އެންމެ އަވަހަކަށް އެ މިހިސާބަށް ރައްދުވުން." އިބްރާހިމް ފޭސްބުކްގައި ކުރި ޕޯސްޓްއެއްގައި ބުންޏެވެ.

ފުލުހުންނަށް އެ ހާދިސާ ރިޕޯޓްކުުރުމަށްފަހުވެސް އޭނާ ދެންވެސް ބެލީ ވޮލެޓް ފެނޭތޯ އެވެ. ހުރިހާ ޓެކްސީ ސެންޓަރަކަށްވެސް ގުޅި އެވެ. އެ ހުރިހާ ތަނަކުންވެސް އޭނާގެ ވޮލެޓް ދުށް މީހަކާ ދިމަލެއް ނުވި އެވެ.

ޓެކްސީގެ ތެރެއަށް ގެންލުނު ވޮލެޓް ފެނުނީ ހީވެސް ނުކުރާ ފަދަ ތަނަކުންނެވެ.

ކާނިވާ ސަރަހައްދުން މޫދަށް އެރި އުޅުނު މުހައްމަދު ނިޝާންއަށް އެ ވޮލެޓް ފެނުނީ ޕޭމަންޓް ގަލެއްގައި އައްސައި މޫދަށް އެއްލައިލާފައި އޮއްވާ، މޫދު އަޑިން އެވެ. އެއީ މިދިޔަ ހުކުރު ދުވަހު އެވެ.

"އެ ވޮލެޓް ފެނުނީ މާފުން ހިސާބެއްގައެއްވެސް ނޫން. ވަރަށް ތިލަ ތަނެއްގަ އޮއްވާ ފެނުނީ. ކޭބަލް ޓައީން ގަލެއްގަ އައްސާފަ އޮތީމަ ޝައުގުވެރިވެގެން ގޮސްބެލީ. ބަލާލިއިރު ފެނުނީ ވޮލެޓެއް. ދެން ގެއަށް ހިފައިގެން ދިޔަ ފަހުން ފެނުނީ އެ ވޮލެޓްތެރެއިން އުރީދޫ ޕްރިމިއަމް ކާޑެއް. އޭގެ ނަންބަރު އޮތީމަ ވެރިފަރާތަށް ގުޅުނީ. ފަހުން އެ ވޮލެޓް ވަނީ އޭނާގެ ކޮއްކޮއާ ހަވާލުކޮށްފަ." ނިޝާން ކިޔައިދިނެެވެ.

އިބްރާހިމް ބުނީ އެ ވޮލެޓް އޭނާއަށް ލިބުނުއިރު، ވޮލެޓް ގެއްލުނު އިރު، އޭގައި ހުރި 700 ޑޮލަރާއި އެހެނިހެން ފައިސާގެ ތެރެއިން އެއްވެސް ފައިސާއެއް ނެތް ކަަމަށެވެ. އެކަމަކު އެ ވޮލެޓްގައި ލައިސަންސް ކާޑާއި އެހެން ވެސް ބައެއް ތަކެތި ހުއްޓެވެ. މީހަކު އެފަދަ ކަމެއް ކުރީ ކީއްވެބާ އެވެ؟

ވޮލެޓް ލިބުމުން އަދި މިވާހަކަ ނިމުނީކަމަށް ހީކުރިޔަސް މިއީ އަދި ނިމުމެއް ނޫނެވެ. އެ ވޮލެޓަށް ވީގޮތް އޮޅުން ފިލުވަން ބޭނުންވެފައި ހުރި އިބްރާހިމްއަށް އަނެއްކާވެސް ރޭ ވަނީ އުއްމީދުނުކުރާ ފަދަ ވާހަކަތަކެއް އެނގިގެން ގޮސްފަ އެވެ.

ރޭ ޓެކްސީއަކުން ދިމާވި އެހެން ޓެކްސީ ޑްރައިވަރަކު ވަނީ އެ ވޮލެޓާ ބެހޭ އާ މައުލޫމާތުތަކެއްވެެސް އިބްރާހިމްއަށް ދީފަ އެވެ.

