ރާއްޖެއާ ގުޅުވާލާ ފެރީ ނިޒާމަށް އިންޑިއާގެ ވަޒީރުންގެ މަޖިލީހުން ރުހުން ދީފި

ރާއްޖެ-އިންޑިއާ ފެރީ ހިދުމަތުގެ އެމްއޯޔޫގައި ސޮއިކުރުން: އެ އެއްބަސްވުމަށް އިންޑިއާގެ ވަޒީރުންގެ މަޖިލީހުން ވަނީ ރުހުން ދީފައި -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެއާއި އިންޑިއާ ގުޅުވާލާ ފެރީ ނިޒާމްގެ ހިދުމަތް ފަށަން މަސައްކަތް ކުރުމަށް ދެ ގައުމުން ސޮއިކުރި އެއްބަސްވުމަށް އިންޑިއާގެ ވަޒީރުންގެ މަޖިލީހުން ރުހުން ދީފި އެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މިދިޔަ މަހުގެ އަށް ވަނަ ދުވަހު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެ ގައުމުގެ ކޮޗިންއާ މާލެ އަދި ކުޅުދުއްފުއްޓާ ދޭތެރޭ “ކާގޯ ޕެސެންޖާ” ފެރީގެ ޚިދުމަތް ފެށުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އިންޑިއާގެ ޕްރެސް އިންފޮމޭޝަން ބިއުރޯ އިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ ދެ ގައުމުން އެއްބަސްވެފައިވާ ގޮތަށް ކުރިއަށް ގެންދަން ވަޒީރުންގެ މަޖިލީހުން ރުހުން ދީފައިވާ ކަމަށެވެ.

ދެ ގައުމުގެ އެއްބަސްވެފައި ވަނީ ކޮޗިން، ކެރަލާ، ހދ. ކުޅުދުއްފުށި އަދި މާލެއާ ދެމެދު ފަސިންޖަރުންނާއި ކާގޯ އުފުލާ ފެރީގެ ނިޒާމެއް ގާއިމް ކުރަން މަަސައްކަތް ކުރުމަށެވެ.

ކޮޗިން ފެރީ ރާއްޖެ އަށް ފެށުމާ މެދު ބައެއް ފަރާތްތަކުން ދަނީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބައެއް ފަރްތަތަކުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ބުނަނީ އެއީ ގަވައިދާ ހިލާފަށް ރާއްޖެ އަށް މަސައްކަތްތެރިން އެތެރވުން އިތުރުވެގެން ދާނެ ކަމެއް ކަމަށެވެ. އަދި ފަސޭހައިން މަސްތުވާތެކެތި ރާއްޖެ ގެނައުމަށް ހުޅުވޭނެ ދޮރަކަށް ވެގެން ދާނެ ކަމަށެވެ.

comment ކޮމެންޓް