ޓޫރިޒަމަށް ދިވެހިން ނެރެވޭނީ މިނިމަމްވޭޖު ކަނޑައަޅައިގެން: ރައީސް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް

ޓޫރިޒަމް ދާއިރާއަށް ދިވެހިން ނެރެވޭނީ މިނިމަމް ވޭޖެއް ކަނޑައަޅައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި އިންވެސްޓުކޮށްގެން އުޅޭ ބޭރުގެ އިންވެސްޓަރަކާ ދާދިފަހުން ބައްދަލުވެ ވަޑައިގަތް ކަމަށާއި ވަޒީފާ އަށް އިއުލާނު ކުރުމުން ކުރިމަތިލާ ދިވެހިންގެ އަދަދު މަދުކަން އޭނާ ފާހަގަ ކުރެއްވި ކަމަށެވެ.

"އަޅުގަނޑާ މިދޭތެރެއިން ދިމާވި ރާއްޖޭގައި އިންވެސްޓުކޮށްގެން އުޅޭ ބޭރުގެ އިންވެސްޓަރަކާ. އޭނަ ބުނި ތިމަންނަ ރިސޯޓު ހުޅުވަންވެގެން މިހާރު އިއުލާނުކޮށްފީމޭ 450 ވަޒީފާއަށް. ރާއްޖެއިން ކުރިމަތިލީ އެންމެ 42 ފަރަތާތެކޭ. ބޭރުން އެބައޮތޭ 20،000 މީހުން ކުރިމަލާފައި،" ރައީސް ވިދާޅުވީ އެ ވާހަކައިން ދޭހަވަނީ ރާއްޖޭގައި ވަޒީފާ ތަކަށް، ހާއްސަކޮށް ޓޫރިޒަމް ދާއިރާ އަށް މީހުން ނެރުމުގައި ދަތިތައް އެބަހުރިކަން ކަމަށެވެ. އެހެންނޫނީ އެވާހަކައިން ދޭހަވަނީ، އެދާއިރާ އަށް ޓްރެއިން ވެފައި ތިބި ބަޔަކު ނެތްކަން ކަމަށް ރައީސް ވިދާޅުވިއެވެ.

"މިކަމަށް އޮތް އެންމެ ރަނގަޅު ހައްލެއްކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ މިނިމަމް ވޭޖު ކަނޑައެޅުން. އިރާދަ ކުރެއްވިއްޔާ މި އަހަރު ތެރޭ އެ ބިލު މަޖިލީހަށް ފޮނުވި އަޅުގަނޑުމެން އެކަން ކުރާނަން،"

ރައީސް ވިދާޅުވީ މިއަހަރުގެ މިހާތަނަށް ރާއްޖޭގަިއ 12 ރިސޯޓު ހުޅުވާފައިވާ ކަމަށާއި މިހާރުވެސް ނުވަ ރިސޯޓު ހުޅުވުމަށް ތައްޔާރުވެފައިވާ ކަމަށެވެ. ޓޫރިޒަމްގެ ދާއިރާއިން މިއަހަރުގެ މިހާތަނަށް 17،000 ވަޒީފާ އުފެދިއްޖެކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާނެ މީހުން ތަމްރީނު ކުރުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީއާއެކު ފަށާފައިވާ ކަމަށެވެ.

މުސާރައިގެ ގޮތުގައި ދެވޭ އެންމެ ކުޑަމިންވަރު ނުވަތަ މިނިމަމް ވޭޖު ކަނޑައެޅުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދު ފުޅެކެވެ.

comment ކޮމެންޓް