ރާއްޖޭގެ ދިފާއީ ސިޔާސަތުގައި އިސްކަން ދެނީ ޓެރަރިޒަމް ހުއްޓުވަން: ޝަމާލް

އެމްއެންޑީއެފް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމާލް -- ސަން ފޮޓޯ

ރާއްޖޭގެ ސަލާމަތާއި ދިފާއީ ސިޔާސަތުގައި އެންމެ ބޮޑު އިސްކަމެއް ދީފައި އޮތީ، ޓެރަިޒަމްގެ ހަރަކާްތްތައް ހުއްޓުވުމަށް މަސައްކަތް ކުރުމަށް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެ އެވެ.

މޭޖާ ޖެނެރަލް ޝަމާލް އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ސްޓްރެޓިޖިކް ނިއުސް ޗެނަލް (އެސްއެންއައި) ދެއްވި އެކްސްކޫލޫސިވް އިންޓަވިއެއްގައި ވިދާޅުވީ ސްރީލަންކާއަށް ދިން އީސްޓަ ސަންޑޭ ބޮމުގެ ހަމަލާތަކަކީ ރާއްޖެއަށް ވެސް ލިބުނު އިންޒާރުގެ ރަނގަބީލެއް ކަމަށެވެ. އަދި އެކަމުން ދޭހަކޮށްދެނީ ރާއްޖޭގެ ސަލާމަތީކަންކަން ވެެސް ރަނގަޅު ކުރަން ޖެހޭ މިންވަރު ކަމަށާއި ހައްދު ފަހަނައަޅާ ދިޔުމާއި ޓެރަރިޒަމްގެ ނުރައްކާ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖެއަށް ވެސް އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދު ޓޫރިޒަމަށް ބިނާވެފައިވާ އިރު، ރާއްޖެ އަންނަ ޓޫރިސްޓުންނާއި ރިސޯޓްތަކުގެ ސަލާމަތްތެރިކަން ކަށަވަރު ކުރަން މިފަހުން ވެސް އިތުރު ފިޔަވަޅުތައް އަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ޝަމާލް ވިދާޅުވީ، ދިފާއީ ސިޔާސަތުގައި ވެސް އިސްކަން ދީފައިވަނީ ޓެރަރިޒަމްގެ ނުރައްކާތަކުން ރާއްޖެ ސަލާމަތްކުރުމަށް ކަމަށެވެ.

އެގޮތުން، މިފަހުން ފުލުހުންނާއި އެހެން ވެސް ސެކިއުރިޓީ އިދާރާތަކާ ގުޅިގެން ސަލާމަތްތެރިކަން އިތުރު ކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސަރައްހައްދީ ގައުމުތަކާ ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް އަޅުގަނޑުމެން މަސައްކަތް ކުރާނެ. ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަކީ ރާއްޖޭގެ ދިފާއީ ސިޔާސަތުގެ މުހިންމު ބައި،" ޝަމާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެއަށް ވަކިވެގަނެގެން ނޫޅެވޭނެ ކަމަށާއި ރާއްޖޭގެ ސަލާމަތަށްޓަކައި އެކި ގައުމުތަކާ ގުޅިގެން ރާއްޖެއިން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ގައުމުތަކުގެ އެހީ ހޯދުމުގައި ރާއްޖޭގެ ސަލާމަތަށް ނުރައްކާ ނުވާނެކަން ކަށަވަރު ކުރާނެ ކަމަށް ވެސް ޝަމާލް ވިދާޅުވި އެވެ.

ސަރަހައްދުގެ އެހެން ގައުމުތަކެކޭ ވެސް އެއްގޮތަށް ޗައިނާއެކުވެސް ރާއްޖެއިން އިގްތިސާދީ ގުޅުން ގާއިމްކޮށްފައިވާކަން ފާހަގަ ކުރައްވަމުން ޝަމާލް ވިދާޅުވީ، ރާއްޖޭގައި ޗައިނާގެ އެއްވެސް އަސްކަރީ ބަޔަކު ނެތް ކަމަށެވެ.

އޭނާ ވިދާޅުވީ އިންޑިއާގެ ރާޑަރު ސިސްޓަމްތަކުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ފަސޭހަތަކެއް ލިބެމުން އަންނަ ކަމަށެވެ. އަދި އިންޑިއާގެ ހެލިކޮޕްޓަރުގެ ސަބަބުން، އެތައް ފުރާނައެއް ސަލާމަތްކުރެވިފައިވާ ކަމަށް ވެސް ޝަމާލް ވިދާޅުވި އެވެ. ހެލިކޮޕްޓަރާ ބެހޭ ގޮތުން ދެއްކި ތަފާތު ހަގީގަތެއް ނެތް ވާހަކަތައް މިހާރު މީހުން ގަބޫލު ނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝަމާލްގެ މިދަތުރުފުޅުގައި އޭނާ ވަނީ އިންޑިއާގެ ޑިފެންސް މިނިސްޓަރާއި ސިފައިންގެ ވެރިންނާއި ޑިފެންސް ދާއިރާގެ އެހެން ވެސް އިސްބޭފުޅުންނާ ބައްދަލު ކުރައްވައިފަ އެވެ. އިންޓަވިއުގައި ޝަމާލް ވިދާޅުވީ، އިންޑިއާގެ ދަތުރުފުޅަކީ ވަރަށް އުފެއްދުންތެރި ރާއްޖެއަށް އިތުރު ފައިދާތަކެއް ކުރާނެ ދަތުރުފުޅެއް ކަމަށެވެ.

comment ކޮމެންޓް