ބާރު ލިބޭ ދުވަހަކުން ހުރިހާ އެގްރީމެންޓެއް އެފުއް މިފުށަށް ޖަހާނަން: ރައީސް ޔާމީން

ރައީސް ޔާމީން މިރޭގެ އެއްވުމުގައި ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރު ބަދަލުވެ، އިދިކޮޅު ފަރާތްތަކަށް ވެރިކަން ލިބުމުން މިހާރުގެ ސަރުކާރުން އެހެން ގައުމުތަކާއެެކު ހަދާ ހުރިހާ އެގްރިމެންޓުތައް އެފުށް މިފުށަށް ޖަހާނެ ކަމަށް އިދިކޮޅު ލީޑަރު ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

މިރޭ އިދިކޮޅު ފަރާތްތަކުން ކާނިވާ ސަރަހައްދުގައި ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ކުރިންވެސް އިދިކޮޅު ފަރާތްތަކުގައި އޮތް އިރު، އެންމެ ބޮޑަށް ވަކާލާތު ކުރީ ބޭރުގެ ފަރާތްތަކަށް ހަރުމުދާ ކުއްޔަށް ދިނުމާ ދެކޮޅަށް ކަމަށެވެ. އެގޮތުން މިހާރުވެސް އެގޮތަށް ހަރުމުދާތައް ކުއްޔަށް ދިނުމަކީ އިދިކޮޅުން ތަހަންމަލް ކުރާނެ ކަމެއް ނޫން ކަމަށެވެ.

"ﷲގެ ރަހްމަތާއެކު ސަރުކާރު ބަދަލުވެއްޖެ ނަމަ، އަޅުގަނޑުމެންގެ ބާރު ހިނގާ ސަރުކާރެއް އަތުވެއްޖެ ނަމަ، މި ހުރިހާ އެގްރިމަންޓެއް އެފުށް މިފުށަށް ޖަހާނަން،" އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ރައީސް ޔާމީން ވިދާޅުވިއެވެ.

އެއީ ކޮން އެގްރީމަންޓްތަކެއް ކަމެއް ސާފްކޮށް ރައީސް ޔާމީން ވިދާޅެއް ނުވެއެވެ.

އިދިކޮޅު އެއްވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިިދިކޮޅު އެއްވުމުގައި ރައީސް ޔާމީންވަނީ ވިޔަފާރީގެ ފިލާވަޅެއް ނަގައިދީފައެވެ.

ރައީސް ޔާމީން ވިދާޅުވީ، ވިޔަފާރި ކުރަން ނޭނގޭ މީހުންނަށް ހަރުމުދާތަކުން އޭގެ ފައިދާ ނަގަން ނޭނގޭނެ ކަމަށެވެ. އަދި ވިޔަފާރި ކުރަން ނޭނގޭ މީހާއަށް އެ މުދަލުން ލިބެނީ ކިހާ ފައިދާ އެއް ކަމެއް ނޭނގޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ވިޔަފާރި ކުރަން އެއްގޮތަަކަށްވެސް ނޭނގޭ މީހަކު އެ މުދަލެއް ނުއަގުގައި ވިއްކާލާއިރު، ވިޔަފާރި ކުރަން ކުޑަކޮށް ދަންނަ މީހަކު އެއިން ފައިދާ ނަގަން ނޭނގިގެން ފަސޭހައަކަށް ދެނީ ކުއްޔަށް ކަމަށް ޔާމީން ވިދާޅިވިއެވެ.

"ދެން އޭނަ ދެނީ ކުއްޔަށް. ކުއްޔަށް މިދެނީ އަނބުރާ އަތުނުލެވޭ ވަރަށް. ފުރަތަމަ 35 އަހަރު. އޭގެ ފަހުން އޮޓަމެޓިކްކޮށް 55 އަހަރު. އެހެން ކުއްޔަށް ދިނީމަ އެއީ އޭނަގެ މުދަލެއް. އެކަމަކު އަތް ލައިގެން ނުވާނެ. ވަސްބަލައިގެން ނުވާނެ. މިއީ ވިޔަފާރި ކުރަން އެނގޭ ނޭނގޭ މީހެއްގެ ތަފާތު،" ވިޔަފާރި ފިލާވަޅެއް ނަގައިދެމުން ރައީސް ޔާމީން ވިދާޅުިވިއެވެ.

"އިހަށް ދުވަހު އަޅުގަނޑުމެން ސަރުކާރުން މި ހުޅުވީ އޭ380 ޖައްސާނެ ރަންވޭ. ކީއްވެގެންތޯ މި އެއާޕޯޓު އަޅުގަނޑުމެން އެހެން ބަޔަކަށް ދޭންވީ. ކީއްވެެގެތޯ އެހެން ބަޔަކަށް މީގެ ބޭނުން ކުރެވެންވީ. ވިޔަފާރި ކުރަން ނޭނގޭ ބަޔަކަށްވާނަމަ އެކަން އެނގޭ ބަޔަކާ ހަވާލު ކުރަންވީ ނޫންތޯ. އެއީ ނޫންތޯ އެކަން ކުރަން ވީގޮތަކީ،" ކޯޓުން މިނިވަންވި ފަހުން ފުރަތަމަ ފަހަރަށް އާންމުންނާ މުހާތަބުކޮށް ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

"އެއާޕޯޓާއި ހުރިހާ އެއްޗެއް ކުއްޔަށްދީ ވިއްކާލާނަމަ ކޮބާތޯ ދަރިންނަށް ތަރުބިއްޔަތު ދިނުމުގެ ބޭނުމަކީ،"

އިދިކޮޅު އެއްވުމުގެ ތެރެއިން ރައީސް ޔާމީން ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ފަސް އަހަރުގެ ވެރިކަމުގައި ގިނަ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ދިން ކަމަށެވެ. ނަމަވެސް އަދުގެ ސަރުކާރުން ޒުވާނުންނަށް ވަޒީފާ ނުލިބޭ ކަމަށް ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑުމެން ސަރުކާރުން ވަކިވިއިރު، އެއްލައްކައަށްވުރެ ގިނަ ޒުވާނުންނަށް ވަޒީފާ ހުރީ ލިބިފައި. މިއަދުގެ ޒުވާނުން ހާލަތަކީ ކޮބާތޯ. މިއަދުގެ ޒުވާނުންނަށް ވަޒީފާއެއް ނުލިބޭ. ވަކި ގިންތިއެއްގެ ވަކި ކުލައެއްގެ ބަޔަކަށް ވަޒީފާ ލިބިދާނެ. އެހެން ނަމަވެސް އަޅުގަނޑުމެންގެ ޒުވާނުނަށް ވަޒީފާއެއް ނުލިބޭ،" ޔާމީން ވިދާޅުވިއެވެ.

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ހަރުމުދާ ކުއްޔަށް ދޭން އުޅޭކަމުގެ މެރުމަކުން ރައީސް ޔާމީން ވާހަކަ ދެއްކެވި އިރު، އެއީ ކޮން ހަރު މުދަލެއް ކަމެއް ސީދާކޮށް ރައީސް ޔާމީން ވިދާޅެއް ނުވެއެވެ. އަދި ބޭރުގެ ފަރާތްތަކާއެކު ހަދާ އެގްރީމަންޓްގެ ތަފްސީލެއްވެސް ނުދެއްވައެވެ.

comment ކޮމެންޓް