ރިސޯޓު ތަރައްގީ ކުރާ މުއްދަތު އިތުރުކޮށްދީ، ކުއްޔާއި ޖޫރިމަނާ ފަސްކޮށްދޭން ގަވައިދެއް

އއ މަޑިވަރު ---

ފަތުރުވެރި ކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރައް ތަރައްގީކުރަން ދީފައިވާ މުއްދަތު އިތުރުކޮށްދީ އެރަށްތަކަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ދައްކަންޖެހޭ މުއްދަތު އިތުރުކޮށްދިނުމުގައި އަމަލު ކުރާނެ ގޮތުގެ ގަވައިދެއް އެކުލަވާލާލައި އާންމުކޮށްފި އެވެ.

އިއްޔެ ގެޒެޓްކުރި ގަވައިދުގައި ވާގޮތުން ފަތުރުވެރިކަމުގެ ބޭނުމަށް ތަންތަން ކުއްޔަށް ދިނުމާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީއިން ވެފައިވާ އެއްބަސްވުމުގައި ދީފައިވާ މުއްދަތަށް ތަރައްގީކޮށް ނިމިފައިނުވާ ތަންތަނުގެ "ކޮންސްޓްރަކްޝަން ޕީރިއަޑް" އިތުރުކޮށްދިނުމުގެ ބާރު އެ މިނިސްޓްރީއަށް ލިބިގެންވެ އެވެ.

އެގޮތުން ކުއްޔަށް ދޫކުރާ ތަން އެއްކޮށް ތަރައްގީކޮށް ނިންމުމަށް މުއްދަތެއް ދިނުމާއި ބައި ބަޔަށް ބަހާލައިގެން ތަރައްގީކުރަން މުއްދަތެއް ދެވޭނެ ގޮތްތަކެއް ގަވައިދުގައި ބަޔާންކޮށްފައިވެ އެވެ.

ތަން ތަރައްގީކުރަން ދޭ މުއްދަތު އިތުރުކޮށްދީ ކުއްޔާއި ޖޫރިމަނާ ދައްކަންޖެހޭ މުއްދަތު އިތުރުކޮށްދިނުމުގައި ބަލާ ކަންތައްތަކެއް ވެސް ހުރެ އެވެ. އެގޮތުން ތަން ތަރައްގީކުރުމުގެ ގޮތުން ފާއިތުވި މުއްދަތުގައި ކޮށްފައިވާ މަސައްކަތްތަކާއި، އިތުރުކުރަން އެދޭ "ކޮންސްޓްރަކްޝަން ޕީރިއަޑް" ގައި މަސައްކަތް ހިންގަން ރާވައިފައިވާ ގޮތުގެ ވޯކް ޕްލޭން ހުށަހަޅަންޖެހެ އެވެ.

އޭގެ އިތުރުން ކޮންސްޓްރަކްޝަން މުއްދަތުގައި ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ އައު "ކޮންސްޓްރަކްޝަން ޕީރިއަޑް" ހަމަވާ ދުވަހާ ހަމައަށް ނުވަތަ "ކޮންސްޓްރަކްޝަން ޕީރިއަޑް" ހަމަވާ ދުވަހުގެ ކުރިން އެ ތަނެއް ހިންގަން ފަށައިފި ނަމަ، އެ ތާރީޚަކާ ހަމައަށް އިތުރުކޮށްދިނުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށް ގަވައިދުގައި ވަނީ ބުނެފަ އެވެ.

އެގަވައިދާ އެކު ކުރިން އަމަލު ކުރަމުން އައި "ޓޫރިސްޓް ރިޒޯޓް، ޓޫރިސްޓް ހޮޓާ، ޓްރެއިނިންގ ރިޒޯޓް، ޓްރާންސިޓް ހޮޓާ އަދި ސިޓީ ހޮޓަލުގެ ގޮތުގައި ތަރައްގީ ކުރުމަށް ކުއްޔަށް ދީފައިވާ ތަންތަން ތަރައްގީކޮށް ނިންމުމަށް ދެވޭ މުއްދަތު އިތުރުކުރުމާއި، ކުއްޔާއި ޖޫރިމަނާގެ ފައިސާ ފަސްކޮށްދިނުމާބެހޭ އުސޫލު" އުވުނީ ކަމަށް ގަވައިދުގައި ވަނީ ބުނެފަ އެވެ.

comment ކޮމެންޓް