ސިފައިންގެއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

ސިފައިންގެ 127ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކަޅުތުއްކަލާކޮށީގައި ބޭއްވި ޚިދުމަތުގެ އަގުވަޒަންކުރުމުގެ ޚާއްޞަ ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިފައިންގެ ވަޒީފާ އަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޑިފެންސް މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ 10 ދާއިރާ އަކުން ސިފައިންގެ ވަޒީފާ އާއި ގުޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެ ދާއިރާ ތަކަކީ

  • މެރިންކޯ
  • ސްޕެޝަލް ފޯސަސް
  • ފަޔަރ އެންޑް ރެސްކިއު ސަރވިސް
  • ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް
  • ކޯސްޓްގާރޑް
  • މިލިޓަރީ ޕޮލިސް
  • މެޑިކަލް ސަރވިސް
  • މިލިޓަރީ އިންޖީނިއަރސް
  • އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖީނިއާސް
  • ސަޕޯޓް ސާވިސް

ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ ދަށްވެގެން ޖީސީއީ އޯލެވެލް ފެންވަރު ނުވަތަ އެފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތް، އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ މީހަކަށް ވާން ޖެހެ އެވެ. އުމުރު ބަލާނީ އަންނަ މަހުގެ އެކެއްގެ ނިޔަލަށެވެ.

އަދި އެމީހަކީ ފާއިތުވި ފަސް އަހަރުދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށާއި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއްކަމުގައި ވެގެން ނުވާނެ ކަމަށްވެސް އިއުލާނުގައިވެ އެވެ.

ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފިިރިހެން މީހެއްނަމަ އިސްކޮޅުގައި ފަސްފޫޓު ފަސް އިންޗި، އަންހެނެއް ނަމަ ފަސް ފޫޓު ތިން އިންޗި ހުންނަން ވާނެ ކަމަށްވެސް އިއުލާނުގައިވެ އެވެ.

ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި މި ޝަރުތުތަކުގެ އިތުރަށް އިންޓަވިއުތަކަށާއި، ފުރަތަމަ އިންޓަވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް (ޕުޝްއަޕްސް، ސިޓްއަޕްސް، ޕުލްއަޕްސް، ދުވުން އަދި ސްވިމިންގް) އަދި އެޕްޓިޓިއުޓް ޓެސްޓުން އެމީހަކު ހޯދާ ނަތީޖާއަށް ބަލާނެ އެވެ.

މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް މިއަދުން ފެށިގެން މިމަހުގެ ނިޔަލަށ ފޯމު ދޫކުރާނެ އެވެ. ފޯމު ބަލައިގަންނާނެ ތަންތަން ވެސް އިއުލާނުގައި ވަނީ ބަޔާންކޮށްފަ އެވެ.

ނޮދަން އޭރިއާ އިން:އެމްއެންޑީއެފް ހދ. ކުޅުދުއްފުށި ޕޯސްޓް، ޅ. ނައިފަރު ފަޔަރ ސްޓޭޝަން

ސެންޓްރަލް އޭރިޔާއިން: ސެންޓްރަލް އޭރިޔާ ހެޑްކްއޯޓަރޒް (ލ. ކައްދޫ)، އެމްއެންޑީއެފް ދ. ކުޑަހުވަދޫ ޕޯސްޓް

މާލެ އޭރިޔާއިން: މިނިސްޓްރީ އޮފް ޑިފެންސް

ސަދަން އޭރިޔާއިން: އެމްއެންޑީއެފް ޏ. ފުވައްމުލަކު ޕޯސްޓް، ސ. ހިތަދޫ ފަޔާ ސްޓޭޝަން، ގދ. ތިނަދޫ ފަޔާ ސްޓޭޝަން

ވަޒީފާ އަށް އެދޭ ފޯމް ހުށަހަޅާނީ، އެމީހަކު އިންޓަވިއުއަށް ހާޒިރުވުމަށް ބޭނުންވާ އޭރިޔާއެއްގެ ފޯމްބަލައިގަތުމަށް ކަނޑައެޅިފައިވާ މަރުކަޒުތަކަށް ކަމަށް ޑިފެންސް މިނިސްޓްރީ ގެ އިއުލާނުގައިވެ އެވެ.

ވަޒީފާ އަށް އެދޭ ފޯމް ހުށަހަޅާއިރު ކުށުގެ ރެކޯޑް ފޯމް ފުރިހަމަކުރުމަށް ފަހު ހުށަހަޅަންޖެހޭނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.

comment ކޮމެންޓް