ޓޫރިސްޓުން ތިބި ލޯންޗެއްގައި ރޯވި އަލިފާން ނިއްވާލައިފި

އަލިފާން ރޯވެ ލޯންޗްގެ އިންޖީނު އަނދާފައި. -- ފޮޓޯ/ ޕޮލިސް

ޓޫރިސްޓުންތަކެއް ގޮވައިގެން ދަތުރުކުރި ލޯންޗެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި އެވެ.

ފުލުހުން ބުނީ ޓޫރިސްޓުން ގޮވައިގެން ސިނަމާލެ ބްރިޖް ކައިރިން ދަތުރު ކުރަމުން ދިޔަ ލޯންޗެއްގައި އަލިފާން ރޯވެގެން މިއަދު ހެނދުނު 10:30 އެހާކަންޙާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން ދިޔައިރުވެސް އަލިފާންގަނޑު ނިއްވާލާފައިވާކަން ފާހަގަ ކުރަމުން ފުލުހުން ބުނީ، ރޯވި ލޯންޗް ފުލުހުންގެ އެހީތެރިކަމާ އެކު ތިން ނަމްބަރު ފާލަމަށް ގާތްކޮށް އޭގައި ތިބި ޓޫރިސްޓުން އެ ފާލަމަށް ބާލާފައިވާ ކަމަށެވެ. އަދި އަލިފާނުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ފުލުހުން ބުނީ، މިހާތަނަށް ބެލިބެލުމުން އަލިފާންރޯވީ ލޯންޗްގައި އަޅާފައިވާ ތިން އިންޖީނުގެ ތެރެއިން އެއް އިންޖީނު ތާށިވެ ހުޅުހިފައިގެން ކަމަށް ބެލެވޭ ކަމަށެވެ. އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް