އަތޮޅުތެރޭގައި ހުރި ތަރިކަ ހިމާޔަތް ކޮށްދިނުމަށް މެމްބަރުން ގޮވާލައިފި

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 11 ވަނަ ޖަލްސާ -- މަޖިލިސް

ރާއްޖޭގެ އެކި ރަށްރަށުގައި ހުރި އާސާރީ ބިނާތަކާއި ތަރިކަ ރައްކާތެރިކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިއަދު ގޮވާލައިފިއެވެ.

އަތޮޅު ތެރޭގައި ހުރި ތަރިކަ ހިމާޔަތްކޮށް ބެލެހެއްޓުމަށް މެމްބަރުން ގޮވާލައިފައި ވަނީ ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ މަޖިލީހަށް ހުށަހެޅުއްވި ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ބިލަށް މިއަދު ވާހަކަ ދައްކަމުންނެވެ.

ބިލު ހުށަހަޅައިފައިވަނީ ރާއްޖޭގެ ސަގާފީ ތަރިކަ އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް، ތަރިކަ ކަމަށް ބެލެވޭ ތަކެއްޗާއި، ތަންތަނާއި، ސަރަހައްދުތައް ކަނޑައަޅައި، އެފަދަ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމާއި ކަމާ ގުޅޭގޮތުން ދައުލަތާއި އަމިއްލަ ފަރުދުންގެ ޒިންމާ ކަނޑައެޅުމާއި، ތަރިކައަށް ގެއްލުންވާ ގޮތަށް ކުރެވޭ ކުށްތަކަށް އަދަބު ކަނޑައެޅުމާއި ހެރިޓޭޖް ޓްރަސްޓް ފަންޑު ގާއިމުކޮށް ހިންގުމާ ބެހޭ އުސޫލުތައް ކަނޑައެޅުމުގެ މަގުސަދުގައެވެ.

ބިލަށް ވާހަކަ ދެއްކެވި ގިނަ މެމްބަރުން ވިދާޅުވީ ތަރިކަ ހުރީ ހަމައެކަނި މާލެ ނުވަތަ އުތީމުގައި ނޫން ކަމަށާއި، އެހެނިހެން އަތޮޅުތަކުގައިވެސް އެތައް އާސާރީ ތަންތަނާއި ތަރިކަ ފެންނަން ހުރި ކަމަށެވެ.

ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު --- ފޮޓޯ: މަޖިލިސް

އެހެން ނަމަވެސް އެތަންތަނާއި ތަކެތި ހިމާޔަތް ނުކުރެވި، އަޅާނުލައި ދޫކޮށްލެވިފައިވާ ކަމަށް މެމްބަރުން ވިދާޅުވިއެވެ.

ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު ވިދާޅުވީ އައްޑޫ ސިޓީގެ ގިނަ އަދަދެއްގެ ތާރީހީ، އާސާރީ ބިނާތަކެއް މިހާރު ފެންނަން ނެތް ކަމަށާއި، އައްޑޫ ސިޓީގެ ތާރީހީ ބިނާތަކާއި ނުލައި ރާއްޖޭގެ ތާރީހީ ބިނާތައް ފުރިހަމަ ނުވާނެ ކަމަށެވެ.

"ހިތަދޫ ކޯއްޓޭ އެ ވަނީ ނެތި ގޮސްފައި. ގަމާއި ގުޅިފައިވާ ތާރީހީ އެތައް ބިނާތަކެއް، އިނގިރޭސިން ހިންގި ހޮސްޕިޓަލުގެ އިމާރާތާ އާރްއޭއެފް ރާޑާ ސިސްޓަމް، ގައުމުގައި އޭރު ދިވެހިންގެ އިސްވެރިން ތިއްބެވި އިމާރަތް މިހާރަކު ނެތް. ދެވަނަ ބޮޑު ހަނގުރާމައިގައި އިނގިރޭސިންގެ ދިފާއީ ބަޑިތައް ބެހެއްޓިފައި ހުރި ކަނޑިހެރަ މިއަދު ފެންނާން އޮތީ ފައުންޑޭޝަންގެ ނިޝާނެއްގެ ގޮތުގައި،" އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު --- ފޮޓޯ/ މަޖިލިސް

ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ އައްޑޫގެ ގަމުން ފެށިގެން ކޯއްޓޭ އާ ދޭތެރޭގެ ކުޑަ ދިރާސާއެއް ހެދިޔަސް، އެ ދޭތެރޭގައިވާ ކުޅިތަކައި އެތައް ހަވިއްތައަކާއި އެހެނިހެން ބިނާތައް ފެންނާނެ ކަމަށެވެ.

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވީ ކާށިދޫގެ ތަރާގަނޑު މިހާރު ވީތަނެއް ހޯދަންވެސް ޖެހޭނީ ކޮންނަން ކަމަށެވެ. އެހެންކަމުން ތަރިކަ ހިމާޔަތްކުރުމުގެ މަސައްކަތް ފަށަންވީ ކާށިދޫއިން ކަމަށެވެ.

ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުގުނީ ވިދާޅުވީ ތިނަދޫގައި ހުރި އެތަކެއް އާސާރީ ތަންތަން ތަޅާ ސުންނާފަތިކޮށްލައިފައިވާ ކަމަށާއި، މި ބިލު ވުޖޫދަށް އަންނަން ލަސްވެސް ވެއްޖެ ކަމަށެވެ.