" ރޭ އެހެން ޓެކްސީ ޑްރައިވަރެއް އަޅުގަނޑު ކައިރީ ބުނީ އޭނާގެ ރައްޓެސަކަށް އަޅުގަނޑު އެރި ޓެކްސީއަށް އެރުނު ވާހަކަ. އެ ޓެކްސީން އޭނާއަށްވެސް ފެނުނޯ އެ ވޮލެޓް، ފެނުނީނަމަ އެއާ ބެހޭގޮތުން ޑްރައިވަރާ ސުވާލުކުރީމާ ޑްރައިވަރު ބުންޏޯ އޭނާވެސް އޭގެ ވެރިފަރާތް ނޭނގިގެން ހޯދަމުންދާކަމަށް." އިބްރާހިމް ބުންޏެވެ.

އިބްރާހިމް މިހާރު ދަނީ އެ ޓެކްސީ ޑްރައިވަރު ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ވޮލެޓް ދުށް މީހާ ވަނީ އެ ޓެކްސީ ޑްރައިވަރުގެ ސިފަތައްވެސް ކިޔައިދީފަ އެވެ. އޭނާގެ އުއްމީދަކީ ޓެކްސީ ޑްރައިވަރު ހޯދުމެެވެ.

" ލާރީގެ ދަހިވެތިކަމުގައި މީހަކު ކޮންމެ ފަދަ ކަމެއްވެސް ކޮއްފާނެ. އެކަމަކު އެމީހާއަށް ނޭނގުނު އެއްޗަކީ ފެންނަން ހުރި އެއްޗެއް ފެންނާނެކަން. އެ ވޮލެޓް އަޅުގަނޑަށް ހަވާލުކުރި މީހާއަކީ އަޅުގަނޑު ދަންނަ މީހެއް ނޫން. އެކަމަކުވެސް އޭނާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން." އިބްރާހިމް ފޭސްބުކްގައި ބުނެފައިވެއެވެ.

އިބްރާހިމްގެ ވޮލެޓް ޕޭމަންޓް ގަލެއްގައި އައްސާފައި މޫދަށް އެއްލާލައިފައި--ފޮޓޯ: އިބްރާހިމް/ ފޭސްބުކް

އިބްރާހިމް ވަނީ ސީސީޓީވީ ފޫޓޭޖް ބަލައިގެން އެ ޓޭކްސީ ޑްރައިވަރު ހޯދުމަށް އެދި ފުލުހުންނަށްވެސް ހުށަހަޅައިފަ އެވެ. ނަމަވެސް އެކަމުގައި ކުރިއެރުމެއް އަދި އިބްރާހިމަކަށް ނުލިބެ އެވެ.

" ފުލުހުން ބުނަނީ ލިބިފައި ހުރި ސީސީޓީވީ ފޫޓެޖް ސާފު ނުވާކަމަށް. އެކަމަކު އެމީހުންނަށް ބެލޭނެދޯ އެމްއޭސީއެލްގެ ފޫޓޭޖުތައް ހޯދައިގެންވެސް" އިބްރާހިމް ބުންޏެވެ.

ދާދި ފަހުންވެސް ވަނީ މީހަކު ހަނދާން ނެތިގެން ބާއްވާފައި ދިޔަ މީހެއްގެ ވޮލެޓެއް ވަގަށް ނެގި މައްސަލައެއް ފެންމަތިވެފަ އެވެ. ފިހާރައަކުން ވިޔަފާރިކޮށްގެން މީހަކު ބާއްވާފައި ދިޔަ ވޮލެޓް އެފިހާރައަށް އައި އެހެން ދެމަފިރިޔަކު ވަނީ، އޭގެން ވިޔަފާރިކޮށް ވަގަށް ނަގައިފައެވެ. ނަމވެސް އެ ހާދިސާގެ ވީޑިއޯ އާންމުވެ ފާޑުކިޔުން އަމާޒުވުމުން އެ ދެމަފިރިން ވަނީ އެ ވޮލެޓް ފުލުހުންނާ ހަވާލުކޮށްފަ އެވެ.

comment ކޮމެންޓް