ދިއްދޫ ޕްލެޓުތަކަށް އަލުން އިއުލާނު ކުރަން އަންގައިފި

ދިއްދޫ --

ހއ. ދިއްދޫގައި ސަރުކާރުން އިމާރާތްކޮށްފައިވާ 250 ހައުސިން ޔުނިޓުގެ ތެރެއިން ދޫނުކޮށް ހުރި ހައުސިން ޔުނިޓުތަކަށް ކުރިމަތި ލުމުގެ ފުރުސަތު އަލުން ހުޅުވާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދިއްދޫ ކައުންސިލަށް އަންގައިފި އެވެ.

ދިއްދޫގައި އަޅާފައިވާ ފްލެޓުތަކުގެ ތެރެއިން މިހާތަނަށް ދޫނުކޮށް ހުރި ފްލެޓުތަކަށް ކުރިމަތި ލުމުގެ ފުރުސަތު މީގެ ކުރިން ހުޅުވާލި ނަމަވެސް އެކަން މަޑުޖައްސާލުމަށް އޭސީސީ އިން ވަނީ ދިއްދޫ ކައުންސިލަށް އަންގައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން އޭސީސީ އިން މިއަދު ބުނީ 250 ހައުސިން ޔުނިޓުގެ ތެރެއިން ދޫނުކޮށް ހުރި 100 ހައުސިން ޔުނިޓު ދޫކުރުމަށް އިއުލާނު ކުރުމުން އެތައް ބަޔަކު ފޯމު ހުށަހަޅާފައިވާ ކަމަށާއި އޭރު ކުރި އިއުލާނު ބާތިލު ކުރުމަށް ހައުސިން މިނިސްޓްރީ އިން އާންމުކޮށް އިއުލާނުކޮށްފައި ނުވާ ކަމަށެވެ.

އަދި އެންމެ ފުރަތަމަ އެ ހައުސިން ޔުނިޓުތަކަށް ހުޅުވާލި އިރު ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އޭރު ފްލެޓު ނުލިބޭ ފަރާތްތަކަށް ބާކީ ހުރި ފްލެޓުތައް ދޭން ނިންމުމަކީ ޤާނޫނީ ގޮތުން ކުރެވޭނެ ކަމެއް ކަމަށް އޭސީސީ އަށް ނުފެންނަ ކަމަށް އެ ކޮމިޝަނުން ވަނީ ދިއްދޫ ކައުންސިލަށް އަންގައިފަ އެވެ.

ދިއްދޫގައި އެޅި 250 ފްލެޓުގެ ތެރެއިން މިހާތަނަށް ހަވާލުނުކޮށް ހުރި 110 ފްލެޓު ލިބޭ ފަރާތްތައް ކަނޑައެޅުމަށް ދިއްދޫ ކައުންސިލުން މި މަހު ނުވަ ވަނަ ދުވަހު ކުރި އިއުލާނާއި ބާކީ ހުރި 100 ފްލެޓު ދޫކުރުމަށް ހައުސިން މިނިސްޓްރީ އިން މިދިޔަ އަހަރުގެ ޖުލައި މަހު ކުރި އިއުލާނު ބާތިލު ކުރުމަށާއި ފްލެޓު ދޭނެ އާ އުސޫލެއް ކަނޑައެޅުމަށް އޭސީސީ އިން ވަނީ ކައުންސިލަށް އަންގައިފަ އެވެ.

މީގެ އިތުރުން މިހާރު ފްލެޓަށް އެދި ހުށަހަޅާ ހުރިހާ ފަރާތްތަކަށް ފުރުސަތު ލިބޭނެހެން އަލުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށް ވެސް އޭސީސީ އިން ދިއްދޫ ކައުންސިލަށް އަންގާފައިވާނެ ކަމަށް އޭސީސީ އިން ބުންޏެވެ.

comment ކޮމެންޓް