އައިއޯއައިޖީއަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ވޮލީ ޓީމު ސާބިއާގައި ކޭމްޕް ކުރަނީ

ގައުމީ ވޮލީ ޓީމާއެކު މިނިސްޓަރ މަހްލޫފް --- ފޮޓޯ/ޓްވިޓަރ

އަންނަ މަހުގެ 19 ވަނަ ދުވަހު މޮރިޝަސްގައި ފަށައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ފިރިހެން ވޮލީ ޓީމު ސާބިއާގައި ހާއްސަ ކޭމްޕެއް ކުރިއަށް ގެންދާ ގޮތައް ހަމަޖެހިއްޖެ އެވެ.

ރަސްމީ ދަތުރު ފުޅެއްގައި ޔޫރޮޕަށް ވަޑައިގެން މިވަގުތު ހުންނެވި ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފް މިއަދު ވަނީ ސާބިއާގެ ސްޕޯޓްސް މިނިސްޓަރު އުޑޯވިޗިޗްއާ ބައްދަލުކުރައްވައިފަ އެވެ. ޕޯޗުގަލްގެ ލިސްބޮންގައި ބޭއްވި ވޯލްޑް ކޮންފަރެންސް އޮން މިނިސްޓާރސް ރިސްޕޮންސިބަލް ފޯ ޔޫތް ފޯރަމް ނިންމާލުމަށްފަހު ސާބިއާއަށް މަހްލޫފް ވަޑައިގަތީ އެގައުމުގެ ބޮޑުވަޒީރުގެ ނައިބުގެ ދައުވަތަކަށެވެ.

މި ދަތުރުފުޅުގައި ރާއްޖޭގެ ކުޅިވަރުތައް ތަރައްގީ ކުރުމަށް ގިނަ ފުރުސަތު ތަކެއް ހޯދައިދިނުމާ ބެހޭ ގޮތުން އެ ގައުމުގެ ކުޅިވަރާ ބެހޭ މިނިސްޓަރާއި މަހްލޫފް ވަނީ ގިނަ ވާހަކަތަކެއް ދައްކަވައިފަ އެވެ. އެގޮތުން ރާއްޖޭގެ ފިރިހެން ވޮލީ ޓީމަށް އެގައުމުގައި ހާއްސަ ކޭމްޕެއް ބޭއްވުމުގެ ހުރިހާ ހަރަދެއް އެ ގައުމުގެ ކުޅިވަރާ ބެހޭ މިނިސްޓަރީއިން ކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. މިއީ ރާއްޖޭގެ ގައުމީ ވޮލީ ޓީމެއް ޔޫރޮޕުގައި ތަމްރީނުތަކެއް ހެދުމަށް ލިބޭ ފުރަތަމަ ފުރުސަތެވެ.

"މިއީ ރާއްޖޭގެ ގައުމީ ޓީމެއް ޔޫރަޕްގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކުރާނެ ފުރަތަމަ ފަހަރު. ސާބިއާގައި ގައުމީ ޓީމުގެ ޓްރެއިނިން ކޭމްޕްގެ ހުރިހާ އެހީތެރިކަމެއް އެ ގައުމުގެ ސަރުކާރުން ފޯރުކޮށްދޭނެ. ގައުމީ ޓީމަށް ފެންވަރު ރަނގަޅު މެޗުތަކެއް ކުޅުމުގެ ފުރުސަތު ފަހިވެގެންދާނެ،" މިނިސްޓަރު މަހުލޫފް ކުރެއްވި ޓްވީޓްގައިވެ އެވެ.

ސާބިއާ އަކީ ދުނިޔޭގެ ވޮލީ ބޯޅައިގައި ވަރުގަދަ ގައުމެކެވެ. އެގައުމުން ވަނީ 2011 ވަނަ އަހަރު ޔޫރަޕްގެ އެއް ވަނަ ހޯދައިފަ އެވެ. އެންމެ ފަހުން އޮތް ޔޫރަޕްގެ މުބާރާތުގައި ސާބިއާ ވަނީ ލޯ މެޑަލް ހޯދައިފަ އެވެ. ރާއްޖޭގެ ގައުމީ ޓީމު އެގައުމުގައި ކޭމްޕް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހު 3-14 އަށެވެ.

https://twitter.com/AhmedMahloof/status/1141238841337974784

comment ކޮމެންޓް