ބިލަށް ވާހަކަ ދައްކަވަމުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް ވިދާޅުވީ ތަރިކައިގެ ބިލެއް އޮތުމުގެ ބޭނުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އާސާރީ ތަންތަނާއި ތަރިކަ ރައްކާތެރިކަމާއެކު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުން ކަމަށެވެ.

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން -- ފޮޓޯ/ މަޖިލިސް

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ މިއަދު މުޅި ރާއްޖޭގެ ތާރީހަށް ރަންނަމާރި އަރާފައިވާ ކަމަށާއި ދިވެހިންނަށް ދިވެހިންގެ ތާރީހާއި އާސާރުތައް އައި ގޮތް މިހާރު ނޭނގޭ ކަމަށެވެ.

ރާއްޖެ އިސްލާމް ކުރި މީހާ މާލެ ދިއުމުގެ ކުރިން އެންމެ ފުރަތަމަ ހުރީ ބ. ކެންދޫގައި ކަމަށް މެމްބަރު އަލީ ހުސައިން ވިދާޅުވިއެވެ. އަދި އޭނާގެ ޒިޔާރަތެއް ކެންދޫގައި ހުންނަ ކަމަށާއި، ރ. އަތޮޅު މީހުން ވެސް ބ. އަތޮޅު ހުރަސްކޮށްފައި ދާއިރު އެ ޒިޔާރަތަށް ނަދުރު ބުނުމަށް ކެންދޫގައި މަޑުކުރާކަން އެއީ ތާރީޚުން އެނގޭ ކަމެއް ކަމަށެވެ.

"އެހެންނަމަވެސް އެތަނުގެ ހާލަތު މިއަދު ބަލާލީމާ އަޅުގަނޑު ދެރަވޭ،" ކެންދޫ ދާއިރާގެ މެމްބަރު ވިދާޅުވިއެވެ.

ކޮންމެ އަތޮޅެއް އަދި ކޮންމެ ރަށެއް ވެސް ތަފާތު ކަމަށާއި، ދިރިއުޅުމުގެ ވައްޓަފާޅިވެސް ތަފާތު ވާތީ، އެއީ އެ ރަށެއްގެ އާސާރު ކަމަށް ބައެއް މެމްބަރުން ވިދާޅުވިއެވެ. އަދި ތަރިކަ ތަރިކައަށް ވަނީ އެ ހުރި ތަނެއްގައި ބެހެއްޓުމުން ކަމަށާއި، ރަށްރަށުގައި ހުރި ތަކެތި ގެނެސް މާލޭގައި ހުންނަ ދާރުލްއާސާރަށް ލާން ނުޖެހޭ ކަމަށްވެސް މެމްބަރުން ފާހަގަ ކުރެއްވިއެވެ.

ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު -- ފޮޓޯ/ މަޖިލިސް

"އުތީމުގައި ހުރި ގަނޑުވަރު ނަގައިގެން ގެނެސް ހުޅުމާލޭގައި ބެހެއްޓީމާ މާ ގިނަ މީހުންނަށް ފެންނާނެ. އެކަމަކު އޭރުން އެއީ އާސާރަކަށް ނުވެ،" ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވިއެވެ.

އަތޮޅުތަކުގައި ހުރި ތަރިކަ ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ، ރަށްރަށުގައި ފަތުރުވެރިކަން ފުޅާވަމުން އަންނަ އިރު ނުހަނު ބޭނުންތެރި ކަމެއް ކަމަށް ގިނަ މެމްބަރުން ފާހަގަ ކުރެއްވިއެވެ. އަދި ރަށްރަށުގެ ތަރިކަ ރައްކާތެރިކޮށް ބެލެހެއްޓުމަށް ކައުންސިލްތަކަށް ބާރު ދިނުމަށް ވެސް މެމްބަރުން ވަނީ ހުށަހަޅައިފައެވެ.

މެމްބަރުން ވަނީ ގައުމީ ދާރުލްއާސާރުގެ ސެކިއުރިޓީ ބެލެހެއްޓުން ސަލާމަތީ ބާރުތަކާ ހަވާލުކޮށް، ދާރުސްއާސާރުގައި ހުރި ތަރިކަ ރައްކާތެރި ކުރަން އިތުރު އިސްކަމެއް ދިނުމަށް ވެސް ގޮވާލާފައެވެ.

އޭގެ އިތުރުން އަމިއްލަ ދާރުލްއާސާރުތަކާއި އާޓް ގެލެރީތައް ހިންގާ ފަރާތްތަކަށް ފަންނީ އެހީއާއި ތަމްރީނުގެ އިތުރުން ސަރުކާރުން ކޮންމެސް ވަރެއްގެ މަލީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށްވެސް މެމްބަރުން ވަނީ އެދިފައެވެ.

އަދި ދިވެހި ބޭސްވެރިކަމަކީ ވެސް ތަރިކައެއް ކަމަށާއި، ދިވެހި ބޭސްވެރިކަމަށް ބޭނުން ކުރަމުން ދިޔަ ފަތްޕިލާވެލި އަލުން ހައްދައި، ބޭހުގެ ސައިންޓިފިކް ރީސާޗްތައް ހެދި، އެ ތަކެތި ރައްކާތެރި ކުރަން ވެސް މެމްބަރުން ވާހަކަދެއްކެވިއެވެ.

comment ކޮމެންޓް