ސިނަމާލެ ބުރިޖް އެޅުމުގެ ތެރޭގައި އެ ހިސާބުގެ ކަނޑަށް ދަގަނޑު ފަދަ ކުނި އަޅާފައިވާތީ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ޕްލޭނިން މިނިސްޓްރީ މިލިއަނެއްހާ ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.
އީޕީއޭއިން ބުނީ އެމްއެންޑީއެފް މެދުވެރިކޮށް ކުރި އިންސްޕެކްޝަންތަކުން ބުރިޖު އެޅި ސަރަހައްދުގެ ކަނޑަށް ގިނަ އަދަދެއްގެ ކުނި އަޅާފައިވާކަމުގެ ހެކި ލިބިފައިވާ ކަމަށާއި އަދި އޭގެ ތެރޭގައި ގިނަ އަދަދެއްގެ ދަގަނޑު ހިމެނޭ ކަމަށެވެ.
އީޕީއޭއިން ބުނީ އެ މަޝްރޫއު ހިންގުމަށް ހެދި އީއައިއޭ ރިޕޯޓްގެ ބަޔާންތަކުގައިވެސް އެފަދަ ކަމެއް ހިނގައިފިނަމަ އެކަން ރިޕޯޓްކުރުމަށް އަންގައިފައިވާނެ ކަމަށާއި އެހެން ނަމަވެސް އެކަންތައްތަކަށް ޖަވާބު ދާރީ ވެފައިނުވާ ކަމަށެވެ.
އެހެންކަމުން ތިމާވެއްޓާ ބެހޭ ގަވައިދުތަކުގެ ދަށުން ލިބޭ ގެއްލުންތަކުގެ ބަދަލުނެގެމުގެ ގަވައިދުގެ ދަށުން 892,500 އިން ޕްލޭނިން މިނިސްޓްރީ ޖޫރިމަނާކޮށް 30 ދުވަހުގެ ތެރޭ އެ ފައިސާ ދެއްކުމަށް ވަނީ އަންގައިފަ އެެވެ.
ބުރިޖު ހެދި ހިސާބު ގަނޑުގައި ބޮޑެތި ދަނގަޑުތައް އެކުލެވޭތީ އާންމުންވެސް ދަނީ ވަރަށް ބޮޑަށް ކަންބޮޑުުން ފާޅުކުރަމުންނެވެ. މީގެ ކުރިން ބުރިޖު ހެދި ޗައިނާގެ ކުންފުނި ސީސީސީއިން ބުނީ އެތަން ސާފުކުރުމުގެ ޕްލޭންއެއް އެބައޮތް ކަމަށެވެ. އެހެން ނަމަވެސް އަދިވެސް އެތަނުގައި ހުރި ކުނިތަކާއި ދަގަނޑުތައް ނެގުމަށް މަސައްކަތް ފެށިކަމެއް ނޭނގެ އެވެ.
ޕްލޭނިން މިނިސްޓްރީ ބޮޑު އަދަދަކުން ޖޫރިމަނާކުރަން ނިންމިއިރު، އީޕީއޭއިން ދާދި ފަހުން ބުނީ ކުރީ ސަރުކާރުގައި އެ އޭޖެންސީގެ މަސައްކަތްތައް ހުއްޓުވޭ ވަރަށް ނުފޫޒު ފޯރުވި ކަމަށެވެ.