ޓްރަމްޕް، ސައުދީ ވަލީއުލްއަހްދަށް ވަރަށް ބޮޑަށް ތާރީފް ކުރައްވައިފި

އޮސާކާގައި ޓްރަމްޕް ބިން ސަލްމާން އާ ބައްދަލުކުރައްވަނީ

އޮސާކާ (ޖޫން 29) : ޖަޕާންގެ އޮސާކާގައި މިއަދު ނިމުނު ޖީ 20 ގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ޚާޝުގްޖީގެ މަރުގެ މައްސަލަ ހަނދާން ނައްތާލައްވައިފިއެވެ.

ޖީ 20 ގެ ސަމިޓްގެ އަރިމަތިން ނޫސްވެރިން ކުރި ސުވާލެއްގެ ޖަވާބުގައި ޓްރަމްޕް ވިދާޅުވީ ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާނަކީ އެމެރިކާއަށް ވަރަށް ބޭނުންތެރި ލީޑަރެއްކަމަށާ ބިން ސަލްމާނަކީ އަރަބިންގެ ތެރެއިން މަދުންފެންނަ އެމެރިކާއަށް ވަރަށް އިތުބާރުކުރެވޭ އަދި އެމެރިކާގެ ވަރަށް ގާތް ރަހްމަތްތެރިއެއް ކަމުގައެވެ.

ބިން ސަލްމާނަށް ތައުރީފް ކުރައްވަމުން ޓްރަމްޕް ވިދާޅުވީ އޭނާ ބިން ސަލްމާނަށް ތާއީދުކުރައްވަނި ސައޫދީން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެމެރިކާއިން އެތަށް ސަތޭކަ ބިލިޔަން ޑޮލަރެއްގެ ހަތިޔާރު ގަތުމަށް ނިންމުމާއި ސައޫދީ ޒަމާނީކޮށް އެގައުމު ދުނިޔެއަށް ހުޅުވާލުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ސަބަބުންކަމުގައެވެ.

މިގޮތުން ސައޫދީ އަށް ޒަމާނީ ފަތުރުވެރިކަން ގެނަސް ޒަމާނީ އެންޓަޓެއިންމަންޓް މަރުކަޒުތައް ހުޅުވުމަށް ބިން ސަލްމާން ނިންމެވި ނިންމެވުމަކީ ތައުރީފް ހައްގު ނިންމުމެއްކަމަށް ޓްރަމްޕް ސިފަކުރެއްވިއެވެ. އަދި ސައޫދީގައި އަންހެނުން އެއްފަރާތްކޮށްފައި އޮތްއޮތުންވެސް ބިންސަލްމާން ނިމުމަކަށް ގެންނަވައި ސައޫދީ އަންހެނުން މަސައްކަތުގެ ބާޒާރަށާއި ގައުމުގެ އެކި ހަރަކާތްތަކަށް ނެރުމަކީ އީޖާބީ އިންގިލާބެއްގެ ގޮތުގައި ޓްރަމްޕް ސިފަކުރެއްވިއެވެ.

މީގެއިތުރުން ބިން ސަލްމާންގެ އެހީތެރިކަމާއެކު ސައޫދީ ގެންދަނީ މެދުއިރުމަތީގައި ހަމަޖެހުމާއި ސުލްޙަ ގާއިމް ކުރުމުގައި މުހިއްމު ދައުރެއް އަދާކުރަމުން ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. އޭގެކުރިން ޓްރަމްޕްވަނީ އިސްރާއީލަށް މެދުއިރުމަތީގައި ސަލާމަތުން އޮވެވެނީ ސައޫދީގެ އެހީތެރިކަމާއެކުގައި ކަމަށް ވިދާޅުވެ ސައޫދީއަށް ޝުކުރު އަދާކުރައްވާފައެވެ.

