މިފަހަރުގެ ލީގު އެއްވެސް ޓީމަކަށް ފަސޭހައެއް ނުވާނެ

ދިވެހި ލީގުގައި ޓީސީއާއި އީގަލްސް ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ދިވެހި ލީގު

މިފަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގަކީ އެއްވެސް ޓީމަކަށް ފަސޭހަ ވާނެ ލީގެއް ނޫން ކަމަށާއި ތަށްޓައް ވާދަ ކުރެވޭނެ ވަރުގަދަ ގިނަ ޓީމުތަކެއް މިފަހަރު އެބައޮތް ކަމަށް ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނެފި އެވެ.

ޓީސީ ސްޕޯޓްސް ކުލަބުން ޔުނައިޓެޑު ވިކްޓަރީއާ ދެކޮޅަށް މިއަދު ހަވީރު ނުކުންނަ އިރު އެ ޓީމުގެ ކުޅުންތެރިންގެ ރިކަވަރީގެ މައްސަލަ އޮތް ކަމަށް ޓީސީގެ ކޯޗު އާތީ ވަނީ ފާހަގަ ކޮށްފަ އެވެ. ނަމަވެސް އެ މެޗަކީ ޖުމްލަ ގޮތެއްގައި ފަސޭހަ ވާނެ މެޗެއްގެ ގޮތުގައި ބެލެވުނަސް އެ މެޗު ފަސޭހަކޮށް ނުލާނެ ކަމަށާއި ކޮންމެ ޓީމަކީ ވެސް ވަރުގަދަ ޓީމެއް ކަމަށް އާތީ ވަނީ ބުނެފަ އެވެ.

ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗު މުހައްމަދު އާތިފް (އާތީ) --- ސަން ފައިލް ފޮޓޯ/ އަފްރާހް

އާތީ ބުނީ މިދިޔަ އަހަރުގެ ސީޒަން ފެށުނު އިރު އެންމެ ވަރުގަދަ ޓީމެއްގެ ގޮތުގައި އޮތީ ނިއުރޭޑިއަންޓް ކަމަށެވެ. ނަމަވެސް އެ ޓީމަށް ދިމާވި މައްސަލަ ތަކާ އެކު އެ ޓީމުގައި ތިބި ރާއްޖޭގެ އެންމެ ފެންވަރު ރަނގަޅު 15 ކުޅުންތެރިޔަކު ވަނީ އެކި ޓީމުތަކަށް ބެހިފައި ކަން އާތީ ވަނީ ފާހަގަ ކޮށްފަ އެވެ. އަދި މިއަހަރުގެ ސީޒަނަށް ރާއްޖެއިން ބޭރުން ވެސް ގެނެސްފައި ވަނީ އެހެން އަހަރުތަކާ އަޅާ ކިޔާއިރު ފެންވަރު ރަނގަޅު ކުޅުންތެރިންތަކެއް ކަމަށް އާތީ ވަނީ ބުނެފަ އެވެ.

"ކޮންމެ ޓީމެއް ވެސް މިދިޔަ އަހަރެއް ވުރެން މާ ބޮޑަށް ވަރުގަދަ ވެފައި މިއޮތީ. އެހެން ވީމަ މި ލީގަކީ އެއްވެސް ޓީމަކަށް ފަސޭހަ ވާނެ ލީގެއް ނޫން. ކޮންމެ ޓީމަކީ ވެސް އިދިކޮޅު ޓީމުތަކަށް ބޮނޑިއެއް ދެވޭ ވަރުގެ ޓީމެއް،" އާތީ ބުންޏެވެ.

މީގެ އިތުރުން އާތީ ބުނީ ޑިފެންޑިންގް ޗެމްޕިއަންކަމުގެ ލަގަބު ޓީސީއަށް ލިބިފައި އޮތުމުން އެ ޓީމަށް އެކަމުގެ ޕްރެޝަރު އިތުރުވާ ކަމަށެވެ. އެގޮތުން މިހާރުގެ ކުޅުންތެރިންގެ މެންޓަލިޓީއަކީ ވަރަށް ތަފާތު މެންޓަލިޓީއެއް ކަމަށާއި އެ ކުޅުންތެރިން ތަޖުރިބާކާރު ކުޅުންތެރިންނާއި ޓީމުތަކާ ވާދަ ކުރާ އިރު ކުޅޭނީ އިތުރު ހިއްވަރަކާ އެކު ކަމަށް އާތީ ބުންޏެވެ.

"މިސާލަކަށް ބަލަމާ ހިނގާ ފޯކައިދޫ މެޗަށް. ފޯކައިދޫ ފުރަތަމަ މެޗުން އަހަރަމެން ވީ ޑުރޯ. ދެވަނަ މެޗު 3-2. އެކަމު ލީގުގައި ކުޅުނު މެޗުގައި އެވަރުގެ ހައިޕާއެއް ނެތޭ، ޓީސީއާ ކުޅުންވަރުގެ. އެއީ ރިސަލްޓް ނަގަން ޖެހޭ ނުވަތަ މަތީ ލެވެލް ޓީމަކާ ކުޅޭ އިރު ފެންނަ ތަފާތު."

comment ކޮމެންޓް