ކަނޑުމަގުން ބޭރު ދަތުރުކުރުން ރާއްޖޭގައި އަލުން ދިރުވުން މުހިއްމު!

ރާއްޖޭގެ އާގުބޯޓުތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަތުރު ކުރި އިރު ގެންގުޅުނު "އެމްވީ. މޯލްޑިވް ގްރޭސް" ނަމަކަށް ކިޔާ ބޯޓެއް ---

ބައިނަލް އަގުވާމީ "ކަނޑުދަތުރުކުރާ" މީހުންގެ ދުވަހާ ގުޅުވައިގެން ދިވެހި ރާއްޖޭގައި ކަނޑުމަގުން ބޭރަށް ދަތުރުފަތުރު ކުރުން އަލުން ދިރުވައި އާލާ ކުރުމަށް ދިވެހި ސީފެއަރަރޒް އެންޑް ލޭބަރ ޔޫނިޔަން އިން ގޮވާލައިފި އެވެ.

ތާރީޚުން ހެކި ދޭގޮތުގައި މިކުޑަކުޑަ ގައުމުގެ ދިދަ މުޅި ދުނިޔޭގެ ކަނޑުތަކުގައާއި ބަނދަރުތަކުގައި ވިހުރުނެވެ. އެދުވަސްވަރު ދިވެހިރާއްޖޭގެ މުޅި އިގްތިސޯދު ބިނާވެފައި ވަނީ އާގުބޯޓު ފަހަރު ދުއްވައިގެން ލިބޭއެއްޗަކަށް ބިނާކޮށެވެ.

ރާއްޖޭގައި 1960 ވަނަ އަހަރުތަކުގައި ގެންގުޅުނު އާގުބޯޓެއް ކަމަށްވާ "ވިކްޓަރީ" ނަމަކަށް ކިޔުނު ބޯޓު ---

ދުނިޔޭގެ އެތަންމިތަނުގައި 90 އަށްވުރެ ގިނަބޯޓާއި އެ އުޅަނދުތައް ހިންގުމަށްޓަކައި އޮފީސްތަކާއި އެތައް ސަތޭކަ ދިވެހި ފަޅުވެރިން މަސައްކަތްކުރިއެވެ. ވޯރާ ވިޔަފާރިވެރިންނާއި އަވަށްޓެރި ގައުމުތަކުގެ ފިއްތުންތަކުން އަރައިގަނެ އަމިއްލަ ފައިމައްޗަށް ތެދުވުމަށް ޓަކައި ރައީސް އިބްރާހިމް ނާސިރު ކުރެއްވި އެންމެ ހިކުމަތްތެރި އެއްކަމަކީ އާގުބޯޓުފަހަރު ދުއްވުމާއި އެއުޅަނދުތަކަށް ބޭނުންވާނެ މީހުން ބިނާކުރުމެވެ.

އެގޮތުން 1950 ގެ އަހަރުތަކުން ފެށިގެން 2010 ވަނަ އަހަރާ ހަމައަށް މި ސިނާއަތުން ލިބުނު ފައިދާ އާއި ތަޖްރިބާ ބޭނުންކޮށް މިގައުމުގައި މުއާސަލާތީ، އިގްތިސާދީ އަދި އިޖްތިމާއީ އެންމެހާ ކަންކަމަށް މާލީ ގޮތުންނާއި ފަންނީގޮތުން ބޮޑުހިއްސާއެއް ވިއެވެ. މޫސުން ގޯސްވެ އަތޮޅުތައް ކާޑަށް ޖެހޭ ކޮންމެ ވަގުތަކު އެހީއާއި މަދަދު ފޯރުކޮށްދީފައިވާކަމީ އެންމެހާ ދިވެހިން ދަންނަ ހަގީގަތެކެވެ.

ރާއްޖޭގެ ހުރިހާ ސިނާއަތެއްގެ ދުވެލި 1970 ގެ އަހަރުތަކަށް ވުރެން އެތައް ގުނައަކަށް ކުރިއަރައި ތަރައްގީވަމުން އަންނަ އެހެން ގައުމުތަކުގެ ލިސްޓުން ޖާގަ ހޯދަމުން އައި ނަމަވެސް މިގައުމުގެ މެރިޓައިމް ދާއިރާ މިއޮތީ އެއްކޮށް ނެތިފައިކަމަށް ބެލިދާނެއެވެ.

އެހެންކަމުން ތަމްރީން ވެފައިތިބި ސީމަނުންގެ ވަޒީފާތައް ގެއްލި ޒުވާނުންނަށް ބީރައްޓެހި ދާއިރާއަކަށް އެކަން މިވަނީ ވެފަ އެވެ. އާގުބޯޓު ފަހަރަށް ކުރިން ތަމްރީނުވެފައިވާ ކެޕްޓަނުންނާއި އިންޖިނޭރުން މިހާރު އިނގިލިން ގުނާލެވޭހާ މަދުވެފައި އުމުރު މައްޗެވެ.

