ރާއްޖެއިން ރަޝިއާއަށް މަސްބޭރުކުރަން އިތުރުކުރުމަށް މަޝްވަރާކޮށްފި

އަބްދުﷲ ޝާހިދު، ރަޝިއާގެ ފޮރިން މިނިސްޓަރު ލަވްރޯވްއާއެކު--- ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖެއިން ރަޝިއާއަށް މަސްބޭރުކުރަން އިތުރުކުރުމަށް މަޝްވަރާކޮށްފިއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަޝިއާއަށް މިހާރު ކުރައްވަމުންދާ ދަތުރުގައި ރަޝިއާގެ ފޮރިން މިނިސްޓަރު ސާޖޭ ލަވްރޯވް އާއެކު ވަނީ ވާހަކަތައް ބާއްވަވައިފައެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ ރާއްޖެއިން ރަޝިއާއަށް މިހާރު މަސްބޭރުކުރުމުގައި ދިމާވާ މައްސަލަ ހައްލުކޮށްދެއްވާނެކަމަށް މިއަދު ބޭއްވި ވާހަކަތަކުގައި ލަވްރޯވް ވިދާޅުވި ކަމަށެވެ.

ރަޝިއާއަށް މަސް ބޭރުކުރަން އިތުރުކުރުމަށް މަޝްވަރާ ކުރިއިރު، ދާދި ފަހުން ޝާހިދު ރޫމޭނިއާއަށް ކުރެއްވި ދަތުރުގައި ވަނީ ރާއްޖޭގެ މަހަށް ޔޫރަޕްގެ ޑިއުޓީ ކުޑަކުރަން ރޫމޭނިއާ އެކު މަޝްވަރާވެސް ކޮށްފައެވެ.

މިއަދު ބޭއްވި ވާހަކަތަކުގައި ރަޝިއާއެކު ގުޅުން ބަދަހިކުރަމަށް އިތުރު ދާއިރާތަކާއެކުވެސް ވަނީ މަޝްވަރާކޮށްފައެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއާއި، މޫސުމަށް އަންނަ ބަދަލުތަކާއި އަދި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމުގައި އެއްބާރުލުން ދިނުން ހިމެނެއެވެ.

ލަވްރޯވްއާއެކު ޝާހިދު މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ ރަޝިއާއަށް ދާ ދިވެހިންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭ އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައެވެ.

comment ކޮމެންޓް