މ. ކޮޅުފުށީގައި 100 ހައުސިން ޔުނިޓު އަޅައިދޭނެ ބަޔަކު ހޯދުމަށް އިއުލާނު ކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީ އިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކޮޅުފުށީގައި 100 ހައުސިން ޔުނިޓު އިމާރާތްކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.
ބީލަމުގައި ބައިވެރިވުމަށް 1500 ރުފިޔާ ނުވަތަ 100 އެމެރިކާ ޑޮލަރުގެ ނަން ރިފަންޑަބްލް ރެޖިސްޓްރީ ފީ އެއް ދައްކަން ޖެހެއެވެ. ބިޑް ސެކިޔުރިޓީގެ ގޮތުގައި އެއްލައްކަ ޑޮލަރު ނުވަތަ އެއަދަދާ އެއްވަރަށް ދިވެހި ރުފިޔާ ދައްކަންޖެހެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.
ބީލަން ހުޅުވުން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ. މި ބީލަމާ ގުޅޭ ހުރިހާ މައުލޫމާތެއް ފިނޭންސްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.
މި އަހަރުގެ ބަޖެޓުގައި ފަސް ރަށެއްގައި ހައުސިން ޔުނިޓު އެޅުމަށް 1،710 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު ކޮންމެ ރަށެއްގައި މި ޕްރޮޖެކްޓު ހިންގުމަށް 94 މިލިއަން ރުފިޔާ ހަރަދު ކުރާނެއެވެ.