48 ގަޑިއިރު ތެރޭ ލުތުފީ ރާއްޖެ ގެންނާނަން: ޕޮލިސް ކޮމިޝަނަރު

ޕޮލިސް ކޮމިޝަނަރު، މުހައްމަދު ހަމީދު. -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތިނެއް ނޮވެމްބަރު 1988 ވަނަ އަހަރު ރާއްޖެއަށް އުދުވާނީ ހަމަލާއެއްދީ 19 ދިވެހީން ޝަހީދުކޮށްލުމުގައި އެންމެ އިސްކޮށް އުޅުނު ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ކުރިއަށް އޮތް 48 ގަޑިއިރު ތެރޭ ރާއްޖެ ގެންނަން މަސައްކަތް ކުރައްވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

"ސަން"އަށް ދެއްވި އިންޓަވިއުއެއްގައި ކޮމިޝަނަރު ހަމީދު ވިދާޅުވީ އޭނާ ރާއްޖެ ނުގެނެވި ލަސްވީ، ގިނަ ދުވަސްތަކެއް ވަންދެން ލަންކާގައި ފިލައިގެން ގަވައިދާ ހިލާފަށް އުޅެފައިވާތީ، ލަންކާ ސަރުކާރުން ހޯދަން ޖެހޭ ކުލަޔަރަންސްތަކެއް ނުލިބިގެން ކަމަށެވެ.

މީގެ އިތުރުން، ލުތުފީ ލަންކާގައި އުޅެމުން ގޮސްފައި ވަނީ އދ ގެ ޖަމްއިއްޔާއަކުން ހިމާޔަތް ހޯދައިގެންކަން ވެސް ފާހަގަވެފައިވާ ކަމަށާއި ނަމަވެސް އެ ލިޔުންތަކުގެ މުއްދަތު ވެސް ހުރީ ހަމަވެފައި ކަމަށް ކޮމިޝަނަރު ހަމީދު ވިދާޅުވި އެވެ.

"އޭނާ ރާއްޖެ ނުގެނެވި ލަސްވެގެން ދިޔައީ، އެ ދަނޑިވަޅުގައި [އެމްބަސީއާ އަމިއްލައަށް އައިސް ހަވާލުވި ދުވަސްވަރު] ލަންކާ ސަރުކާރުގެ ގާތްގަނޑަކަށް ހުއްޓިފައި އޮތީމާ ނިންމަން ޖެހޭ ކަންކަން ނުނިމުނީ. މިހާރު އެކޮޅުގެ ޖަސްޓިސް މިނިސްޓްރީން ޔަގީންކަން ލިބިފައި އޮތީ ކުރިއަށް އޮތް 48 ގަނޑިއިރު ތެރޭ ލުތުފީ ގެނައުމުގެ ކްލަޔަރަންސް ލިބޭނެ ކަމަށް،" ކޮމިޝަނަރު ވިދާޅުވި އެވެ.

އެއީ، ދެ ދުވަހުގެ މުއްދަތެކެވެ. ކޮމިޝަނަރު ހަމީދު ވިދާޅުވީ، ފުލުހުން ލުތުފީ ރާއްޖެ ގެނައުމަށް ފަހު ކަރެކްޝަންސްއާ ހަވާލު ކުރާނެ ކަމަށެވެ. އަދި އޭނާ ފިލައިގެން އުޅުނު މައްސަލަ ތަހުގީގުކޮށް އެ ކަމުގައި ފުލުހުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ލުތުފީ ފިލައިގެން އުޅުނު މައްސަލަ އަޅުގަނޑުމެން ވަކި މައްސަލައެއް ގޮތުގައި ބަލާނަން،" ކޮމިޝަނަރު ވިދާޅުވި އެވެ.

ލަންކާގެ ކޮޅުބުގައި ދިން އީސްޓް ސަންޑޭ ބޮމުގެ ހަމަލާތަކަށް ފަހު އެ ގައުމުގެ ސިފައިން ހިންގި އޮޕަރޭޝަންތަކާ ގުޅިގެން ލުތުފީ އަމިއްލައަށް އައިސް އެމްބަސީއާ ހަވާލުވީ، މޭ އެއްވަނަ ދުވަހު ކަމަށް ފުލުހުން ވަނީ ރޭ ބުނެފަ އެވެ. އެ ދުވަހުން ފެށިގެން އޭނާ ދިރިއުޅެމުން ގޮސްފައި ވަނީ ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގަ އެވެ.

އުމުރަށް ޖަލަށް ހުކުމްކޮށްފައިވާ ލުތުފީ، ބޭސްފަރުވާއަށް ރާއްޖެ ފޮނުވާލީ، 2010 ވަނަ އަހަރުގެ ޖެނުއަރީ 16 ގައެވެ. އެފަހުން ލުތުފީ ފިލައިގެން ދިރިއުޅެމުން އަންނަނީ ލަންކާގައެވެ. ލުތުފީ ހޯދައި ހައްޔަރުކޮށް އޭނާގެ ހުކުމް ތަންފީޒުކުރުމަށް ފުލުހުންނާއި ކަރެކްޝަންސްގެ މައްޗަށް 2012 ވަނަ އަހަރުގެ މާޗް މަސްތެރޭ ކުރިމިނަލް ކޯޓުން އަމުރެއް ވެސް ވަނީ ނެރެފަ އެވެ. އޭގެ ފަހުން ފުލުހުން ވަނީ ލުތުފީ ހޯދަން އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ވެސް ނެރެފަ އެވެ.

އުމަރު ނަސީރުގެ މިނިސްޓަރު ކަމުގައި ވަނީ ލުތުފީ ހައްޔަރުކުރެވޭ ވަރުގެ މައުލޫމާތު ފުލުހުންނާ ހިއްސާ ކުރާ މީހަކަށް 10،000 ޑޮލަރުގެ އިނާމެއް ދޭނެކަން ވެސް އިއުލާންކޮށްފަ އެވެ.

comment ކޮމެންޓް