ބޭރުގެ އަސްކަރީ ބޭސްއެއް އަޅާކަށް ފުރުސަތު ދޭކަށް ނޫޅޭ: ޝަމާލް

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައްދަލުވުމެއްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް

ދިވެހިރާއްޖޭގައި އެހެން އެއްވެސް ގައުމެއްގެ އަސްކަރީ ބޭސްއެއް ގާއިމް ކުރަން ހުއްދަ ދިނުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

ޝަމާލް އެހެން ވިދާޅުވީ، އެމްއެންޑީއެފްގެ އިސް ވެރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުތުރު ތިލަފަޅު ތަރައްގީކުރަން އިންޑިއާއަށް ދޭން އުޅޭތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އެކަމާ ގުޅޭގޮތުން ޝަމާލް ވިދާޅުވީ ކޯސްޓްގާޑް އުޅަނދުތައް ރިޕެއާ ކުރެވޭނެ ތަނެއް ގާއިމް ކުރުން މުހިންމު ކަމަށެވެ. އަދި އުތުރުތިލަފަޅުގައި އެފަދަ ތަނެއް ގާއިމް ކުރެވިއްޖެ ކޯސްގާޑުގެ ކެޕޭސިޓީ އެތައް ގުނައެއް އިތުރުވެގެން ދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ، އުތުރު ތިލަފަޅު ތަރައްގީކުރުމަށް އިންޑިއާއިން ހިލޭ އެހީ ދޭނެކަމުގެ އިޝާރާތެއް ލިބިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، އުތުރު ތިލަފަޅުގައި އިންޑިއާގެ އަސްކަރީ ބޭސްއެއް އަޅަން އުޅޭ ކަމަށް ބައެއް ފަރާތްތަކުން ބުނާ ކަމަށެވެ. އެ ވާހަކަތައް އެކަން ދޮގުކުރެއްވިއެވެ.

"އަޅުގަނޑަށް ހަމަ ޔަގީނުންވެސް އެނގޭ، ދިވެހި ސަރުކާރުގެ ވިސްނުމެއްވެސް ނެތް، އަސްކަރިއްޔާގެ ވިސްނުމެއް ނެތް، ޑިފެންްސް މިނިސްޓްރީގެ ވިސްނުމެއްވެސް ނެތް އެއްވެސް ގައުމެއްގެ އަސްކަރިއްޔާއަކަށް ދިވެހިރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި އަސްކަރީ ބޭސްއެއް ނުވަތަ މިލިޓަރީ ބޭސް [ގާއިމް ކުރަން ހުއްދަ ދޭން]،"

"...އަޅުގަނޑު ވަރަށް ކްލިއާކޮށް [ސާފުކޮށް] މި ޕޮއިންޓު ފާހަގަކުރަން ބޭނުންވޭ މިލިޓަރީ ބޭސްއެއް ދިވެހި ރާއްޖޭގައި އެއްވެސް ގައުމަކަށް ދާއިމީކޮށް އަދި ޓެމްޕޮރަރީ [ވަގުތީ] ވިޔަސް، މިލިޓަރީ ބޭސްއެއް ހަދަން ދިނުމުގެ އެއްވެސް ވިސްނުންފުޅެއް ނުގެންގުޅޭކަމުގެ ޔަގީންކަން އަޅުގަނޑު މި ފުރުސަތުގައި އަރުވަން،" ޝަމާލް ވިދާޅުވިއެވެ.

އެހެންނަމަވެސް، ސިފައިންގެ ކެޕޭސިޓީ ބިލްޑްކުރުމަށް އިންޑިއާ ހިމެނޭ ގޮތަށް އެހެން ގައުމުތަކާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ޝަމާލް ވިދާޅުވިއެވެ. އެއީ އާ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ، އިތުރު ތިލަފަޅުގައި އެހެން ގައުމެއްގެ ބޭސްއެއް ނަހަދާނެ ކަަމަށެވެ. އެކަމަކު އެެހެން ގައުމުތަކުގެ އެހީތެރިކަން އެތަނަށް ހޯދާނެ ކަމުގެ އިޝާރާތެއް އޭނާ ދެއްވިއެވެ.

"އުތުރު ތިލަފަޅުގެ ވިސްނުމަކީ ކޮންމެވެސް ވަރެއްގެ ރިޕެއާ ފެސިލިޓީއެއް ހެދުން އެތަނުގައި. ދެން އޭގައި ޓެކްނިކަލް އެހީތެރިކަމާއި ޓެކްނިކަލް ސްޓާފުން [ހޯދާނެ]. އެކަމަކު ފަހަރެއްގައިވެސް އުތުރުތިލަފަޅަކީ އެއްވެސް ބައެއްގެ އަސްކަރީ ބޭސްއަކަށް ވެގެންދާނެ ތަނެއް ކަމަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،"

އިންޑިއާގެ ހެލިކަޕްޓަރުތަކާ އެކު އެގައުމުގެ ސިފައިން ރާއްޖޭގައި ތިބޭތީ އަދިވެސް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރެއެވެ. އަދި އިންޑިއާގެ އަސްކަރީ ބޭސްއެއް ރާއްޖޭގައި ގާއިމް ކުރަން އުޅޭ ކަމަށް ބުނެވެސް ބައެއް ފަރާތްތަކުން ކަންބޮޑުުވުން ފާޅުކުރެއެވެ.

comment ކޮމެންޓް