ޖީ 20 ގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓްގައި ޓްރަމްޕްވަނީ ބިން ސަލްމާން އާ ވަކިން ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ސައޫދީން މަރާލި އެގައުމުގެ މަޝްހޫރު ނޫސްވެރިޔާ ޖަމާލް އަލްޚާޝުގްޖީގެ މަރުގެ މައްސަލައާބެހޭގޮތުން ބިން ސަލްމާންއާ މަޝްވަރާކުރެއްވިތޯ ޓްރަމްޕާ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވުމަށް ޓްރަމްޕް ވަނީ ދެކޮޅު ހައްދަވަފާއެވެ.

ޓްރަމްޕް ގެ ވެރިކަމަށް މިވީ ދެއަހަރުބައިގެ މުއްދަތުގައި ސައޫދީ ސަރުކާރުންވަނީ އެމެރިކާއިން 460 ބިލިޔަން ޑޮލަރުގެ ހަތިޔާރު ގަތުމަށް އެއްބަސްވެފައެވެ. މިއީ ސައޫދީގެ ތާރީޚުގައިވެސް މިހާ ގިނަ ފައިސާ ހަތިޔާރުގަތުމަށް ޚަރަދުކުރުމަށް ނިންމި ފުރަތަމަ ފަހަރެވެ.

މި ފައިސާއަށް ގަތް ހަތިޔާރުގެ ތެރެއިން ބައެއް ހަތިޔާރު ސައޫދީއަށް ލިބިފައިވާއިރު ސައޫދީ ސިފައިން ގެންދަނީ ޔަމަނަށް ހަމަލާދިނުމުގައި އެ ހަތިޔާރުގެ ބޭނުން ކުރަމުންނެވެ. ޔަމަންހަނގުރާމައިގާ މިހާތަނަށް އާންމުންގެ 40 ހާސް މީހުން މަރުވެފައިވާއިރު އޭގެތެރެއިން ގިނަ އާންމުން މަރުވެފައިވަނީ ސައޫދީ އާއި ޔޫއޭއީ ގެ އަސްކަރީ ފައިޓާޖެޓްތަކުން ޔަމަނަށް ދޭ ވައިގެ ހަމަލާތަކުގައި ކަމަށް ބައިނަލްއަގްވާމީ ރިޕޯޓްތައް ބުނެއެވެ.

ނަމަވެސް އެމެރިކާ އަތުން އަގުބޮޑުކޮށް ސައޫދީ ގަންނަ ހަތިޔާރުތަކުން ސައޫދީގެ އެއްގަމާއި ހިމާޔަތް ކުރުމުގައި ނާކާމިޔާބުވެފައިވާކަމަށް ނަންހަމަކުރަންނޭދޭ ސައޫދީ މަސްއޫލުވެރިއަކު ދާދިފަހުން ވަނީ އެއްބަސްވެވަޑައިގެންފައެވެ. ސަބަބަކީ ސައޫދީން ޔަމަނަށްދޭ ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން ޔަމަންގެ ހޫޘީން ސައޫދީއަށް ދޭ ހަމަލާތައް ސައޫދީ އެއާޕޯޓްތަކަށާއި ތެލުގެ މަރުކަޒުތަކަށް އަރަމުން ދާތީއެވެ.

ހޫޘީންގެ ޑްރޯން ހަމަލާތަކާއި މިސައިލް ހަމަލާތަކުގައި ސައޫދީގައި ބައެއްމީހުން މަރުވެ އެތަށް ބަޔަކު ޒަޚަމްވެފައިވާއިރު ހޫޘީންގެ ހަމަލާއެއް އަތުވެދާނެކަމުގެ ބިރު ސައޫދީގައި ވަނީ ވަރަށް ބޮޑަށް އުފެދިފައެވެ.

އެމެރިކާގެ ހަތިޔާރާއި ޖާސޫސީ އެހީތެރިކަމާއި އަސްކަރީ މަދަދާއެކުވެސް ޔަމަންގެ ހޫޘީ ޖަމާއަތް ބަލިކުރުމުގައި ސައޫދީ ސިފައިންވަނީ ނުކުޅެދިފައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް