ސާބިއާ ކޭމްޕަށް ފުރުމުގެ ކުރިން ރައީސް ވޮލީ ޓީމަށް ހިތްވަރު ދެއްވައިފި

ގައުމީ ވޮލީ ޓީމު އިތުރު ތަމްރީނަށް ސާބިއާއަށް ފުރުމުގެ ކުރިން ރައީސް މުހައްމަދު ސޯލިހް އެ ޓީމާ ބައްދަލު ކުރެއްވުމުގެ ތެރެއިން --- ފޮޓޯ//ރައީސް އޮފީސް

މި މަހު 19 އިން 29 އަށް މޮރިޝަސްގައި ބާއްވާ އިންޑިއަން އޯޝަންސް އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވުމުގެ ގޮތުން، އިތުރު ތަމްރީނު ހޯދުމަށް ސަރބިއާއަށް މިރޭ ދަތުރުކުރުމަށް ހަމަޖެހިފައިވާ ޤައުމީ ވޮލީ ޓީމުގެ މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙް ބައްދަލުކުރައްވައިފިއެވެ.

މިރޭ މުލީއާގޭގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވިގޮތުގައި މިއީ ޔޫރަޕްގެ ޤައުމަކަށް އިތުރު ތަމްރީނުތަކަށް ޤައުމީ ވޮލީ ޓީމަށް ދަތުރުކުރަން ލިބުނު ފުރަމަތަ މިފަދަ ފުރުޞަތުކަން ފާހަގަކުރެއްވިއެވެ. މި ފުރުސަތަކީ ދާދި ފަހުން ކުޅިވަރާ ބެހޭ މިނިސްޓަރު އަހުމަދު މަހްލޫފް ސާބިއާއަށް ކުރެއްވި ދަތުރުފުޅުގައި ހަމަޖެހިގެން ދިޔަ ކަމެކެވެ.

ރައީސް ވިދާޅުވިގޮތުގައި ސަރބިއާއަކީ ކުޅިވަރުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދައިފައިވާ ޤައުމެކެވެ. އަދި މި ލިބުނު ފުރުޞަތުގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ހިފުމަށް އެމަނިކުފާނު ވަނީ ޓީމުގެ ކުޅުންތެރިންނަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

"އުންމީދަކީ މި ތަމްރީނުތަކުގެ އަލީގައި އައިއޯއައިޖީއިން ދިވެހި ޤައުމީ ވޮލީ ޓީމު މެޑައްޔެއް ހާޞިލްކުރުން" ރައީސް ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުމުގައި ޤައުމީ ވޮލީ ޓީމުގެ ފަރާތުން ވާހަކަދެއްކެވި އެ ޓީމުގެ ކޯޗު ވިދާޅުވިގޮތުގައި، ސަރބިއާއަކީ ދުނިޔޭގެ ރޭންކުން ވޮލީ އިން 10 ވަނައިގައި އޮތް ޤާއުމުކަމަށާއި، މި ތަމްރީނުތަކުގެ ބޭނުން ފުރިހަމަގޮތުގައި ހިފައި، އައި.އޯ.އައި.ޖީގައި ޤައުމީ ވޮލީ ޓީމުން ބޮޑު ކާމިޔާބީއެއް ހޯދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ދެއްވާފައެވެ.

ސާބިއާ ވަނީ 2011 ވަނަ އަހަރު ވޮލީއިން ޔޫރަޕްގެ އެއް ވަނަ ހޯދައިފަ އެވެ. އަދި އެންމެ ފަހުން އޮތް ޔޫރަޕްގެ މުބާރާތުގައި ސާބިއާ ވަނީ ލޯ މެޑަލް ހޯދައިފަ އެވެ. ރާއްޖޭގެ ގައުމީ ޓީމު އެގައުމުގައި ކޭމްޕް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހު 4 - 14 އަށެވެ.

comment ކޮމެންޓް