ނުފިލާނެ ކަމަށް ވިދާޅުވަމުން އަދީބު އެނބުރި ރާއްޖެ އަތުވެއްޖެ

އަދީބު ބޭސްފަރުވާއަށް އިންޑިއާއަށް ފުރާވަޑައިގަތުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި -- ފޮޓޯ/ ސޯޝަލް މީޑިއާ

ބޭސްފަރުވާއަށް އިންޑިއާއަށް ވަޑައިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު އެނބުރި ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ.

ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ އަދީބު ބޭސްފަރުވާއަށް އިންޑިއާއަށް ވަޑައިގެންނެވީ، މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ. އެންމެ ފުރަތަމަ އަދީބު ރާއްޖެ ވަޑައިގަންނަވަން ކަރެކްޝަންސް އިން ދީފައިވާ މުއްދަތަކީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އެހެން ނަމަވެސް 10 ދުވަސް އަދީބުގެ ބޭސްފަރުވާއަށް ކަރެކްޝަންސް އިން އިތުރުކޮށް ދިނެވެ.

އަދީބު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 3:30 އެހާކަންހާއިރު އެވެ.

އޭނާ މާލެ ވަޑައިގަތުމުގެ ކުރިން އިންޑިއާގައި ހުންނަވައިގެން ހިތުގެ އުދާސްތައް ހިމެނޭ ގޮތުން މިއަދު ޓްވީޓް ކުރެއްވި ލިއުމެއްގައި ވިދާޅުވީ، އޭނާއަކީ ޒިންމާތަކުން ރެކޭނެ މީހެއް ނޫން ކަމަށާއި ތުހުމަތުތަކަށް ފުރިހަމައަށް ޖަވާބު ދާރީވެ ތަހުގީގުތަކަށް ފުރިހަމަޔަށް އެއްބާރުލުން ދޭނެ ކަމަށެވެ. އަދި އޭނާއަކީ އަބަދުވެސް ގައުމަށް ހިދުމަތް ކުރަން ބޭނުންވާ މީހެއް ކަމަށާއި އުފަލާއި ދަތި ވަގުތުތަކުގައި ވެސް ގައުމަށް ހިދުމަތް ކުރުން އޭނާ ހުއްޓާނުލާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

"...ދަތިކަމާއި މުސީބާތުގެ ވަގުތުގައި ތިބާ ދޫކޮށް ފިލާ ރައްކާވާނެ ދެފުށް ދެގޮތް މީހަކަށް ނުވާނެ އެވެ. އަހަރެން ބޭނުމީ ދޭށެވެ. އަތުލާކަށް ނޫނެވެ. އަހަރެން ބޭނުމީ ފިރުމާށެވެ. ޖަހާކަށް ނޫނެވެ." އަދީބު ލިޔުމުގައިވެ އެވެ.

މީގެ އިތުރުން ޖަލުގައި ހުންނަވަން ޖެހިވަޑައިގަތުމުން ލިބުނު އެންމެ ބޮޑު ފިލާވަޅަކީ ސުލްހަ އިސްކުރުން ކަމަށް ވެސް އަދީބު ލިޔުއްވާފައިވެ އެވެ.

އަދީބުގެ އާއިލާއިން ބުނެފައިވާ ގޮތުގައި އަދީބު ފަރުވާ ހޯއްދަވަނީ، ލޮލުގެ ފެނުން ގެއްލުމުގެ ފުރުސަތު ބޮޑު، ގްލޮކޯމާ ނަމަކަށް ކިޔާ ލޮލުގެ ބައްޔަކަށެވެ. މީގެ އިތުރުން އަދީބު ވަނީ ކެންސާ ސުކުރީނިން އެއްވެސް އިންޑިއާގައި ހައްދަވައިފަ އެވެ.

އަދީބު އަނެއްކާ ވެސް ހަ މަސް ފަހުން ޑޮކްޓަރަށް ދައްކަން އިންޑިއާއަށް ދާން ޑޮކްޓަރު ލަފާދީފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފައިވެ އެވެ.

އަދީބު ރާއްޖެއިން ބޭރަށް ބޭހަށް ފުރުވާލައިފި ނަމަ ފިލާފާނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރި އެވެ. އެކަމާ ގުޅިގެން، އަދީބު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވީ ފުލުހުންނާއި ކަރެކްޝަންސްގެ އޮފިސަރުން ހިމެނޭ ގޮތުން ހަތް ބޭފުޅުންގެ ޓީމަކާ އެކު އެވެ.

އަދީބު ރާއްޖެ އެނބުރި ވަޑައިގަންނަވާއިރު އޭނާގެ މައްޗަށް އިއްވާފައިވާ ހުރިހާ ބޮޑެތި ހުކުމްތަކެއް ވަނީ ކޯޓްތަކުން ބާތިލްކޮށްފަ އެވެ. އޭނާގެ މައްޗަށް ހަމައެކަނި އޮތީ ކޯޓްގެ ހުރުމަށް ކަނޑައިގެން އިއްވާފައިވާ 15 ދުވަހުގެ ޖަލު ހުކުމެކެވެ. އެ ހުކުމްގައި ދެން ފުރިހަމަ ކުރަން އޮތީ ދެތިން ދުވަހެވެ.

ނަމަވެސް، މިފަހުން ސުޕްރީމް ކޯޓުން ވަނީ އަދީބަށް ރާއްޖެއިން ފުރައިގެން ނުދެވޭނެ ގޮތަށް އޭނާގެ ޕާސްޕޯޓް ހިފަހައްޓަން އަމުރުނެރެފަ އެވެ.

comment ކޮމެންޓް