ގައިގަނޑަކަށް 1950 ގެ އަހަރު ތަކުން ފެށިގެންއައިސް ދުނިޔޭގައި 1970 ގެ އަހަރުތަކުގައި ފައިހަމަކޮށްފައިވާ ބަޔަކު މިހާރު 2019 ވީއިރު މިސިނާއަތު ނެތުމަކީ ބޮޑު ހިތާމަ އެކެވެ.

އިބްރާހިމް ނާސިރުގެ ދައުރުގައި އުފެއްދެވި މޯލްޑިވްސް ނެޝަނަލް ޝިޕިންގް ލިމިޓެޑް ގެ ލޯގޯ ---

ކަނޑުމަތީގެ މި މަސައްކަތަކީ ރަގަޅު އާމްދަނީއެއް ލިބޭ އަގުހުރި މަސައްކަތެކެވެ. ދުނިޔޭގެ މުސާރައިގެ ބާޒާރަށް ބަލާއިރު ކެޕްޓަނުންނާއި ޗީފް އިންޖިނޭރުންގެ އެންމެ އާދައިގެ މުސާރައަކީ 8000 – 9000 ޔޫއެސް ޑޮލަރެވެ. އެހެންކަމުން މިއީ ޒުވާނުން ކުރިޔަށްދާން އޮތް ރަގަޅު ދާއިރާއެކެވެ.

ދިވެހި ސީފެއަރަރޒް އެންޑް ލޭބަރ ޔޫނިޔަން އިން މިކަމާ މެދު ކަންބޮޑުވުން ފާހަކޮށްފައިވާ އިރު މިކަން ރާއްޖެއިން ނެތުމަކީ ހިތާމަ ކުރާ ކަމެއް ކަމަށް ވަނީ ބުނެފަ އެވެ.

"ނުވަދިހަ އިންސައްތަ އަށްވުރެ ބޮޑަށް ކަނޑު ހިއްސާކުރާ ޖަޒީރާ ގައުމެއްގައި ޝިޕިންގް ނުވަތަ މެރިޓައިމް ދާއިރާ މިހާ ދަށުގައި އޮތުމަކީ ހިތާމަ ކުރާ ކަމެއް. މިގައުމަށް ދިމާވެދާނެ ކާރިސާއެއްގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ހަމައެކަނި ވަސީލަތަކީ ކަނޑުމަގުންކަން އަޅުގަނޑުމެން އެންމެން އެއްބަސްވާނެ،" ސީފެއަރަރޒް އެންޑް ލޭބަރ ޔޫނިޔަން އިން ބުންޏެވެ.

މީގެ އިތުރުން މަތިން ދަތުރުކުރުމަށްޓަކައި ބޭނުންވާ ތެލާއި، ބަޑިބޭސްފަދަ ބައެއް ސާމާނަކީ ވެސް ހަމައެކަނި ކަނޑުމަގުން ނޫނީ ނުގެނެވޭނެ ތަކެތި ކަމަށްވީ އިރު މި މުހިންމު ސިނާއަތް އަލުން ދިރުވުމަށް ސީފެއަރަރޒް އިން ވަނީ ގޯވާލައިފަ އެވެ.

އަދި އެކަމުގައި ސަރުކާރާއެކީ މަސަތްކަތް ކުރުމަށް ތައްޔާރަށް ތިބި ކަމަށާއި ދުނިޔޭގެ ކަންކޮޅުތަކުގައި މެރިޓައިމް ދާއިރާ ތަރައްގީވެ އަންހެނުން މިމަސައްކަތުގައި ބައިވެރިކޮށް، އެފަރާތްތަކަށް ހަމަހަމަ ފުރުސަތު ދިނުމަކީ މިއަހަރުގެ ޝިއާރު ކަމަށް ވެސް ސީފެއަރަރޒް އެންޑް ލޭބަރ ޔޫނިޔަން އިން ވަނީ ބުނެފަ އެވެ.

"މިވަގުތު ދިވެހިރާއްޖޭގެ ޓްރާންސްޕޯރޓު މިނިސްޓަރެއްގެ ގޮތުގައި ހުންނެވީ އަންހެން ބޭފުޅެއް ކަމަށް ވާތީ މިއަދުގެ ޝިއާރުގައިވާގޮތަށް ޒުވާނުންނަށް އަދި ޚާއްސަކޮށް އަންހެންކުދިން މިރޮގުން ތަމްރީނުދީ މިސިނާއަތު ކުރިވެރުވުމަށް މިއީ ރަނގަޅު ފުރުސަތެއް." ސީފެއާޒް ޔޫނިއަނުން ބުންޏެވެ.

comment ކޮމެންޓް