ރިޔާޒު (ޖޫން 24): ސައުދީ އަރަބިއާގެ އަބްހާ އެއާޕޯޓަށް ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން އަނެއްކާވެސް ހަމަލާއެއްދީ، އެކަކު މަރާލައިފި އެވެ.
ޔަމަނުގައި ސައުދީ އަރަބިއާ އިސްވެ އޮންނަ ކޯލިޝަނާ ހަނގުރާމަ ކުރަމުންދާ ހޫޘީންނާ ގުޅުން ހުރި އަލްމަސީރާ ޓީވީން ބުނި ގޮތުގައި އެޖަމާއަތުން ވަނީ އިއްޔެ އަބްހާ އާއި ޖިޒާން އެއާޕޯޓަށް ޑްރޯން ހަމަލާތަކެއް ދީފަ އެވެ.
އަދި ސައުދީ ކޯލިޝަނުން ނެރުނު ބަޔާނެއްގައިވާ ގޮތުން "އީރާނުން ވާގިވެރިވާ ހޫޘީން އަބްހާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ހަމަލާއެއްގައި ސީރިއާގެ މީހަކު މަރުވެ، ސައުދީ ހަތް މީހަކަށް ވަނީ އަނިޔާވެފަ" އެވެ.
މީގެ ކުރިން، މިމަހުގެ 12އިގައި ވެސް ހޫޘީންގެ ހަމަލާއެއް އަބްހާ އެއާޕޯޓަށް އަމާޒުވި އެވެ. ޔަމަނުގެ ބޯޑަރާ ގާތްގަނޑަކަށް 200 ކިލޯމީޓަރު ދުރުގައި އޮންނަ އެ އެއާޕޯޓަށް ދިން މިސައިލް ހަމަލާގައި 26 މީހުންނަށް އަނިޔާވި އެވެ.
ހޫޘީން ޔަމަނުގެ ވެރިރަށް ސަންއާ ހިފައި، އެޖަމާއަތުގެ ވެރިކަމެއް ގާއިމު ކުރީ 2014 ވަނަ އަހަރެވެ. އަދި ސައުދީ ކޯލިޝަނުން އެހަނގުރާމައިގައި ބައިވެރިވީ ހޫޘީން ބަލިކޮށް، ބައިނަލްއަގުވާމީ ދުނިޔެއިން ބަލައިގަންނަ ރައީސް އަބްދުރައްބުމަންސޫރު ހާދީގެ ސަރުކާރު ރުޖޫއަ ކުރާނެ ކަމަށް ބުނެ 2015އިގައި އެވެ.