"ޓީމަށް އިތުރު ބަދަލެއް ގެންނަން ވިސްނާނީ ފުރަތަމަ ބުރު ނިމުމުން"

މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީ --- ފޮޓޯ/ދެވެހި ޕްރިމިއާ ލީގު

މާޒިޔާގެ ސްކޮޑަށް އިތުރު ބަދަލެއް ގެންނަން މިވަގުތު ނުވިސްނާ ކަމަށާއި އެކަން ކުރިޔަސް ކުރާނީ ފުރަތަމަ ބުރުގެ ކުޅުމަށް ބަލާފައި ކަމަށް އެ ޓީމުގެ ކޯޗު މަރުޖާން ސެކުލޮސްކީ ބުނެފިއެވެ.

ވޭތުވެ ދިޔަ ހަފްތާގައި ނިލަންދޫ ކޮޅަށް ގިނަ ގޯލުތަކެއް ޖެހުމަށްފަހު މާޒިޔާއިން ވަނީ ދިވެހި ޕްރިމިއާ ލީގުގެ ރެެކޯޑެއް ހަދައިފަ އެވެ. އަދި އެ މެޗުގައި ޓީމު ދެއްކި މޮޅު ކުޅުމަށް އެ ޓީމުގެ ކޯޗު ވަނީ ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ.

މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީ --- ސަން ފޮޓޯ // ފަޔާޒު މޫސާ

މާޒިޔާއަކީ މިފަހަރުގެ ލީގަށް އެންމެ ރަނގަޅަށް ތައްޔާރުވީ ޓީމެވެ. އެ ޓީމުން މިފަހަރުގެ ލީގަށް ގިނަ ކުޅުންތެރިންތަކެއް ޓީމަށް ގެނައި އިރު ލީގު ފެށުމުގެ ކުރިން އެ ޓީމުން ވަނީ ސައުދީ އަރަބިއްޔާގައި ހާއްސަ ކޭމްޕެއްވެސް ކުރިއަށް ގެންގޮސްފައެވެ. އެ ޓީމުން ލީގުގައި މިހާތަނަށް ދެ މެޗު ކުޅުނު އިރު ދެ މެޗުން ވެސް ވަނީ ފަސޭހަކަމާއެކު މޮޅުވެފައެވެ.

މާޒިޔާއިން މިރޭ ފޯކައިދޫއާ ދެކޮޅަށް ނުކުންނަ މެޗުން އެ ޓީމު މޮޅުވެއްޖެނަމަ ތާވަލުގެ އެއްވަނައަށް އެ ޓީމު ޖެހިލާނެއެވެ. އަދި މިއަދުގެ މެޗުންވެސް މޮޅުވާން ކުޅުންތެރިންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ދައްކާނެކަމުގެ އުންމީދު އެބައޮތް ކަމަށް މާޒިޔާގެ ކޯޗު ބުންޏެވެ.

އޭނާ ބުނީ ޓީމުގައި މިވަގުތު ތިބި ކުޅުންތެރިންނާ މެދު އުންމީދު ބޮޑު ކަމަށާއި، ކޮންމެ މެޗަކަށް ވެސް ނުކުންނާނީ މޮޅުވާން ކަމަށެވެ.

"ޓީމުގައި މިވަގުތު އޮތީ ރަނގަޅު ސްކޮޑެއް. ޓީމަށް ގެންނަ ބިދޭސީ ފޯވާޑް ކޯނޭ ވަރަށް އަވަހަށް ޓީމާ ގުޅޭނެ. ޓީމުގެ ސްކޮޑަށް އިތުރު ބަދަލެއް ގެންނަން ވިސްނާނީ ފުރަތަމަ ބުރުގެ ކުޅުމަށް ބަލައިފަ،"

މީގެ އިތުރުން ސެކުލޮސްކީ ބުނީ މާޒިޔާގެ ޓާގެޓަކީ ހުރިހާ މެޗަކުން ވެސް މޮޅުވުން ކަމަށެވެ. އަދި ބޮޑު ރެކޯޑެއް ކޮންމެ މެޗެއްގައި ނުހެދި ކަމުގައި ވިޔަސް ކުޅުންތެރިންގެ ފަރާތުން ރީތި މޮޅު ކުޅުމެއް ފެނުމުން ހިތްހަމަ ޖެހޭނެ ކަމަށެވެ.

comment ކޮމެންޓް