ލުތުފީ އެންމެ ބޮޑު ހާއިނައްވާ ނަމަ، އެމްބަސީގައި ފިލުވި މައްސަލަ ބަލަން ކެރޭނެތޯ: ރައީސް ޔާމީން

ރައީސް ޔާމީން ރޭ ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަނީ: އެމްބަސީގައި ފިލުވި މައްސަލަ ބެލަން ކެރޭނެތޯ ސުވާލު އުފެއްދެވި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނޮވެމްބަރު 3، 1988ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީއަކީ ހާއިނެއް ކަމަށް މިއަދު ކުލިއަކަށް ވެއްޖެ ކަމަށާއި އޭނާ އެމްބަސީގައި ފިލުވި މައްސަލަ ބަލަން ޖެހޭ ކަމަށް އިދިކޮޅު ސިޔާސީ ލީޑަރު، ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވެފައި މިވަނީ ލުތުފީއަކީ އެންމެ ބޮޑު ހާއިނު ކަމަށާއި އޭނާ އަށް މައާފެއް ނެތް ކަމަށް އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނިކޮށްށެވެ.

ރޭ އިދިކޮޅު ފަރާތްތަކުން "ފޭރުމާ ދެކޮޅަށް" ނަމުގައި ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ލުތުފީ ދިވެހި އެމްބަސީގައި ބެހެއްޓިގެން ނުވާނެ ކަމަށާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އޭނާ އެމްބަސީގައި ބެހެއްޓި ބެހެއްޓުމަކީ ކޮރަޕްޝަންގެ އަމަލެއް ކަމަށެވެ.

"އަޅުގަނޑުގެ ސުވާލަކީ ރައްޔިތުންނަށް ޖަވާބުދާރީވެފައި، މިއަދު ލުތުފީއަކީ އެންމެ ބޮޑު ހާއިނުކަމަށް ނިންމަވާ ނަމަ، ދެ މަސް ދުވަސް ވަންދެން [އޭނާ ފިލުވި] ޖަރީމާ ހިންގެވި ފަރާތްތަކާ މެދު ފިޔަވަޅެއް އަޅަން ކެރޭނެ ބާއޭ. ހަމަ ގައިމު ވެސް އޭނާ އަށް އެމްބަސީގައި ވަދެ ނޯވެވޭނެ. އެމްބަސީއަކީ ހާއްސަ ރައްކާތެރި ތަންތަން. ފުލުހުންނަކަށް ވެސް އެމްބަސީގައި ތެރޭގައި ފިލުވާފައި ނުގެންގުޅެވޭނެ. ޖަވާބުދާރީ ވާން ޖެހޭ އެބަޔަކު.. ބޮޑު ޒީރޯ ޓޮލެރެންސް ބޭނުންކޮށްގެން މި މައްސަލަ ބަލަންވީންނޫންތޯ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރޭ ބޭއްވި އެއްވުމުގައި ރައީސް ޔާމީން ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް ޔާމީން ވިދާޅުވީ، މީގެ ކުރިން ފޮރިން މިނިސްޓްރީންނާއި ފުލުހުން ލުތުފީގެ މިމައްސަލާގައި ނެރުނު ބަޔާނުތަކުން ލުތުފީއަކީ ޑިޕްލޮމެޓިކް ހުރިހާ އިމްތިޔާޒެއް ލިބިގެންީ ހުރި އދ. އިން ލަންކާއަށް ކަނޑައަޅުއްވާފައި ހުރި "އެންވޯއީއެއް" ކަމަށް، ހިވި ކަމަށެވެ.

