އާޓިފިޝަލް އިންޓެލިޖެންސް ކުރިއަރުވާ ހަރަކާތުގައި އުރީދޫއާއި އުގައިލް ގުޅިއްޖެ

"އާޓިފިޝަލް އިންޓެލިޖަންސް (އޭއައި) މޯލްޑިވްސް 2019" އަށް އުރީދޫ މޯލްޑިވްސް އާއި އުގެއިލް ފައުންޑޭޝަނުން ގުޅިއްޖެއެވެ.

މި ޕާޓްނަރޝިޕްގެ ދަށުން، އުރީދޫ އަކީ އަންނަ މަހު 26 އިން 28ގެ ނިޔަލަށް އއ. އުކުޅަހުގައި ކުރިއަށްދާނެ އިންޓަނޭޝަނަލް ވޯކްޝޮޕް އޮފް އެޕްލައިޑް އާޓިފިޝަލް އިންޓެލިޖެންސް 2019، ސްކީމާ 2019 އަދި އުކުޅަސް ޓެކް ފެއާގެ ޓައިޓަލް ސްޕޮންސާ އެވެ.

އުރިދޫގެ މެނޭޖިން ޑައިރެކްޓަރު އަދި ސީއީއޯ، ނަޖީބް ހާން ވިދާޅުވީ، އާޓިފިޝަލް އިންޓެލިޖެންސަކީ ކުރިމަގުގެ ޑިޖިޓަލް ދުނިޔޭގައި، މިހާތަނަށް ފެނިފައިނުވާ ފަދަ ފުރުސަތުތަކާއި، އިޖްތިމާއީ އަދި އިޤްތިސާދީ ކުރިއެރުން ފަހި ކޮށްދޭނެ ޓެކްނޮލޮޖީއެއް ކަމަށެވެ. އެގޮތުން، އޭ.އައި މޯލްޑިވްސް 2019 ފަދަ ޕްލެޓްފޯމުތަކުގެ ސަބަބުން ޑިޖިޓަލް ގައުމެއް ބިނާކުރުމުގައި އޭ.އައި ޓެކްނޮލޮޖީގެ މުހިއްމު ދައުރާއިމެދު ހޭލުންތެރިކަން އިތުރުކޮށް، އޭ.އައި ހިމެނޭ އީޖާދީ ހިދުމަތްތައް ބިނާ ކުރުމަށް ދިވެހި ޒުވާނުންނަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް ނަޖީބު ވިދާޅުވިއެވެ.

"އޭއައި މޯލްޑިވްސް 2019ގެ ޓައިޓަލް ސްޕޮންސަރ އަށް ވުމަކީ އަޅުގަނޑުމެންނަށް ލިބުނު ފަޚުރެއް، އަދި މި އިވެންޓު އިތުރަށް ފުރިހަމަކޮށް، ފައިދާހުރި ޕެލްޓްފޯމަކަށް ހެދުމަށް އުރީދޫގެ ފުރިހަމަ އެއްބާރުލުން އުގެއިލް ފައުންޑޭޝަން އަށް ފޯރުކޮށްދޭނަން." ނަޖީބް ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން. އުގެއިލް ފައުންޑޭޝަންގެ ފައުންޑާ އަދި ރައީސް، ޕްރޮފެސާ ހަސަން އުގެއިލް ވިދާޅުވީ، ދުނިޔޭގެ އެކި ހިސާބުތަކުން ސަތޭކަ އަށް ވުރެ ގިނަ ސައިންޓިސްޓުން ބައިވެރިވާ އޭ.އައި މޯލްޑިވްސް 2019 އަށް އުރީދޫގެ އެހީތެރިކަމާއި އެއްބާރުލުން ލިބުމަކީ ލިބުނު އުފަލެއް ކަމަށެވެ.

"މިއީ، ރާއްޖޭގައި ފަހުގެ ޓެކްނޮލޮޖީތައް ތައާރަފްކޮށް، އާލާކުރުމަށް އޫރިދޫއިން ދޭ އަހަމިއްޔަތު އެނގިގެންދާ ކަމެއް." އުގެއިލް ވިދާޅުވިއެވެ.

އޭއައި މޯލްޑިވްސް މަހާސިންތާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ އެޕްލައިޑް އާޓިފިޝަލް އިންޓެލިޖެންސްގެ މާހިރުންނާއި އެދާއިރާގައި މަސައްކަތް ކުރާ ބޭފުޅުން ބައިވެރިވެ، މި މުހިންމު ދާއިރާގެ ފަހުގެ ކުރިއެރުންތަކާއި ބެހޭގޮތުން މަޝްވަރާކޮށް، މައުލޫމާތު ހިއްސާކުރާނެއެވެ.

މި މަހާސިންތާ އަކީ މިއަހަރުގެ އައިއީއީއީ ސްޕޮންސަރ ކޮށްފައިވާ އިންޓަނޭޝަނަލް ކޮންފަރަންސް އޮން ސޮފްޓްވެއާ، ނޮލެޖް، އިންފޮމޭޝަން މެނޭޖްމަންޓް އަދި އެޕްލިކޭޝަންސް ނުވަތަ ސްކީމާ 2019ގެ ބަޔެކެވެ.

އުރީދޫން ބުނި ގޮތުގައި، މި އިންޓަނޭޝަނަލް ކޮންފަރެންސް އަދި މަހާސިންތާ ކުރިއަށްދާއިރު، އުކުޅަހުގައި ޓެކް ފެއާ އެއްވެސް ކުރިއަށްދާނެއެވެ.

ޓެކް ފެއާގައި ދިވެހި މުއައްސަސާތަކާއި، ވިޔަފާރިތަކުގެ އިތުރުން ޓެކްނޮލޮޖީ ދާއިރާ އަށް އަހުލުވެރި އަމިއްލަ ފަރާތްތަކުގެ އީޖާދުތަކާއި، އާ އުފެއްދުންތައް ދައްކާލެވޭނެއެވެ. މި ހަރަކާތްތަކާއިބެހޭ އިތުރު މައުލޫމާތު، (https://aimaldives.mv) ވެބްސައިޓުން ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް