އެމްބާއްޕޭ ރެއާލް މެޑްރިޑާއި ގުޅޭނެ ކަމުގެ ޔަގީންކަން އެބައޮތް

ފްރާންސްގެ ހުނަރުވެރި ފޯވާޑް ކިލިއަން އެމްބާއްޕޭ --- ފޮޓޯ/ސްޓީވިން ކްރީކް

ޕީއެސްޖީގެ ހުނަރުވެރި ފޯވާޑް ކިލިއަން އެމްބާއްޕޭ، ކައިރި މުސްތަގުބަލެއްގައި ސްޕެއިންގެ ރެއާލް މެޑްރިޑާއި ގުޅޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިނިޝަސް ޖޫނިއާ ބުނެފި އެވެ.

ދާދި ފަހުން ފްރާންސް ކުޅުނު ރަހުމަތްތެރި ކަމުގެ މެޗުތަކަށް ފަހު އެމްބާއްޕޭ ވަނީ އޭނާ "އައު ޕްރޮޖެކްޓަކަށް" ތައްޔާރުވަފައިވާ ކަމަށް ބުނެފަ އެވެ. އޭގެ ސަބަބުން ޔޫރޮޕުގެ ބޮޑެތި ކުލަބުތައް އެލާޓަށް އައިސްފައިވާ އިރު ޕީއެސްޖީގެ ރައީސް ނަސީރު އަލް ޚަލެފީ ވަނީ އެކަން ދޮގު ކޮށްފަ އެވެ. އޭނާ ބުނީ އެމްބާއްޕޭ ބުނި އައު ޕްރޮޖެކްޓަކީ އޭނާ ޕީއެސްޖީގައި މަޑު ކުރުމަށް ގެންގުޅޭ ވިސްނުމާ އެކު ފަށާނެ ޕްރޮޖެކްޓެއް ކަމަށެވެ.

ނަމަވެސް އެމްބާއްޕޭ އެކަމާ ބެހޭ ގޮތުން ބަހެއް ބުނެފައެއް ނުވެ އެވެ. ޕީއެސްޖީގެ ބައެއް ތަރިން އަންނަ ސީޒަނުގެ ކުރިން އެކުލަބު ދޫކޮށްލާނެ ކަން އިއުލާން ކޮށްފައިވާ އިރު އެ ޓީމުގެ އެންމެ މަގްބޫލް އެއް ކުޅުންތެރިޔާ ކަމަށްވާ ނޭމާ ޖޫނިއާ ވެސް އެކުލަބު ދޫކޮށް އެނބުރި ބާސެލޯނާއަށް އަންނަން އުޅޭ ކަމުގެ އަޑު ދަނީ ވަރަށް ބާރަށް ފެތުރެމުންނެވެ. އަދި އޭނައާ އެކު ޑެނީ އަލްވޭސް ވެސް ބާސެލޯނާއާ ގުޅޭނެ ކަމަށް ރިޕޯޓުތަކުން ބުނެ އެވެ.

މިހާރު ހިނގަމުން މިދާ ޓްރާންސްފާ މާކެޓުގައި އެންމެ ހިންގުންތެރި ޓީމެއްގެ ގޮތުގައި ފާހަގަ ވެފައި ވަނީ ސްޕެއިންގެ ރެއާލް މެޑްރިޑެވެ. ރެއާލުން މިހާތަނަށް ފަސް ކުޅުންތެރިއެއްގެ ސޮއެ މި ސީޒަނަށް އެކަނި ވެސް ހޯދައިފި އެވެ. ނަމަވެސް އެ ހިސާބުން އަދި އެ ޓީމުން ކުޅުންތެރިން ހޯދުން ނިންމައެއް ނުލަ އެވެ. އެ ޓީމުގެ އަމާޒެއް ކަމުގައިވާ ކިލިއަން އެމްބާއްޕޭއާއި ޕޯލް ޕޮގްބާ ފަދަ ކުޅުންތެރިން ސޮއެ ހޯދުމުގެ މަސައްކަތް އެ ޓީމުން އަންނަނީ ކުރަމުންނެވެ.

ގަންނަ ކުޅުންތެރިންގެ ބަދަލުގައި ރެއާލުން ގިނަ ކުޅުންތެރިން ތަކެއް ވިއްކާލުމަށް ބޭނުންވެފައިވާ އިރު މިދިޔަ ސީޒަނުގައި އެ ޓީމާއި ގުޅުނު ބްރެޒިލްގެ ޒުވާން ފޯވާޑް ވިނިޝަސް ޖޫނިއާ ވަނީ ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ރެއާލްގެ ސަޕޯޓަރުންގެ ހިތްތައް ހޯދައިފަ އެވެ. އޭނާ މިދިޔަ ސީޒަނުގައި ދެއްކި ކުޅުމާ އެކު އަންނަ ސީޒަނުން ވެސް އޭނާ އެ ޓީމުން ފެންނާނެ ކަމަށް ބެލެވިފައިވާ އިރު ޕީއެސްޖީގެ އެމްބާއްޕޭ ވެސް ރެއާލުން ފެންނާނެ ކަމަށް ވިނިޝަސް ވަނީ ބުނެފަ އެވެ.

އޭނާ ބުނީ އެމްބާއްޕޭ ކައިރި މުސްތަގުބަލެއްގައި ރެއާލުން ފެންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"އަހަރެން އެންމެ ކުޅެން ބޭނުންވަނީ ނޭމާއާ އެކު. ހަމަ އެފަދައިން އެމްބާއްޕޭއާ އެކު ކުޅެލަން ވެސް ވަރަށް ބޭނުން. މެޑްރިޑުގެ ހުރިހާ ސަޕޯޓަރުން ވެސް އެ ދެ ކުޅުންތެރިން މު ކުލަބަށް ގެންނާން ބޭނުން ވޭ،" ވިނިޝަސް ބުންޏެވެ.

"އެމްބާއްޕޭ އަކީ އަދިވެސް ވަރަށް އުމުރުން ހަގު ޒުވާން ކުޅުންތެރިއެއް. އޭނާ މިހާތަނަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައިފި. ރެއާލާ އެކު ވެސް އޭނާ އެ ކާމިޔާބީތައް ތަކުރާރު ކުރެވޭނެ." އޭނާ މި ކުލަބާ ގުޅޭނެ ކަމުގެ ޔަގީންކަން އެބައޮތް."

comment ކޮމެންޓް