އިންނަފުށީގައި ރިސޯޓު ތަރައްގީ ކުރުން މަޑުޖައްސާލަން އަންގައިފި

ބ. އިންނަފުށި--

ބ. އިންނަފުށީގައި ރިސޯޓު ތަރައްގީ ކުރުން މަޑުޖައްސައިލުމަށް ޓޫރިޒަމް މިނިސްޓްރީ އިން އަންގައިފި އެވެ.

އިންނަފުއްޓަކީ ބ. ގޮއިދޫ އަތޮޅުގައި އޮންނަ ރަށެކެވެ. އެރަށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ސީމާކް ޕްރައިވެޓް ލިމިޓެޑަށް ދޫކުރީ 2017 ވަނަ އަހަރުގެ އޮގަސްޓް ހަތްވަނަ ދުވަހު އެވެ.

އެ ރަށުގައި ރިސޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް އަދި ފަށައިފައެއް ނުވެ އެވެ. އިންނަފުށީގެ ކޮންސްޓްރަކްޝަން ޕީރިއަޑު މިއަހަރުގެ އޮގަސްޓް ހަތަކަށް ހަމަވާއިރު، އެ މުއްދަތު އިތުރު ކޮށް ނުދޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވަނީ ވިދާޅުވެފަ އެވެ.

އިންނަފުށި ހިއްކައިގެން އެރަށުގައި ރިސޯޓު ތަރައްގީ ކުރުމާ ދެކޮޅަށް ސޯޝަލް މީޑިއާގައި އަޑު އުފުލަމުން ދަނިކޮށް ޓޫރިޒަމް މިނިސްޓްރީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެ މަސައްކަތް މަޑުޖައްސާލުމަށް އެންގުމަށްފަހު، އެ ކަމަށް ހައްލު ހޯއްދަވާނެ ކަމަށެވެ.

"އޭގެ މާނައަކީ އެއްވެސް މީހަކު މަގުމަތިކޮށެއް ނުލާނަމޭ ސަރުކާރުންނެއް. އަޅުގަނޑުމެން ގަބޫލެއް ނުކުރަން ޑިސްޕިއުޓަކަށް ގޮސް ކޯޓް ބެޓްލް ތަކަކަށް ދާން ޖެހޭނެ ކަމަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.

އިންނަފުށި ކުއްޔަށް ދީފައިވާ ކުންފުންޏަށްވެސް އެކަން މިހާރު އަންގާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އިންނަފުށި ކުއްޔަށް ދޫކޮށްފައިވާ ކުންފުނިން އެރަށުގެ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި މީރާ އަށް 1.4 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ. އެރަށް ދޫކޮށްފައިވަނީ ޕްރޮޕޯޒަލް ހުށަހެޅުމުގެ ގަވައިދުގެ ތެރެއިންނެވެ.

މިނިސްޓަރު ވިދާޅުވީ ކޮންމެ އަތޮޅެއްގައިވެސް ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ބޭއްވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ތެރެއިން، އެގޮތަށް ހުރި ހުރިހާ ތަންތަނާމެދު ގޮތް ނިންމާނެ ކަމަށެވެ. ތިމާވެއްޓަށް ގެއްލުންވާނެ ގޮތަށް ޓޫރިޒަމްގެ އެއްވެސް ޕްރޮޖެކްޓެއް ކުރިއަށް ގެންދިޔުމުގެ ހުއްދަ ނުދެއްވާނެ ކަމަށްވެސް މިނިސްޓަރު އިއްޔެ ވިދާޅުވި އެވެ.

"ހަމައެގޮތަށް ގާނޫނީ ގޮތުން ބައިންޑިން ކޮންޓްރެކްޓެއް އޮތަސް ސަރުކާރުން ދައްކަންޖެހޭ ކޮސްޓެއް ދައްކާނަން،" މިނިސްޓަރު ވިދާޅުވީ އެ ޔަގީންކަން އިންވެސްޓަރުންނަށާއި ރައްޔިތުންނަށްވެސް ދެއްވާ ކަމަށެވެ.

އިންނަފުށި އޮންނަ ސަރަހައްދަކީ ޔުނެސްކޯ ބަޔޮސްފިއާ ރިޒާވް ސަރަހައްދުގައި އޮންނަ ރަށެކެވެ. ސީދާ އެ ރަށް ހިމާޔަތް ނުކުރިއަސް އެ ސަރަހައްދަކީ ހިމާޔަތް ކޮށްފައިވާ ސަރަހައްދެކެވެ. ރާއްޖޭގައި އޮތް ޔުނީކް އަތޮޅެއްގެ ގޮތަށް ސިފަކުރާ ގޮއިދޫ އަތޮޅުގައި އޮންނަ އެ ރަށް ހިއްކުމުގެ ބަދަލުގައި އެ ސަރަހައްދަކީީ ރާއްޖޭގެ ނެޗުރަލް ރިޒާވެއްގެ ގޮތުގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް