ރާއްޖެ-އިންޑިއާ ފެރީ ދަތުރުތައް ކާމިޔާބުވާނެތަ؟

ރާއްޖެ-އިންޑިއާ ފެރީ ހިދުމަތުގެ އެމްއޯޔޫގައި ސޮއިކުރުން -- ފޮޓޯ: ރައީސް އޮފީސް

ރާއްޖެ އާއި އެންމެ އަވަައްޓެރި، އެންމެ ގާތް އެއް ގައުމަކީ އިންޑިއާ އެވެ. އެކި ބޭނުންތަކުގައި ދިވެހިން އިންޑިއާއަށް ގޮސް އައިސްވާާތާ އެތައް އަހަރެއް ވެއްޖެއެވެ. ރާއްޖެ އައިސް ގޮސްވާ އިންޑިއާ ރައްޔިތުންގެ އަދަދުވެސް މަދެއް ނޫނެވެ. ޒަމާނަށް އައި ބަދަލާއެކު ދަތުރުފަތުރަށް ފަސޭހަކަން އައިސް ރާއްޖެ އާއި އިންޑިއާ އާއި ދެމެދު ކުރެވޭ ދަތުރުތައްވެސް ފަސޭހަވެ، ވަނީ އަވަސްވެފަ އެވެ. ކަނޑުމަގުން ކުރަމުންދިޔަ ދަތުރުތައް ވައިގެ މަގުން ކުރާދަތުރުތަކަށް ބަދަލުވިތާވެސް އެތައް އަހަރެއް ވެއްޖެއެވެ.

ގިނަ އެއާލައިންތަކަކުން އިންޑިއާގެ އެކި މަންޒިލްތަކާއި ރާއްޖެ ގުޅުވާދީފައިވާއިރު މި ދަތުރުތަކަށް އޮންނަ ޑިމާންޑުވެސް ރަނގަޅެވެ. ބޭހަށާއި ކިޔެވުމަށް އަދި ވިޔަފާރި ކޮށްލުމަށްވެސް އިންޑިއާ އަށް ދަތުރުކުރާ މީހުންނަށް ވަރަށް ފަސޭހަ އެވެ. ބަޖެޓް އެއާލައިންތަކާއެކު ކުޑަ އަގެއްގައި ޗުއްޓީ ހަދާލުމުގެ ފުރުސަތު އެބަލިބެ އެވެ.

އިންޑިއާ އަށް ދަތުރުކުރާ ދިވެހިން އާންމުކޮށް ގޮސްއުޅޭ މަންޒިލްތަކުގެ ކުރީގައި ހިމެނެނީ ކޮޗިން، ޓްރެވިންޑްރަމް، ބެންގަލޫރު، ނިއުދިއްލީ ފަދަ ސަރަހައްދުތަކެވެ. ޕޫނޭ، މުމްބާއީ، ކަޝްމީރު، ހައިދްރައާބާދު، ޕޮންޑިޗެރީ އަދި މައިސޫރަށްދާ މީހުންވެސް މަދެއް ނޫނެވެ. ބޭސްފަރުވާ އަށް އެންމެ ގިނައިން ދާ އެއް މަންޒިލަކީ ކޮޗިންއެވެ.

ރާއްޖެ އާއި ކޮޗިންނާ ދެމެދު ގިނަ ފްލައިޓުތަކެއް ހަފްތާއެއްގެ ތެރޭ ދަތުރު ކުރެއެވެ. ޓްރާންސިޓް ފްލައިޓުތަކާއި ޑައިރެކްޓް ފްލައިޓުތަކެވެ. ބޮޑު ޑިމާންޑެއް އޮތް މި ހިދުމަތް ލިބިލިބި ހުއްޓާ، މި ދެމެދު ދަތުރު ކުރާ ފެރީގެ ދަތުރުތައް ބޭނުން ކުރަން ފަށަން ތައްޔާރީ ކިތައް ރައްޔިތުންހެއްޔެވެ؟

ރާއްޖެ އާއި އިންޑިއާގެ ކޮޗިން އާއި ދެމެދު ފަސިންޖަރުންނާއި ކާގޯ އުފުލާ ފެރީއެއްގެ ހިދުމަތް ފެށުމުގެ ވާހަކަ ފުރަތަމަ ދެކެވުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގަ އެވެ. 2011 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސާކް ސަމިޓަށްފަހު އޭރު ސަރުކާރުން ނިންމާފައިއޮތީ އެއަހަރުގެ ޑިސެމްބަރު މަހު ދަތުރުތައް ފެށުމަށެވެ. އެ ދަތުރުތައް ފެށުމަށް ފީޒިބިލިޓީވެސް ހެދިކަމަށާއި ދަތުރުތައް ފަށަން ތައްޔާރު ކަމަށްް އޭރު ސަރުކާރުން ހާމަކުރި އެވެ.

