"ކްރައިފް އަދި ގާޑިއޯލާއަށް ވެސް އާޖެންޓީނާ ދެން ސަލާމަތް ނުކުރެވޭނެ"

އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ --- ފޮޓޯ/ރަޔާން ބެންސަން

ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކޯޗުންގެ ތެރޭގައި ހިމެނޭ ޔޯހަން ކައިރަފާއި ޕެޕް ގާޑިއޯލާއާށް ވެސް ދެން އާޖެންޓީނާ ސަލާމަތް ނުކުރެވޭނެ ކަމަށް އެ ގައުމުގެ ފުޓުބޯޅަ އެސޯސިއޭޝަންގެ ޑިރެކްޓަރު ސީޒަރ ލުއިސް މެނޯޓީ ބުނެފި އެވެ.

ފަހަކަށް އައިސް އާޖެންޓީނާއިން ނެރެމުން އަންނަ ދަށް ނަތީޖާއާ އެކު އެ ޓީމުގެ ކޯޗުން ވަނީ އެތައް ފަހަރަކު ބަދަލު ކޮށްފަ އެވެ. ނަމަވެސް ޖެހެނީ އެއްތާކު އެވެ. ކޮންމެ ކޯޗެއް އަޔަސް ނެރެވެނީ ހަމަ އެއް ނަތީޖާއެކެވެ. ވޭތުވެ ދިޔަ ދެ ތިން އަހަރު ތެރޭ އާޖެންޓީނާ ވަނީ މީގެ ކުރިން ނުވެއްޓޭހާ ބޮޑު އަނދަވަޅަކަށް ވެއްޓިފަ އެވެ.

ވޭތުވެ ދިޔަ އަހަރުގެ ވޯލްޑް ކަޕަށް ވެސް ހަނިގޮތަކަށް ކޮލިފައިވި އާޖެންޓީނާއަށް އެ މުބާރާތުގައި ވެސް ރަނގަޅު ކުޅުމެއް ދެއްކޭ ގޮތެއް ނުވި އެވެ. އަދި އެ މުބާރާތުގެ ނާކާމީޔާބީއަށް ފަހު ޓީމުގެ އޭރުގެ ކޯޗު ޖޯޖް ސަމްޕޯލީ ވަނީ މަގާމުން ވަކި ކޮށްފަ އެވެ. އެއަށް ފަހު އެ ޓީމާ ހަވާލުވީ ލިއޮނެލް ސްކެލޯނީ އެވެ. އޭނާގެ ކޯޗު ކަމުގައި މިހާތަނަށް އާޖެންޓީނާ ކުޅުނު ގިނަ މެޗުތަކުން ވަނީ ބަލިވެފަ އެވެ.

މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާގެ ގްރޫޕް ބީގެ ތާވަލުގެ ފުލުގައި އޮތް އާޖެންޓީނާގެ އަމިއްލަ ބާރު ވަނީ ގެއްލިފަ އެވެ. ފުރަތަމަ މެޗުން ކޮލޮމްބިއާ ގާތުން އެ ޓީމު ބަލިވި އިރު ދެވަނަ މެޗުން ޕެރަގުއޭ ގާތުން ވެސް ވަނީ އެއްވަރު ވެފަ އެވެ.

އާޖެންޓީނާގެ ހާލަތާ މެދު ގިނަ ބަޔަކު ފާޑު ކިޔަމުން އަންނަ އިރު އެންމެ ގިނަ ބަޔަކު އަބަދު ވެސް ދައްކާ އެއް ވާހަކަ އަކީ އާޖެންޓީނާގެ ޓީމަށް ފެންވަރު ރަނގަޅު ކޯޗެއް ހަވާލު ނުވާ ވާހަކަ އެވެ. ނަމަވެސް އެ ގައުމުގެ ފުޓުބޯޅަ އެސޯސިއޭޝަންގެ ޑިރެކްޓަރު ސީޒަރ ލުއިސް މެނޯޓީ ބުނީ ދުނިޔޭގެ އެންމެ މޮޅެތި ކޯޗުން ކަމުގައި ގިނަ ބަޔަކު އިއްތިފާގުވާ ޔޯހަން ކައިރަފާއި ގާޑިއޯލާ އެ ޓީމާ ހަވާލުވި ނަމަވެސް މިހާރުގެ އެ ސްކޮޑާ އެކު އެ ޓީމަށް ކާމިޔާބީއެއް ހޯދައި ނުދެވޭނެ ކަމަށެވެ.

"އާޖެންޓީނާއަށް ދިމާވެފައި ވަނީ ކޯޗެއްގެ މައްސަލައެއް ނޫން. އެ ޓީމުގައި މިހާރު ހުރި ކޯޗު ވެސް މަގާމުން ވަކި ކުރެވި ދާނެ. ވަކި ބަދަލެއް އަންނާނެ ކަމަކަށް ފާހަގައެއް ނުކުރެވޭ. ފަހުގެ ތާރީހުތަކުގައި އެތައް ކޯޗުން ތަކެއް ޓީމާ ހަވާލު ވެއްޖެ. ހަމަ އެއް ނަތީޖާއެއް ނެރެވެނީ."

އާޖެންޓީނާއިން މާދަމާ ރޭ ގަތަރާ ދެކޮޅަށް ކުޅޭ މެޗަކީ އެ ޓީމުން މި އަހަރުގެ ކޮޕާ އެމެރިކާގައި ކުޅޭ ފަހު މެޗަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެ ޓީމު އެ މެޗުން މޮޅުވި ނަމަވެސް ޕެރަގުއޭއާއި ކޮލަމްބިއާ ބައްދަލު ކުރާ މެޗުން ޕެރަގުއޭ މޮޅުވެއްޖެ ނަމަ އާޖެންޓީނާ ކަޓާނެ އެވެ.

comment ކޮމެންޓް