ވެރިކަމުގައި ދައުރުގައި އުތުރު ކޮރެއާއަށް ވަޑައިގެންނެވި ފުރަތަމަ އެމެރިކާ ރައީސަކަށް ޓްރަމްޕް

ވެރިކަމުގެ ދައުރުގައި އުތުރު ކޮރެއާއަށް ވަޑައިގެންނެވި ފުރަތަމަ ރައީސަކަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެ ވަޑައިގެންފި -- ފޮޓޯ: ސީޖީޓީއެން

ސޯލް (ޖޫން 30): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ދެ ކޮރެއާ ގުޅޭ ބޯޑަރުގައި ބައްދަލު ކުރައްވައިފި އެވެ.

އެބައްދަލުވުމުގައި ޓްރަމްޕް ވަނީ ދެ ކޮރެއާގެ ބޯޑަރު ހުރަސް ކުރައްވާ، އުތުރު ކޮރެއާގައި ކުޑަ ވަގުތުކޮޅެއް ހޭދަ ކުރައްވާފަ އެވެ. އެއާ އެކު ޓްރަމްޕް ވަނީ ވެރިކަމުގެ ދައުރުގައި އުތުރު ކޮރެއާއަށް ވަޑައިގެންނެވި އެމެރިކާގެ ފުރަތަމަ ރައީސަށް ވެވަޑައިގެންފަ އެވެ.

އެދެ ބޭފުޅުން ސަލާން ކުރެއްވުމަށް ފަހު ކިމް ވަނީ އެއީ "ވަރަށް ތާރީހީ ވަގުތުކޮޅެއް" ކަމަށް ވިދާޅުވެފަ އެވެ. އަދި ޓްރަމްޕް ވަނީ ދެ ކޮރެއާގެ ބޯޑަރު ހުރަސް ކުރުމަކީ "ވަރަށް ބޮޑު ޝަރަފެއް" ކަމަށާއި، ކިމްއަށް ވައިޓް ހައުސްއަށް ވަޑައިގަތުމަށް ދައުވަތު އަރުވާނެ ކަމަށް ވިދާޅުވެފަ އެވެ. މީގެ ކުރިން އުތުރު ކޮރެއާގެ އެއްވެސް ލީޑަރަކު އެމެރިކާއަށް ވަޑައިގެންފައެއް ނުވެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ދެކޮރެއާ ގުޅޭ ބޯޑަރުގައި -- ފޮޓޯ: އޭޕީ

ނަމަވެސް އެމެރިކާގެ ކުރީގެ ދެ ރައީސަކު އެބޭފުޅުންގެ ވެރިކަން ނިމުނު ފަހުން އުތުރު ކޮރެއާއަށް ޒިޔާރަތް ކުރެއްވި އެވެ. އެއީ 1994ގައި ޖިމީ ކާޓާ އާއި 2010ގައި ބިލް ކްލިންޓަން އެވެ.

މީގެ އިތުރުން ޓްރަމްޕް ވަނީ ދެ ކޮރެއާގެ މެދުގައި އޮންނަ ޑީމިލިޓަރައިޒްޑް ޒޯން (ޑީއެމްޒެޑް)ގައި ބައްދަލު ކުރެއްވުމަށް ކިމްއަށް ދައުވަތު އެރުވީ ވަރަށް ކުއްލި ގޮތަކަށް ކަމަށާއި، އެދެ ބޭފުޅުން ބައްދަލު ކުރެއްވުމުން މިއަދަކީ "މުޅި ދުނިޔެއަށްވެސް ވަރަށް ރަނގަޅު ދުވަހެއް" ކަމަށް ވިދާޅުވެފަ އެވެ.

ޓްރަމްޕް ކޮރެއާއަށް ވަޑައިގެންނެވީ ޖަޕާނުގައި އޮތް ޖީ20 ސަމިޓު ނިންމަވާލެއްވުމަށް ފަހުގަ އެވެ. އަދި ދެ ކޮރެއާގެ ބޯޑަރަށް ވަޑައިގެންނެވީ ދެކުނު ކޮރެއާގެ ރައީސް މޫން ޖޭ އިންއާ ބައްދަލު ކުރެއްވުމަށް ފަހު، ރައީސްއާ އެއްކޮށެވެ.

ޓްރަމްޕާއި ކިމް ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ބައްދަލު ކުރައްވާފަ އެވެ. އެއީ މިދިޔަ އަހަރުގެ ޖޫން މަހު ސިންގަޕޫރުގަ އާއި މިދިޔަ ފެބްރުއަރީ މަހު ވިއެޓްނާމްގަ އެވެ. ނަމަވެސް އޭގެ ކުރިން ދެ ބޭފުޅުން ވަނީ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ހަމަލާތައް ދެއްވާފަ އެވެ.

comment ކޮމެންޓް