ނަމަވެސް ރައީސް ނަޝީދުގެ ސަރުކާރު 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހު ބަދަލުވި އިރުވެސް އެ ދަތުރުތައް ނުއެއް ފެށުނެވެ. އޭރުވެސް މަޝްވަރާކޮށް ވާހަކަ ދެއްކީ މާލެ އާއި ކުޅުދުއްފުށި އަދި ކޮޗިންއާ ދެމެދު ދަތުރުތައް ފެށުމަށެވެ. އެ ދަތުރުތަކާއެކު އިންޑިއާ އަށް ދާ ދިވެހިންނަށް އިތުރު ފަސޭހަތައް ވާނެ ކަމަށާއި ކުޅުދުއްފުއްޓަކީ ވިޔަފާރީގެ ހަބަކަށް ވާނެ ކަމަށްވެސް ސަރުކާރުން ބުންޏެވެ.

އޭރުގެ މަޝްވަރާތަކަށް އަމަލީ ސިފަ ނައިސް ވަނިކޮށް ސަރުކާރު ބަދަލުވެ، އެ މަސައްކަތް އޮތީ ހުއްޓިފަ އެވެ. ރައީސް ވަހީދާއި ޔާމީންގެ ވެރިކަމަށްފަހު އަނެއްކާވެސް އެމްޑީޕީގެ ސަރުކާރެއް އުފެދި ފެރީ ދަތުރުތަކުގެ އަޑު މިވަނީ ގަދަވެފަ އެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގައި މި ދަތުރުތައް ފެށުމަށް އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފަ އެވެ. އެ އެމްއޯޔޫގެ ދަށުން މާލެ-ކުޅުދުއްފުށި-ކޮޗިން އާ ދެމެދު ކާގޯ އަދި ފަސިންޖަރުން އުފުލާ ފެރީ ދަތުރުތައް ބާއްވާނެ އެވެ.

މި މައުލޫމާތު ފިޔަވައި އެއްބަސްވުމާ ގުޅޭ އެއްވެސް ވާހަކައެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ. ދަތުރުތައް ބާއްވާނީ ދެގައުމުގެ ސަރުކާރުން ގުޅިގެން އުފައްދާ ކުންފުންޏަކުންތޯ ނޫނީ ޕްރައިވެޓް ކުންފުންޏަކަށް ދީގެންތޯވެސް ހާމައެއް ނުކުރެ އެވެ. ސަރުކާރުން ބުނިހާވެސް ވާހަކައަކީ މި ދަތުރުތަކުގެ ސަބަބުން ރާއްޖެ- އިންޑިއާ ގުޅުން ބަދަހިވެ ވިޔަފާރި އާއި ޓޫރިޒަމް ކުރިއަރާނެ ކަމަށެވެ.

މި ދަތުރުތަކާ ގުޅޭގޮތުން ޓްރާންސްޕޯޓު މިނިސްޓްރީ އިންވެސް ވަކި އެއްޗެއް ނުބުނެ އެވެ. އެއްބަސްވުމާ ގުޅޭ އެއްވެސް ވާހަކައެއް ހާމަކުރެވޭނީ ރައީސް އޮފީހުގެ ހުއްދަ ލިބިގެން ކަމަށް ޓްރާންސްޕޯޓުން ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ފެރީ ދަތުރުތައް ކުރުމަށް ދެގައުމުގެ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވިފައި އޮތްތަނަމެސް އެ އެއްބަސްވުމަށް އަމަލީ ސިފަ ގެންނާނެ އެއްބަސްވުމެއް ނެތް ކަމަށެވެ. ދަތުރުތައް ބާއްވާނީ ކޮން އިރަކުތޯ، ކޮން ދުވަސްތަކެއްގައިތޯ ވެސް ނުނިންމާ ކަމަށް ހޫދު ވިދާޅުވި އެވެ.

"އެމްއޯޔޫގައި ސޮއިކުރި ނަމަވެސް ދަތުރުތަކުގެ ފުރެކުއެންސީ، ކޮންދުވަސްތަކެއްގައިތޯ ދަތުރުތައް ބާއްވާނީ އަދި ކަނޑައެއް ނާޅާ. އެ ނިންމުންތައް ނިންމާނީ ދެގައުމުން ބާއްވާ ޖޮއިންޓް ކޮމިޝަނުގެ ބައްދަލުވުމުން،" އަހަރަކު ދެފަހަރު ބާއްވާ ޖޮއިންޓް ކޮމިޝަނުގެ ބައްދަލުވުމެއް ދެން ބާއްވަނެ ދުވަހެއް ހޫދު ވިދާޅެއް ނުވެ އެވެ.

"މިހާރު މިއޮތީ އެކަން ކުރަން [ފެރީ ދަތުރު] ވިލް އެއް ފޯމް ވެފައި. ދެން ޖެހޭނީ އެކަން ޕްރެކްތިކަލް ކުރަނެ ގޮތްތަކެއް ހޯދަން،" ރާއްޖެ - އިންޑިއާ އާއި ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކޮށް ބޭސްފަރުވާ އަށް އިންޑިއާ އަށްދާ ދިވެހިންނަށް ފަސޭހަ ކުރުމަށް ފަށަން ނިންމާފައިވާ ފެރީ ހިދުމަތާ ގުޅޭ ގޮތުން ތަރުޖަމާނު ވިދާޅުވިއެވެ.

