ގދ ތިނަދޫއަށް އުފަން ހުސައިން ޝަރީފަށް ކިޑްނީގެ މައްސަލައެއް ދިމާވީ ހަމަ ކުއްލިއަކަށެވެ. މީގެ ކުރިން އެއްވެސް ބައްޔެއް ނެތް ޝަރީފުގެ ދިރިއުޅުމަށް އައި ކޮޅިގަނޑު އައީ ކުއްލިގޮތަކަށެވެ.
ހުސައިން ޝަރީފުގެ ބަލި ހާލަތާ ގުޅޭގޮތުން "ސަން ކުލުނު" އަށް މައުލޫމާތު ދެމުން އޭނާގެ ދަރިފުޅު އާމިނަތު ހުސައިން ބުނީ ބައްޕައަކީ އެއްވެސް އިރެއްގައި ބޮޑު ބައްޔެއް ހުންނަ މީހެއް ނޫންކަމަށެވެ.
ދެހާސް ސޯޅަ ވަނަ އަހަރު ކުއްލިގޮތަކަށް ލޭމައްޗަށް ދިޔަކަމަށާއި އެކަމުގެ ސަބަބުން ކިޑްނީއަށް މައްސަލައެއް ދިމާވި ކަމަށް އޭނާ ބުންޏެވެ. އޭގެ ފަހުން ކޮންމެ ތިން މަހުން އެއްފަހަރު ޓްރިވެންޑްރަމްއަށް ޝަރީފް ދާން ޖެހެ އެވެ.
"ޑަކްޓަރުން ވިދާޅުވަނީ ކުއްލިއަށް މާބޮޑަށް ލޭމައްޗަށް ދިޔުމުގެ ސަބަބުން ކިޑްނީގެ ކްރިޓީން ލެވެލް މަތިވި ކަމަށް. އެދުވަހަށް ފަހު ކިޑްނީގެ ކްރިޓީން ލެވެލް އުޅެނީ މަތީގައި،" ދަރިފުޅު އާމިނަތު ބުންޏެވެ.
އާމިނަތު ބުނީ އެކަމުގެ ސަބަބުން ޕްރޮޓީން ހިމެނޭ އެއްވެސް އެއްޗެއް ބައްޕައަށް ނުކެވޭ ކަމަށާއި ބޭނުންކުރަން އަންގާފައިވާ މިންވަރަށްވުރެ ބޮޑަށް ފެން ބޭނުންކޮށްފި ނަމަ ހަށިގަނޑު ދުޅަވާ ކަމަށެވެ.
ރާއްޖޭގެ ޑޮކްޓަރުން ލަފާދެއްވަނީ ޑައިލަސިސް ހަދަން ނަމަވެސް ޓްރިވެންޑްރަމަށް ދެއްކުމުން އެތަނުގެ ޑަކްޓަރުން ލަފާދެއްވީ ބޭސްކައިގެން ކްރިޓީން ލެވެލް ހިފެހެއްޓުމަށް ކަމަށެވެ.
ދަރިއަކު ހުންނަ ހުސައިން ޝަރީފަކީ ވަޒީފާ އަދާކުރަމުން އަންނަ ހީވާގި މުވައްޒަފެކެވެ.
އާމިނަތު ބުނީ ރަށު ބައެއް މީހުންނަށްވެސް މި ބަލި ޖެހުނު ނަމަވެސް ޗެންނާއީ ބެންގަލޫރު ހިސާބަށް ގޮސް ބޭސްފަރުވާކޮށްގެން ބަލި ރަނގަޅުވެފައިވާ ކަމަށެވެ.
"ޓެސްޓް ހަދަންދިނީ. ކިމްސް ހޮސްޕިޓަލުން. ޓެސްޓް ހަދާފައި ރިޕޯޓް ލިބުނީމަ އެނގުނު ބައްޕަގެ ދެ ކިޑްނީވެސް ވަނީ ފެއިލްވެފައިކަން. މިއަހަރު ޖޫން މަހު ދެއްކީމަ އެނގުނީ ދެ ކިޑްނީވެސް ފެއިލްވެފައިވާ ކަން،"
ޑަކްޓަރުން ލަފާދެއްވަނީ ބައްޕަގެ ކިޑްނީ ވީހާވެސް އަވަހަކަށް ބަދަލުކުރަންކަމަށް އައިންތު ބުންޏެވެ.
