އަނދައިގެން ދިޔަ ގިލި ލަންކަންފުށި ރިސޯޓް ޑިސެމްބަރުގައި ހުޅުވަނީ

ކ. ލަންކަންފުށީގައި ހިންގާ ގިލި ލަންކަންފުށި ރިސޯޓު -- ފޮޓޯ/ ގިލި ލަންކަންފުށި

ކ. ލަންކަންފުށީގައި ހިންގާ ގިލި ލަންކަންފުށި ރިސޯޓުގައި މި އަހަރުގެ ޖެނުއަރީ މަހު އަލިފާނުގެ ހާދިސާއެއް ހިނގައި، މަރާމާތަށް ބަންދުކުރުމަށްފަހު ޑިސެމްބަރު މަހު އެ ރިސޯޓު އަލުން ހުޅުވުމަށް ތައްޔާރުވެއްޖެ އެވެ.

ގިލި ލަންކަންފުށި ރިސޯޓުގައި އަލިފާނުގެ ހާދިސާ ހިނގީ މިދިޔަ ޖެނުއަރީ ދެވަނަ ދުވަހުގެ ރޭ 11:00 ހާ އިރު އެވެ.

އެ ރިސޯތްގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި އެ ރިސޯޓުގެ މޫދު ކޮޓަރިތަކެއް އަނދައި، ރަށުތެރެއަށްވެސް ހުޅުގަނޑު ފެތުރުނެވެ. މޫދުކޮޓަރިއެއްގެ ފުރާޅުގައި ހަރުކޮށްފައި ހުރި ހިކި ފަންގަނޑެއްގައި އަލިފާން ހިފައި، ވަޔާއެކު އަލިފާންގަނޑު ފެތުރިގެން ދިޔައީ އެވެ.

ގިލި ލަންކަންފުށީގެ ބޮޑު ބައެއްގައި އަނދަނީ--

ގިލި ލަންކަންފުށި ރިސޯޓުން އޭރު ބުނި ގޮތުގައި، ހަތް މޫދުކޮޓަރިއަކާއި ރެސްޓޯރަންޓެއް ވަނީ އަލިފާނުގައި އަނދައި ހުލިވެފައެވެ. އަލިފާނުގެ ހާދިސާއާ ގުޅިގެން ރިސޯޓު ވަގުތީ ގޮތުން ބަންދުކުރިއެވެ.

މަރާމާތަށް ގިލި ލަންކަންފުށި ބަންދުކުރި ނަމަވެސް މިހާރު އެ ރިސޯޓުން ދަނީ މި އަހަރުގެ ފަހުކޮޅު އެ ތަން ހުޅުވުމަށް ތައްޔާރުވަމުންނެވެ.

ރިސޯޓުގެ ފަރާތުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ގިލި ލަންކަންފުށީގެ ޖާދޫ، ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު އެނބުރި އަންނާނެ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ ކަރަންޓު ޝޯޓެއް ދިމާވެގެންނެވެ. އެހެން ނަމަވެސް އަލިފާން ރޯވި ސަބަބެއް ގިލި ލަންކަންފުށި ރިސޯޓުގެ ފަރާތުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

މީގެ ކުރިން ސޮނޭވާ ގިލީގެ ގޮތުގައި ހިންގި މި ރިސޯޓު 2012 ވަނަ އަހަރު ގަނެ، އެ އަހަރުން ފެށިގެން ހިންގަމުން އަންނަނީ ސިންގަޕޫރުގެ ހޮޓެލް ޕްރޮޕަޓީސް ލިމިޓެޑް (އެޗްޕީއެލް)އިންނެވެ.

ގިލި ލަންކަންފުއްޓަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އީކޯ ހޮޓެލްއެކެވެ. އަދި ދުނިޔޭގެ އެންމެ ބޮޑު ސްޓެންޑްއަލޯން ވޯޓާ ވިލާ ހުންނަނީވެސް ގިލި ލަންކަންފުށީގައެވެ. ޕްރައިވެޓް ރިޒާވްގެ ނަމުން ނަން ދީފައިވާ އެ ވިލާ ހުންނަނީ ކ. ލަންކަންފުށީގެ ފަޅުތެރޭގައި، އެހެން ބަންގަލޯތަކާ ދުރުގައެވެ.

comment ކޮމެންޓް