އެއްވެސް ފިޒިކަލް ޕްލޭނެއް ނެތި ސޮއިކުރި އެއްބަސްވުމާ ގުޅޭގޮތުން އިންޑިއާގައި ހުންނަ ރާއްޖޭގެ އެމްބެސެޑަރުކަން ކުރެއްވި އަހުމަދު މުހައްމަދު ވިދާޅުވީ މި ދަތުރުތަކަކީ ފީޒިބްލް ކަމަކަށް ނުވާނެ ކަމަށެވެ. މީގެ ކުރިންވެސް އެ ދަތުރުތައް ފެށުމަށް ތައްޔާރުވުމަށްފަހު އަމަލީ ސިފަ އައިސްފައި ނުވަނީ ފީޒިބްލް ނުވާނެކަން އެނގޭތީ ކަމަށް އޭނާ ވިދާޅުވި އެވެ. މި ދަތުރުތައް ފެށުމަށް ހަރަދުވާނެ އަދަދެއް، ފަސިންޖަރުން އަތުން ނަގާނެ ފީއެއްވެސް އެއްވެސް އިރަކު ހާމައެއް ނުކުރެ އެވެ.

"މި ދަތުރުތަކަށް އެބަ ހޭދަވޭ ކަނޑުމަތީ 30 ގަޑިއިރު. މިހާރު ކުރު ދަތުރަކުން ނިންމާލެވެން އޮތްކަމެއްގައި ފަސިންޖަރުން ފެރީ ދަތުރު ހިޔާރެއް ނުކުރާނެ. މުދާ އުފުލުމަށް މި ރޫޓް ބޭނުން ކުރިޔަސް މީހުން ދަތުރެއް ނުކުރާނެ،" ކުރީގެ ސަފީރު ވިދާޅުވިއެވެ.

މީގެ ކުރިން، ރައީސް ނަޝީދުގެ ވެރިކަމުގައި ފަށަން ތައްޔާރުވި ފެރީގެ ހިދުމަތް ނުފެށި ލަސްވީ އެ ދަތުރުތަކަށް ކުރިމަތިލި ކުންފުނިތަކުން އެކަމާ ދުރަށް ދިޔުމުންނެވެ. އޭރު އިންޑިއާގެ ނޫސްތަކުން ބުނެފައިވަނީ ރާއްޖެ-އިންޑިއާ ފެރީ ދަތުރުތަކަކީ އިގުސާދީ ގޮތުން ވަޔަބަލް، ދެކޮޅުޖެހޭ ކަމެއް ނޫން ކަމަށް އަމިއްލަ ކުންފުނިތަކަށް ގަބޫލު ކުރެވުނީ ކަމަށެވެ.

ބައެއް އާންމުންގެ ހިޔާލަކީ، ފެރީދަތުރެއްކޮށްފައި އިންޑިއާ އަށް ދާން ބޭނުން ނުވާކަމެވެ.

"ކުރު ދަތުރެއް ކޮށްފައި ފަސޭހައިން ދެވެން އެބައޮތް. ދެ ދުވަހުގެ ދަތުރެއް ކުރަން ބޭނުންވާނީ ކާކު؟" ފެރީ ދަތުރުތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މި ދަތުރުތަކަކީ އިންޑިއާގެ އުނގު ވިޔަފާރިވެރިންނަށް ހުޅުވަލާ ދޮރެއްކަމަށް ދެކޭ މީހުންވެސް އެބަތިއްބެވެ. އެމީހުންނަށް ކުޑަ އެއްޗެއް ހަރަދުކޮށްގެން ރާއްޖެ އައިސް މުދާކޮޅު ވިއްކާލާފައި ދެވޭނެ ގޮތް ފަހިވާނެ ކަމަށް އެމީހުން ގަބޫލުކުރެ އެވެ. ފެރީގެ މި ފުރުސަތު އެގޮތަށް ބަދަލުވެއްޖެ ނަމަ ދިވެހި ވިޔަފާރިތަކަށް އަނެއްކާ ވެސް އިތުރު މައްސަލަތަކެއް ކުރިމަތިވީ އެވެ. އެކަމަކު މި ފެރީ ދަތުރުތަކަކީ ދިވެހިންނަށް އުނދަގުލަކަށް ވެގެން ނުވާނެ އެވެ. އޭގެ ބަދަލުގައި ވާންވާނީ ފައިދާ އެވެ.

މި ހުރިހާ ކަމަކަށް ވިސްނުމަށް ވުރެ ކުރިން ކުރިމަތިވާ ސުވާލަކީ، ކޮޗިން-ރާއްޖެ ފެރީ ދަތުރުތައް ކާމިޔާބުވާނެ ހެއްޔެވެ؟ އެކަން މީގެ ކުރިން ކާމިޔާބު ނުވެ އޮތީ ދެކޮޅު ޖެހޭ ކަމަކަށް ނުވާތީ އެވެ. އެހެން ވީމާ، މިފަހަރު އެ އެއްބަސްވުމަށް އަމަލީ ސިފަ ގެނެވޭނެ ހެއްޔެވެ؟

comment ކޮމެންޓް