މިނީ ބަސް ގެންނަން އަގު ބަލައިފި، ހިދުމަތް ފެށޭނެ ދުވަހެއް ނޭނގެ

އެމްޓީސީސީ އިން ބަހުގެ ހިދުމަތުގައި ބޭނުން ކުރާ ބަހެއް -- ފޮތޯ :އެމްޓީސީސީ

މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް އެމްޓީސީސީ އާ ހަވާލުކުރީ ފެބްރުއަރީ މަހުއެވެ. ޓްރާންސްޕޯޓު މިނިސްޓްރީ އާއެކު އެމްޓީސީސީ އިން ސޮއިކުރި އެއްބަސްވުމުގެ ދަށުން ހަތަރު މަސް ތެރޭ އެ ހިދުމަތް ދޭންފަށަން ޖެހެއެވެ.

މާލެއަށް މިނީ ބަސް ތައާރަފު ކުރުމަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައިވެސް ހިމެނޭ ކަމެކެވެ. ނަމަވެސް ޕޮލިސީ ލެވެލްގައި ނިންމަންޖެހޭ ނިންމުންތައް ނުނިމި، މި ހިދުމަތް ފެށެނެ ދުވަހެއް ނޭނގެއެވެ.

އެމްޓީސީސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ މިނީ ބަހުގެ ހިދުމަތް ދިނުމަށް ކުރަންޖެހޭ ދިރާސާތައް ކޮށް، ބަސް ގެނައުމަށް ދާނެ ހަރަދު ބަލައި އެކަން ޓްރާންސްޕޯޓު މިނިސްޓްރީއާ މިހާރު ހިއްސާ ކޮށްފައިވާ ކަމަށެވެ. މިހާރު ކުރިއަށް ދަނީ ޕޮލިސީ ލެވެލްގައި ކުރާ މަޝްވަރާތައް ކަމަށް ޝާހު ވިދާޅުވިއެވެ.

https://sun.mv/116802

އެކަމާ ގުޅޭގޮތުން ޓްރާންސްޕޯޓު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަހުމަދު އާދިލް "ސަން" އަށް ވިދާޅުވީ އަދިވެސް އެ މަޝްވަރާތައް ކުރިއަށްދާކަމަށާއި މިނީ ބަހުގެ ހިދުމަތް ފެށޭނެ ސީދާ ދުވަހެއް ބުނަން އަދި ދަތި ކަމަށެވެ.

"އެކަމާ ގުޅޭ މަޝްވަރާތައް ސަރުކާރުގެ އިދާރާތަކާއެކު ކުރިއަށް އެބަދޭ،" އާދިލް ވިދާޅުވިއެވެ.

މީގެ ކުރިން އެމްޓީސީސީ އިން ބުނީ މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް ގެންނާނީ ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ބަސް ތަކެއް ކަމަށެވެ.

މިހާރު އެމްޕީއެލް އިން މާލެ އާއި ހުޅުމާލެ އާއި ދެމެދު ދޭ ބަހުގެ ހިދުމަތް އެމްޓީސީސީގެ ދަށަށް ބަދަލު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށްވެސް ޓްރާންސްޕޯޓު މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

އެކަން ކުރުމަށް ހުރި ދަތިތައް މިއަދުވެސް އެމްޓީސީސީ އިން ވަނީ ތަކުރާރުކޮށްފައެވެ. ހާއްސަކޮށް އެމްޕީއެލް އިން ބަހުގެ ހިދުމަތް ފެށީ ބޮޑު ލޯނެއް ނަގައިގެން ގެނައި ބަސް ތަކަކާއެކު ކަމަށްވެފައި، ގިނަ އަދަދެއްގެ މުވައްޒަފުން ހިދުމަތް ދިނުމަށް ބޭނުންކުރާއިރު އެ ހުރިހާ ދަރަންޏަކާއި ހަރަދެއް އެމްޓީސީސީގެ ދަށަށް ބަދަލު ކުރުމުގައި ހުރި ދަތިކަން އެމްޓީސީސީ އިން ފާހަގަ ކުރިއެވެ.

"އެމްޕީއެލް އިން ބަސް ގެނައުމަށް 130 މިލިއަން ރުފިޔާގެ ލޯނެއް ނެގި ކަމަށް އެ ކުންފުނިން އެބަ ބުނޭ. ބަހުގެ ހިދުމަތް ދިނުމށް 250 މުވައްޒަފުން ގެންގުޅޭ އިރު ޑެއިލީ އެކްސްޕެންސް ތައްވެސް އެބަހުރި،" އެމްޓީސީސީގެ ސީއީއޯ ޝާހު ވިދާޅުވިއެވެ.

އެމްޓީސީސީ އިން މިހާރުވެސް ރާއްޖޭގެ ދެ ސަރަހައްދެއް ފިޔަވައި ހުރިހާ ސަރަހައްދެއްގައި އަތޮޅު ފެރީގެ ހިދުމަތް ދެއެވެ. މާލެ އާއި ހުޅުމާލެ އާއި ދެމެދު ފެރީގެ ހިދުމަތްވެސް ދެނީ އެމްޓީސީސީ އިންނެވެ. ހުޅުމާލެ-ހުޅުލެ ބަހުގެ ހިދުމަތްވެސް ދޭ އެމްޓީސީސީ އިން ބުނީ އަތޮޅު ތެރޭގެ ފެރީގެ ހިދުމަތުން ދެކޮޅު ޖެއްސޭވަރު ވާ ކަމަށެވެ.

އެކުންފުންޏަށް އަބަދުވެސް އެންމެ ބޮޑު ގެއްލުމެއްވަނީ ދަތުރުފަތުރުގެ ހިދުމަތުންނެވެ. ނަމަވެސް އެކަން ކޮޅެއްގައި ޖެއްސުމަށް ޕަބްލިކް ޓްރާންސްޕޯޓަށް ޑައިރެކްޓް ސަބްސިޑީ ދިނުމާ ގުޅޭ މަޝްވަރާތައް ސަރުކާރާއެކު ކުރިއަށްދާ ކަމަށް ޝަހު މިއަދު ވިދާޅުވިއެވެ.

comment ކޮމެންޓް