ބީއެމްއެލް އިން ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ސްޕޮންސާޝިޕް މުއްދަތު އިތުރުކޮށްފި

ބީއެމްއެލްއާއި އެފްއޭއެމްއާ ދެމެދުގައި ވެފައިވާ ގައުމީ ޓީމުތަކުގެ ސްޕެޮންސާޝިޕު އިތުރު ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުތަކުގެ ރަސްމީ ސްޕޮންސަރުގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއެކު ވެފައިވާ އެއްބަސްވުން ދެ އަހަރުގެ މުއްދަތަކަށް އިތުރު ކޮށްފި އެވެ.

މިއަދު ހެނދުނު ބެންކް އޮފް މޯލްޑިވްސްގެ ހެޑް އޮފީހުގައި އެ ބޭންކާ އަދި އެފްއޭއެމް އާ އެކު އެއްބަސްވުން އައު ކޮށްފައިވާ އިރު މި އެއްބަސްވުމުގެ ދަށުން ކުރިޔަށް އޮތް ދެއަހަރު ފިރިހެން ސީނިއާ ގައުމީ ޓީމާ، އަންހެން ސީނިއާ ޓީމާ އަދި ޒުވާން ޓީމުތަކުގެ ރަސްމީ ސްޕޮންސަރުގެ ގޮތުގައި ބީއެމްއެލް ހަމަޖެހިގެންދާނެ އެވެ. މިގޮތުން މި ޓީމުތަކުން ކުޅޭ މެޗްތަކުގައާއި ތަމްރީންތަކުގައި އަދި ޓްރެވަލް ކިޓްގައި ބީއެމްއެލްގެ ބްރޭންޑިންގ ހިމެނިގެންދާނެ އެވެ.

ބީއެމްއެލްއާއި އެފްއޭއެމްއާ ދެމެދުގައި ވެފައިވާ ގައުމީ ޓީމުތަކުގެ ސްޕެޮންސާޝިޕު އިތުރު ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މިއަދު ދެ ފަރާތުންވި އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއި ކުރެެއްވީ ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑިރެކްޓާ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފެވެ. އެފްއޭއެމްގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް ޢަދީލް ޖަލީލް އެވެ.

މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަތީ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް އެވެ.

"އަޅުގަނޑުމެންގެ ބޭންކާއި އެފްއޭއެމާ ދެމެދު އޮތް މި ހާއްސަ ގުޅުން ދެމިގެންދިއުން މިއީ ލިބޭ ވަރަށް ބޮޑު އުފަލެއް،" ޝަރީފް ވިދާޅުވި އެވެ.

"ޤައުމީ ޓީމުތަކުން ގިނަގުނަ ކާމިޔާބުތަކެއް ހޯދުމަކީ އަޅުގަނޑުމެން ހުރިހާ ދިވެހިންވެސް ކުޅިވަރުގެ މައިދާނުގައި އެންމެ ބޮޑަށް ދެކެން ބޭނުންވާ އެއްކަންތައް. އަދި ބައިނަލްއަގްވާމީ ފެންވަރުގެ މި ކާމިޔާބީތައް ހޯދައިދިނުމަށް ބީއެމްއެލްއަށް އަދާކުރެވޭނެ ދައުރު އެންމެ ފުރިހަމައަށް އަދާކޮށްދިނުމަށް މި ބޭންކުން ބޭނުންވޭ."

މީގެ އިތުރުން ބޭންކުގެ އެންމެ ބޮޑު އެއް ބޭނުމަކީ މުޅި ރާއްޖެ ހިމެނޭ ގޮތަށް ހުނަރުވެރި އަންހެން އަދި ފިރިހެން ފުޓުބޯޅަ ކުޅުންތެރިންތަކެއް އުފެއްދުމަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ވެސް ޝަރީފް ވަނީ ވިދާޅުވި އެވެ.

comment ކޮމެންޓް