"މިއަދު ކުއްލިއަކަށް މިވީ ބޮޑު ހާއިނަކަށް. އެންމެ ބޮޑު ހާއިނަށް. އެކަމަކު މީގެ ދެ މަސްދުވަހާ ހަމައަށް އޭނަ ކޮންތާކުތޯ ހުރީ. ބޮޑު ބާޣީ ބޮޑު ހާއިނު، ބޮޑު ހުރިހާ އެއްޗެއް. އެކަމަކު މީނަ ހުރީ ބޮޑު އެމްބަސީގައި ފިލުވައިފައި. ކިހިނެއް މި ވާހަކަތައް ދެކޮޅު ޖައްސާނީ،" ރައީސް ސޯލިހްގެ ނަން ވިދާޅު ނުވެ، ރައީސް ސޯލިހަށް ރައްދުދެއްވައި ރައީސް ޔާމީން ވިދާޅުވި އެވެ.

"ރަދީފްގައި ލުތުފީއަށް އެންމެ ގާތް ކުރެވޭ ބަހަކަށް މި އޮންނަނީ ޓެރަރިސްޓެކޭ، ހާއިނެކޭ، އޭނާ ކުރި ބަޣާވާތަކުން ސަރުކާރު ވެއްޓުމާއި ނުވެއްޓުމަކީ ސިޔާސީ ކަމެއް، އެކަމަކު އޭނާއަކަށް ހައްގެއް ނުލިބޭ ބަޔެއްގެ ލޭ އޮހޮރުވަން، އެހެންވެ އޭނަ ޓެރަރިސްޓަކަށް ވަނީ،" ކޯޓުން މިނިވަންވެ ފުރަތަމަ ފަހަރަށް އާންމުންނާ މުހާތަބު ކުރައްވައި ރައީސް ޔާމީން ވިދާޅުވި އެވެ.

ރޭ އިދިކޮޅޫ ފަރާތްތަކުން ބޭއްވި އެއްވުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލުތުފީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ފިލުވި މައްސަލައާ ގުޅޭ ގޮތުން ރައީސް ޔާމީން ރައީސް ސޯލިހަށް ރައްދުދެއްވައި ވާހަކަ ދެއްކެވި އިރު، އިއްޔެ ރައީސް ސޯލިހް ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ލުތުފީ ހުރީ ލަންކާ އެމްބަސީގައި ނޫން ކަމަށާއި ލުތުފީ ހުރީ ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. ނަމަވެސް އެއީ ކޮންތާކު ކަމެއް ރައީސް ވިދާޅެއް ނުވެ އެވެ.

ލުތުފީ އެމްބަސީއަށް ވަނީ މެއި 1 ވަނަ ދުވަހު ކަމަށާއި އެދުވަހު އެކަން އެނގުނު ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އެކަން އާންމު ނުކުރީ އެއީ މުހިންމު ކަމެއް ކަމަށް ދެކެވަޑައިނުގަންވާތީ ކަމަށެވެ.

ލުތުފީ ރާއްޖެ ގެނައުން ލަސްވެގެން ދިޔައީ ހުރިހާ ކަމެއް ފުރިހަމަ ކުރުމަށް ފަހު އޭނާ ގެންނަން ބޭނުންވާތީ ކަމަށާއި، ގަވާއިދާ ޚިލާފަށް، ހުރިހާ އިޖުރާޢަތްތަކެއް ފުރިހަމަ ނުކޮށް ލުތުފީ ގެންނަން ސަރުކާރުން ބޭނުން ނުވާ ކަމަށެވެ.

ވަކި ތާރީހެއް ވިދާޅުނުވި ނަމަވެސް ވަރަށް އަވަހަށް ލުތުފީ ރާއްޖެ ގެންނާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

ސްރީލަންކާ ހަނގުރާމަކުރި ތަމަޅައިންގެ ޕްލޯޓް ޖަމާއަތުގެ ޓެރަރިސްޓުންނާ ގުޅިގެން ލުތުފީ ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވި އެވެ. އޭގެ ތެރޭގައި އާންމުންގެ 11 މީހުންނާއި ސިފައިންގެ އަށް މީހަކު ހިމެނެ އެވެ. އަދި އެތައް ބަޔަކަށް ބޮޑެތި ޒަހަމުތައްވެ އަނިޔާވި އެވެ.

comment ކޮމެންޓް