ގައިދީން ހަތިޔާރު ގެންގުޅޭތީ މާފުށީ ޖަލު ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފިއެވެ.
"ސަން" އަށް އެނގައިފައިވާ ގޮތުގައި މާފުށީ ޖަލު ބަލައި ފާސްކުރަނީ ޕްރިޒަން އޮފިސަރުންނެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާފުށީ ޖަލު ބަލައި ފާސްކުރަމުންދަނީ ޖަލުގެ ބައެއް ގޮޅިތަކުގައި ތިބި ބަންދު މީހުންނާއި ގައިދީން ގޮޅިތަކުގައި ހުރި ކެމެރާތަކަށް ގެއްލުންދީ، އޮފިސަރުންނަށް ހަމަލާދެމުންދާތީ ކަމަށެވެ.
"ހޯމް މިނިސްޓަރުގެ ލަފާފުޅާ އެއްގޮތަށް، ހަމަލާދިނުމަށް ބޭނުންކުރާ ތަކެތި އެމީހުންގެ އަތުން ހޯދުމަށްޓަކައި ގޮޅިތައް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފިން،" މުނާޒް ވިދާޅުވިއެވެ.
މުނާޒް ވިދާޅުވީ އެ އޮޕަރޭޝަން ކުރިއަށްގެންދަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މުވައްޒަފުންނާއި އިންސްޕެކްޓަރ އޮފް ޕްރިޒަންސްގެ ހާޒިރުގައި ކަމަށެވެ. އަދި އެހީތެރިކަން ބޭނުންވެއްޖެ ހާލަތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ފުލުހުންގެ ސްކޮޑެއް މާފުށީ ޖަލުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޖަލުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ކޮމިޝަނަރ އޮފް ޕްރިޒަންސް މުނާޒް ރޭ ވަނީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.