އޭނަ ބުނީ މިހާރު ޑައިލަސިސް ހަދަމުން އަންނަ ކަމަށާއި އޭގެ ސަބަބުން ބައްޕަ އިތުރަށް ވަރުދެރަވެ ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމަށެވެ. ހުސައިން ޝަރީފުގެ ލޭ ގްރޫޕަކީ އޯ ޕޮސިޓިވް ލެޔެވެ.
އާސަންދަ ލިބުނު ނަމަވެސް ބޭރުގައި ހަމަސް ވަރު ހޭދަކުރަންޖެހޭ އިތުރު ނަމަވެސް މިއަދު އާމިނަތުު އަތުގައި އެވަރުގެ ތަނަވަސްކަމެއް ނެތެވެ. ބައްޕައަށް ފަރުވާ ކުރެވޭނީ އޭނާއަށް އިތުރު އެހީތެރިކަމެއް ދޭނެ ބަޔަކު ލިބެގެން އެވެ.
ދަރިއެއްގެ ގޮތުގައި ހަރަދުކުރަން ހުރި ހަމައެކަނި ކުއްޖާ އަކީ އާމިނަތު ކަމަށްވުމުން ކޮންމެވެސް ދަތިތަކަކާ ކުރިމަތިލާންޖެހޭ ކަމަށްވެސް އޭނާ ބުންޏެވެ. ނަމަވެސް ދެ ފަރާތުގެ އާއިލާއަށް ވީވަރަކުން އެހީދޭ ކަމަށްވެސް އޭނާ ބުންޏެވެ.
އާމިނަތުު އެދެނީ އޭނާގެ ލޯބިވާ ބައްޕައަށް ދީލަތި އެހީއެއް ދިނުމެވެ.
"މިހާތަނަށް އެހީ އަދާކުރި ފަރާތްތަކަށް ޝުކުރު އަދާކުރަން،" އައިމިނަތު ބުންޏެވެ.
ހުސައިން ޝަރީފަށް އެހީތެރިވުމަށް
ފޯނު ނަންބަރު: 7821078 (ހުސައިން ޝަރީފުގެ ދަރިފުޅު އާމިނަތު ހުސައިންގެ ނަންބަރު)
7792523 (ހުސައިން ޝަރީފުގެ އަންހެނުން ފާތިމަތު ދީދީ އާ ގުޅިފައިވާ ފޯނު ނަންބަރު)
ބީއެމްއެލް އެކައުންޓް ނަންބަރު: 7710414506101 (ހުސައިން ޝަރީފުގެ އަނބިމީހާ ފާތިމަތު ދީދީ އާ ގުޅިފައިވާ އެކައުންޓް ނަންބަރު)
ޑޮލަރު އެކައުންޓް ނަންބަރު: 7710414506102 (ހުސައިން ޝަރީފުގެ އަނބިމީހާ ފާތިމަތު ދީދީ އާ ގުޅިފައިވާ އެކައުންޓް ނަންބަރު)
އެޑިޓަރުގެ ނޯޓް: ސަންގެ މި ސެގްމެންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން އެ އާއިލާއާ ގުޅިގެން ކުރިއަށް ގެންދިއުން އެދެމެވެ. ފައިސާގެ އެއްވެސް ކަމެއްގައި ސަން އިން ބައިވެރިއެއް ނުވާނެއެވެ. ސީދާ އާއިލާއަށް އެހީތެރިވެ ދެއްވާށެވެ.
އެހީތެރިކަމަށް އެދޭ ފަރާތްތަކުން ސަން ކުލުނުގައި ބައިވެރިވުމަށް 9992747 އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.